ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޛުކުރަމުން ދިޔަ ރ. މަޑުއްވަރީ ވިންޑްމާގޭ އަޙްމަދު އިޖާޒު (44 އަހަރު) މިރޭ ނިޔާވެއްޖެއެވެ.
ކަރެކްޝަންސްއިން ބުނެފައިވަނީ، އަޙްމަދު އިޖާޒު 8 މާރިޗު 2024 ގައި ނޭވާލާން އުނދަގޫވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިއުމުން، އޭނާ އީއާރްގައި އެޑްމިޓްކުރި ކަމަށެވެ. އަޙްމަދު އިޖާޒުއަކީ ޓީބީ ބަލި ހުރި މީހަކަށް ވެފައި، ބަލީގެ ޙާލަތު ދެރަކަމުން އޭނާއަށް 9 މާރިޗު 2024 ގައި އައިޖީއެމްއެޗްގެ އައިސީޔޫ ގައި އެޑްމިޓްކޮށް، ފަރުވާ ދޭންފަށާފައިވާކަމަށްވެސް ކަރެކްޝަންސްއިން ބުނެފައި ވެއެވެ. އަދި ޙާލަތު ގޯސްވެ، ފަހުން ވެންޓިލޭޓަރަށް ލުމަށްފަހު، އައިސީޔޫއިން އޭނާ ނިޔާވެފައިވާކަމަށް ކަނޑައަޅާފައިވަނީ ރޭ 23:30 ހާއިރު ގައި ކަމަށްވެސް ކަރެކްޝަންސްއިން ބުނެފައި ވެއެވެ.
އަޙްމަދު އިޖާޒުއަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލައެއްގައި، ތިން އަހަރު ދުވަހުގެ ޙުކުމެއް ތަންފީޛުކުރަމަށް 7 މާރިޗު 2024 ގައި ހުޅުމާލޭ ޖަލަށް ގެނެވުނު މީހެކެވެ.
އަޙްމަދު އިޖާޒު ނިޔާވުމާ ގުޅިގެން ކަރެކްޝަންސްއިން ވަނީ ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައެވެ.