ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި، ޕާޓީގެ ފިކުރުގެ ކެނޑިޑޭޓުން މިނިވަންކޮށް އިންތިޚާބުގައި ވާދަކޮށްގެން، ޕީއެންސީއަށް ލިބެންހުރި ގޮނޑިތަކެއް ދޫކޮށްލަންވީ ސަބަބެއް ނެތްކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.
ވިލިނގިލީ ދާއިރާގެ ޖަގަހައެއް މާލޭގައި ހުޅުވުމަށް ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ، ޕީޕީއެމް/ޕީއެންސީގެ ފިކުރުގެ ކަނޑިޑޭޓުންް މިނިވަންކޮށް ވާދަކުރަމުންދާތީ ބައެއް ގޮނޑިތައް ގެއްލިގެން ދިއުމުގެ ފުރުސަތު އޮތް ކަމުގައެވެ. އަދި ރައީސް ވިދާޅުވީ ލިބެންހުރި ގޮނޑިތަކެއް ދޫކޮށްލުމުގެ ބޭނުމެއް ނެތްކަމަށާއި، މިއީ މަނިކުފާނުގެ ސަރުކާރުން މާލެ އާއި ރަށްރަށަށް ކޮށްދޭން ނިންމާފައިވާ ތަރައްގީގެ މަޝްރޫއުތައް ހަގީގަތަކަށް ހެދުމަށްޓަކައި އެންމެން އެކަތިގަނޑަކަށް ވެ، އެއްބައިވަންތަ ވާންވީ ވަގުތު ކަމަށެވެ.
އަޅުގަނޑުމެންގެ އަތުގައި ހުރި ގޮޑިތަކެއް، ވިލިނގިލީ ދާއިރާ ފަދަ، ދޫކޮށްލަންވީ ސަބަބެއް ނެތް. އެކަން ނުކުރައްވަވާ.
ރައީސް މުއިއްޒު ވިދާޅުވި އެވެ.
އޭގެ އިތުން ރައީސް ވިދާޅުވީ ނައިފަރު ދާއިރާފަދަ ދާއިރާތަކަކީ ޒަމާނުއްސުރެ ޕީޕީއެމް/ޕީއެންސީގެ ފިކުރުގެ ދާއިރާތައް ކަމަށާއި، އެހެންނަމަވެސް ހަމަ އެ ފިކުރުގެ އަމިއްލަ ކެނޑިޑޭޓުން ވާދަކުރުމުގެ ސަބަބުން އެ ދާއިރާތައް އެމްޑީޕީއަށް ދިއުމުގެ ފުރުސަތު އޮތް ކަމުގައެވެ.
"ނައިފަރު ދާއިރާ. ނައިފަރު ދާއިރާގައި އަޅުގަނޑު ކެންޑިޑޭޓަކީ ބާސް، އަޅުގަނޑުމެންގެ ޕްރައިމަރީ ކާމިޔާބުކުރި އަޅުގަނޑުގެ ފުރިހަމަ އިތުބާރު އޮތް، ސަތޭކަ ޕަސެންޓް އިތުބާރު އޮތް ކެންޑިޑޭޓަކީ ބާސް. އެކަމަކު އެތަނުން އެހެން ބޭފުޅަކު، އަޅުގަނޑުމެންގެ ތެރެއިން ބޭފުޅަކު ނުކުމެވަޑައިގެން މަސައްކަތް ކުރެއްވީމާ އަޅުގަނޑުމެންގެ ޒަމާންވީ، އަބަދުވެސް އަޅުގަނޑުމެންނަށް ލިބޭ ގޮނޑިއެއް އެމްޑީޕީއަށް ނޫންތޯ ދާނީ. އެހެން މިހާރު އެ ދަނީ. އެހެން ނަހައްދަވާ ނައިފަރު ރައްޔިތުން.
ހަމަ ޕީޕީއެމް/ޕީއެންސީގެ ފިކުރުގެ ކެނޑިޑޭޓަކު އަމިއްލަ ގޮތުން ވާދަކުރަމުންދާތީ އެ ދާއިރާގެ ގޮނޑި ގެއްލުމުގެ ފުރުސަތު އޮތްކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވިއެވެ.
ބައިބައިވުންތަކަށް ފުރުސަތު ނުދީ، މިދިޔަ ރިޔާސީ އިންތިހާބުގައި ޕާޓީގެ އެންމެން ގުޅިގެން ދެއްކި އެއްބައިވަންތަކަން އަލުން ދައްކައިދިނުމަށް ރައީސް ވަނީ އެދިވަޑައިގަތެވެ.