ސްޕޯޓްސް ކައުންސިލަރުން ޔޫތު މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ނިންމައިފި

ސްޕޯޓްސް ކައުންސިލަރުން ޔޫތު މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ނިންމައިފި

ރަށްރަށުގެ ސްޕޯޓްސް ކައުންސިލަރުންގެ ގޮތުގައި ތިބި ފަރާތްތަކުގެ ވަޒީފާ ޔޫތު މިނިސްޓްރީގެ ދަށަށް ބަދަލު ކުރަން ނިންމައިފި އެވެ.

މިކަމާ ގުޅޭ ގޮތުން އެ މިނިސްޓްރީން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ މާދަމާ އިން ފެށިގެން ރަށް ރަށުގެ ސްޕޯޓްސް ކައުންސިލަރުން އެ މިނިސްޓްރީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ސިވިލް ސާވިސް ކޮމިޝަން (ސިއެސްސީ) އާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. ސާކިއުލާގައި ބުނެފައިވަނީ ސްޕޯޓްސް ކައުންސިލަރުންގެ މަގާމުގައި ތިބި ބޭފުޅުން އެމިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކުރައްވައި، އެމަސައްކަތް ވީ އެންމެ އަވަހަކަށް ކުރެއްވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު އަންގަވާފައިވާ ކަމުގައެވެ.

މީގެ އިތުރުން އަންނަ މަހުގެ 1 އިން ފެށިގެން ސްޕޯޓްސް ކައުންސިލަރުންގެ މުސާރަ އާއި އިނާޔަތްތައް ދިނުމުގެ އެންމެހާ ކަންކަން ވެސް ކުރާނީ ޔޫތު މިނިސްޓްރީން ކަމަށް ސާކިއުލާގައި ބުނެފައި ވެއެވެ.

ސްޕޯޓްސް ކައުންސިލަރުންނަކީ ކުރީގެ ސަރުކާރުން ކަސްރަތަށް އަހުލުވެރި ކުރުވަން ރަށްރަށުގައި ހިންގާ ކުޅިވަރުތަކުގައި އެހީތެރިވެދިނުމަށްޓަކައި ކޮންމެ ރަށަކަށް ޚާއްސަ ކުރެވުނު ފަރާތެކެވެ.

ދުޅަހެޔޮ ހަށިހެޔޮ މުޖުތަމައުއެއް ބިނާކުރުމުގެ ސިޔާސަތުގެ ދަށުން ކޮންމެ ރަށެއްގައި ކަސްރަތަށް އަހުލުވެރި ކުރުވަން ރަށްރަށުގައި ހިންގާ ކުޅިވަރުތަކުގައި އެހީތެރިވެދިނުމަށް ތަމްރީން ލިބިފައިވާ ސްޕޯޓްސް ކައުންސިލަރުންގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަރުގެ އެޕްރިލް މަހުއެވެ.

ކޮންމެ ރަށެއްގައި ސްޕޯޓްސް ކައުންސިލަރުން އުފެއްދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް 2018 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވައުދެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *