ތަޤްވާ މިސްކިތުން ހަތް ފަންކާ ވަގަށް ނެގި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި

ތަޤްވާ މިސްކިތުން ހަތް ފަންކާ ވަގަށް ނެގި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި

ގުޅުންހުރި

މާލޭގެ ގިނަ މިސްކިތްތަކަކުން ވައްކަން ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

މި މައްސަލައާ ގުޅިގެން ހޯމަ ދުވަހު ހައްޔަރުކޮށްފައިވަނީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ ދުވަހު އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށެވެ. ބެލެވޭ ގޮތުގައި މި މީހާ އަކީ މާލޭގެ ގިނަ މިސްކިތްތަކަކުން ފަންކާވަގަށް ނަގާފައިވާ މީހެކެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފަންކާއަކާ އެކުކަމަށެވެ. ވަގަށް ނެގި ހަ ފަންކާ ފުލުހުން ވަނީ ހޯދާފައެވެ.

އަދި މިމަހުގެ 30 ވަނަ ދުވަހު ދަރުމަވަންތަ މިސްކިތުން ފެން މީޓަރެއް ވަގަށް ނެގީ ވެސް އޭނާ ކަމަށް ފުލުހުން ގަބޫލުކުރެ އެވެ. އޭނާ ވައްކަންކުރިކަން ޔަގީންވާ އެއް މިސްކިތަކީ މާލޭގެ ހެންވޭރު ގައި ހުންނަ މަސްޖިދުލް ތަޤްވާއެވެ. މި ހަފުތާގެ ކުރީކޮޅު މާލޭ ސިޓީ ކައުންސިލުން ވަނީ މި މަހުގެ 27 ވާ ބުދަ ދުވަހުގެ ރޭ 10:00 އެހާކަންހާއިރު މިސްކިތުން ސްޓޭންޑް ފަންކާއެއް ވަގަށް ނެގި މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖް އާންމު ކޮށްފައެވެ.

ސިޓީ ކައުންސިލުން ބުނީ މަސްޖިދުލް ތަޤްވާއިން ތިން ރޭގެ ތެރޭގައި ހަތް ފަންކާ ވަގަށް ނަގާފައިވާ ކަމަށެވެ. މި ރަމަޟާން މަހު މިސްކިތްތަކުން ވައްކަން ކުރާ ކަމުގެ ރިޕޯޓްތައް ވަނީ އިތުރުވެފަ އެވެ.

ފެން މީޓަރު ވަގަށް ނެގި މައްސަލައަކީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ދަރުމަވަންތަ މިސްކިތަށް ގެއްލުން ދިން ދެވަނަ ފަހަރެވެ. މިދިޔަ މާޗް މަހުގެ 24 ވަނަ ދުވަހު ވަގުން ވަނީ މިސްކިތުގެ ފާރުތަކުގައި ހަރުކޮށްފައި ހުރި ދެ ފަންކާ ގެންގޮސްފަ އެވެ. އަދި މިމަހުގެ 18 ވަނަ ދުވަހު ވަނީ ބަންޑާރަ މިސްކިތާއި ވިޔާފަރިވެރިންގެ މިސްކިތުގެ އަންހެނުންގެ ވުޟޫ ސަރަޙައްދުތަކުގައި ހުރި ފެން ހޮޅިތަކާއި ފާޚާނާތަކަށް ގެއްލުންދީފައެވެ.

ވަރަށް މަދުން ނަމަވެސް މީގެ ކުރިން ވެސް މިސްކިތްތަކަށް އަމާޒުކޮށް ގެއްލުން ދިނުމުގެ އަމަލުތައް ހިންގާފައިވެ އެވެ. މިސްކިތްތަކުގައި ސީސީޓީވީ ކެމެރާ ހުރި ނަމަވެސް، މިސްކިތަތްކުން ވައްކަން ކުރުން ހުއްޓުވިފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ