ޒުވާނުންގެ މަރުކަޒުތައް ޔޫތު މިނިސްޓްރީއާއި ހަވާލު ނުކުރަން އައްޑޫސިޓީ ކައުންސިލުން ނިންމައިފިއެވެ.
އެކައުންސިލުން މިގޮތަށް ނިންމާފައިވަނީ، ޔޫތު ސެންޓަރުތައް ބަލަހައްޓާނީ އެ މިނިސްޓްރީން ކަމަށް ކުޅިވަރާ ބެހޭ މިނިސްޓަރު އަބްދުﷲ ރާފިއު ނެރުއްވި ސާކިއުލާއަކުން ބުރާސްފަތި ދުވަހު ނިންމާފައިވަނިކޮށެވެ.
ޔޫތު މިނިސްޓްރީން ނެރުނު ސާކިއުލާގައި ބުނެފައިވަނީ، އެ މިނިސްޓްރީން އެހެން ގޮތަކަށް ކަނޑަނާޅާހާހިދަކު، ޔޫތު ސެންޓަރުތައް ހިންގާނީ އެމިނިސްޓްރީންކަމަށް އެމިނިސްޓްރީގެ މެންޑޭޓުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލިން ޒުވާނުންގެ މަރުކަޒުތައް ޔޫތު މިނިސްޓްރީއާއި ހަވާލު ނުކުރަން ނިންމާފައިވަނީ އިއްޔެ ބޭވުނު އެކައުންސިލްގެ ކުއްލި ބައްދަލުވުމުގައެވެ.
ކައުންސިލުން ނިންމާފައިވަނީ ޔޫތު މިނިސްޓްރީގެ ސާކިއުލާއާއެއްގޮތަށް އައްޑޫ ސިޓީގެ ޔޫތު ސެންޓަރުތައް އެމިނިސްޓްރީއާއި ހަވާލުކުރެވެން ނެތްކަމަށެވެ. އަދި އޭގެ އިތުރުން މި ނިންމުން މިނިސްޓްރީއަށް އެންގުމުގެ އިތުރުން، ސިޓީ ކައުންސިލްގެ މި ނިންމުން މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއަށާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށާއި، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް މިމައްސަލަ ހުށަހެޅުމުގެ އިތުރުން މިކަން ރައީސުލް ޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެނައުމަށްވެސް އައްޑޫ ސިޓީ ކައުންސިލްގެ ކުއްލި ޖަލްސާގައި ނިންމާފައި ވެއެވެ.
ޔޫތު ސެންޓަރުތައް ޔޫތު މިނިސްޓްރޫގެ ދަށަށް ގެން ނިންމާފައިވާއިރު، ރަށްރަށުގެ ސްޕޯޓްސް ކައުންސިލަރުންގެ ގޮތުގައި ތިބި ފަރާތްތަކުގެ ވަޒީފާވެސް ޔޫތު މިނިސްޓްރީގެ ދަށަށް ބަދަލު ކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.
ކޮމެންޓު ފޮނުވާ