މި މަހުގެ 21 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީ އަށް މަޖިލިހުގެ މެޖޯރިޓީ ލިބުން ވާނީ ބޮޑާ ކަމަށް އިތުރު ކުރެވޭ ހަކަތައަކަށް ކަމުގައި ކުރީގެ ނައިބު ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް އެގޮތަށް ވިދާޅުވެފައި ވަނީ ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން މަސައްކަތް ކުރީ އެމަނިކުފާނު ޖަލުގައި ބާއްވައިގެން ވެރިކަމަށް އަންނަން ކަމަށާއި މިހާރުގެ ރައީސް މުހައްމަދު މުއިއްޒުގެ ކެންޑިޑެސީ ފައިލް ކުރީ އެމަނިކުފާނަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ސުޕްރީމު ކޯޓުން ނުނިންމަނީސް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނިކޮށެވެ.
މިއީ އޭރުވެސް ތެދު ގަބޫލްކުރާ، އަދި މިއަދުވެސް ނަޒާޙަތްތެރި ވަޒީފާގެ ބިރު ނެތް ނުވަތަ ވަޒީފާގެ އުއްމީދުގައި ނެތް ކޮން މެމްބަރަކު ދައްކަމުން ދިޔަ ވާހަކައެއް. ޕީޕީއެމްތެރޭ ގައި ތިބި އަބްދުއްރަޙީމުމެންފަދަ އަދި ޑރ. މުއިއްޒު ފަދަ ބޭފުޅުން މަސައްކަތް ކުރަމުން ދިޔަ ގޮތްކަން. މިކަން… https://t.co/tBCrIOqIJ4
— Mohamed Jameel Ahmed (@MJameelAhmed) April 1, 2024
ޔާމީންގެ އެ ވާހަކަފުޅާ ގުޅިގެން ޖަމީލް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޔާމީން ޖަލުގައި ބާއްވައިގެން ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން ވެރިކަމަށް އަންނަން އުޅުނު ވާހަކައަކީ ތެދު ގަބޫލު ކުރާ، އަދި މިއަދު ވެސް ނަޒާހަތްތެރި ވަޒީފާގެ ބިރު ނެތް ނުވަތަ ވަޒީފާގެ އުންމީދު ނެތް ކޮންމެ މެމްބަރަކު ދައްކަމުން ދިޔަ ވާހަކައެއް ކަމަށެވެ.
މިއީ ޕީޕީއެމްގެ ތެރޭގައި ތިބި ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ އާއި ރައީސް މުއިއްޒު ފަދަ ބޭފުޅުން މަސައްކަތް ކުރަމުން ދިޔަ ގޮތް ކަމަށް ޖަމީލް ވިދާޅުވިއެވެ. މިކަން އިތުރަށް މިއަދު ކަށަވަރު ވަނީ މި ބޭބޭފުޅުންގެ ބަސް މަގު މިއަދު ބަދަލުވެގެން ދިޔަ މިންވަރުން ކަމަށް ވިދާޅުވިއެވެ.
"ހަގީގަތް އޮޅުވާލަން މިވަރަށް ބިރު ނުގަންނަ ބަޔަކަށް މަޖިލިސް ނުވަތަ އެހެން އިތުރު ބާރެއް ލިބުން ވާނީ ޕީއެންސީގެ ބޮޑާ ކަމަށް އިތުރު ކުރެވޭ ހަކަތައަކަށް،" ޖަމީލް ވިދާޅުވިއެވެ.
"އެ ހުސްގޮނޑި އެއީ ހަމްދު ސަނާޔަށްފަހު ފުރަތަމަ މުހާތަބު ކުރެވޭ ފަރާތް ނޫންތޯ؟ ރަސްމީ ޓިކެޓް އެރުވީ ރައީސް ޔާމީނަށް މުޅި ރާއްޖެއިން ޕީޕީއެމްގެ މެމްބަރުން އައިސްގެން ނޫންތޯ؟ މެނިފެސްޓޯއަކީ ރައީސް ޔާމީނުގެ މެނިފެސްޓޯ ނޫންތޯ؟ ދިވެހިންގެ ރާއްޖޭގެ ޝިއާރަކީ ރައީސް ޔާމީނުގެ ޝިއާރު ނޫންތޯ؟ މި ހާގީގަތްތައް ނިކުމެ މިއަދު ދޮގު ކުރާ ބަޔަކަށް ވާގިވެރިވުން ވެގެންދާނީ ބޮޑުހަލާކަކަށް. ރައީސް ޔާމީނަށް މިމީހުން ނެތް ވަފާތެރިކަމެއް އެއްވެސް ރައްޔިތަކަށް ނުބާއްވާނެ"
ޕީއެންއެފް އޮފީހުގައި ރޭ ބޭއްވި ބައްދަލުވުމުގައި ޔާމީން ވިދާޅުވީ ރައީސް މުއިއްޒު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ގޭގެ އަށް ވަޑައިގަތުމުން، އެ މަނިކުފާނު މިނިވަން ނުވެ ހުރި ސަބަބާ ގުޅޭ ގޮތުން ސުވާލު ކުރާ ކަމަށެވެ. އެ ސުވާލަށް ރައީސް މުއިއްޒު ދެއްވާ ޖަވާބަކީ "ތިމަންނަން ހާދަ މަސައްކަތެއް އެކަމުގައި ކުރަމޭ" ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
"މުއިއްޒު ކުރައްވާ މަސައްކަތެއް ނޯންނާނެ އަޅުގަނޑު މިނިވަން ކުރާކަށް. އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ކަމަށް ވަންޏާ ސަރުކާރުގެ މަތީ ފަންތިން އަތް ބާނައިގެން އަޅުގަނޑުގެ ޝަރީއަތް މިހާތަނަށް ވެސް ލަސްކުރީ،" ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ އެމަނިކުފާނު އުޅުއްވީ ޕީޕީއެމް/ޕީއެންސީގެ މެންބަރުން މަގުމަތިކޮށްލަން ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކައެއް ކަމަށެވެ. އިންތިހާބު ބޮއިކޮޓު ކުރަން އެމަނިކުފާނު ވިދާޅުވި ކަމަށް ބުނާއިރު، ރައީސް ޔާމީނަށް ވާދަނުކުރެވޭ އިންތިހާބެއް ބޭއްވިޔަ ނުދޭނެ ކަމަށާއި މަގުމައްޗަށް ނުކުމެ ހުއްޓުވާނެ ވާހަކަ ވެސް ލީޑަޝިޕްގެ ބޭފުޅުން ދެއްކެވި ކަމުގައި ޔާމީން ވިދާޅުވިއެވެ. ޔާމީން ވިދާޅުވީ އިންތިހާބު ބޮއިކޮޓު ކުރުމަށް ވިދާޅުނުވާ ކަމަށާއި ބޮއިކޮޓު ކުރުމަކީ ހަމައެކަނި ފޮނުއްވި ހިޔާލެއް ކަމަށެވެ.
ކޮމެންޓު ފޮނުވާ