މިސްކިތްތައް ފޮޅާ ސާފުކޮށް ބެލެހެއްޓުމުގެ ވަޒީފާއަށް ދެ ވަނަ ފަހަރަށް އިއުލާން ކުރުމުން 200 އަށް ވުރެ ގިނަ މީހުން ކުރިމަތި ލާފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
މިސްކިތްތައް ފޮޅާ ސާފުކުރާނެ މީހުން ލިބުމުގެ ދަތިކަން ހުރުމުން، ފޮޅާ ސާފުކުރާ މީހުންނަށް ވަޒީފާ ދޭ މުއްދަތު އިތުރުކޮށް، ފޮޅާ ސާފުކުރުމަށް ދިވެހުން ހޯދުމަށް ސިޓީ ކައުންސިލުން ނިންމީ އެ މަސައްކަތަށް ދިވެހިން ލިބުމުގެ ދަތިވެ، އެ ވަޒީފާތަކަށް އެކަށީގެންވާވަަރަށް މީހުން ކުރިމަތި ނުލުމުގެ ސަބަބުންނެވެ.
މިސްކިތްތައް ފޮޅާ ސާފުކުރުމަށް 114 މީހުން ހޯދުމަށް ފާއިތުވި ފެބްރުއަރީ މަހު އިއުލާން ކޮށްގެން އެކަށީގެންވާވަރަށް މީހުން ކުރިމަތި ލާފައި ނުވެއެވެ
މޭޔަރު އާޒިމް ވިދާޅުވެފައިވާ ގޮތުގައި 114 ވަޒީފާއަށް އިއުލާން ކުރުމުން އޭރު ކުރިމަތީ އެންމެ 14 ދިވެހިންނެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި މި މަސައްކަތަށް ދިވެހިން ލިބުމަށް ކުރިމަތިވާ ގޮންޖެހުމެއްގެ ގޮތުގައި ފާހަގަވެފައިވަނި އެއް އަހަރަށް ކޮންޓްރެކްޓް ކުރުމެވެ.
އިންޓަވިއު އަށް އައިސްފަވެސް ބައެއް މީހުން ވަޒީފާ ބޭނުން ނުވޭ އެއް އަހަރުދުވަހަށް ކޮންޓްރެކްޓު ހަދާތީ. އެހެންވީމަ މި އުސޫލު ބަދަލުކުރީމަ ދިވެހީން ލިބޭނެ ކަމަށް އަޅުގަނޑު އުއްމީދު މި ކުރަނީ.
އާޒިމް ވިދާޅުވިއެވެ.
މާރިޗްމަހު ބޭއްވި ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި އާޒިމްވަނީ ސިޓީ ކައުންސިލުން އެއް އަހަރުދުވަހަށް ނަގާ މުވައްޒަފުން 3 އަހަަރަށް ނަގާގޮތަށް ފާސްކުރުމަށް ހުށަހަޅުއްވާފައެވެ. އަދި ސިޓީ ކައުންސިލުންވަނީ އެގޮތަށް ބަދަލު ކުރުމަށް ފާސްވެސް ކޮށްފައެވެ.
މީގެ ކުރިން މިސްކިތަތައް ސާފުކޮށް ބަލަހައްޓަނީ އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމުގައި ވީނަމަވެސް، މިސްކިތްތަށް ސާފުކޮށް ބެލެހެއްޓުމާއި އެންމެހާ ކަންކަން މިހާރުވަނީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލު ކޮށްފައެވެ.
ކޮމެންޓު ފޮނުވާ