ބަނގުރަލާއި އޫރުމަހުގެ ބާވަތްތައް އުފުލާ ސަފާރީތަކުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ޓްރެކިން ޑިވައިސް ހަރުކުރަން މަޖުބޫރުވާ ގޮތަށް ގަވާއިދު އިސްލާކޮށް، އެ އަށް އަމަލު ކުރަން ފަށައިފިއެވެ.
ކަސްޓަމްސްއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައި ހުންނަ އުޅަނދުފަހަރާއި އެފަދަ އުޅަނދުފަހަރަށް ގޮސްއައިސްވާ އުޅަނދުފަހަރާއި ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުން އެއްތަނުން އަނެއްތަނަށް ގެންދެވޭ މުދާ ނުވަތަ ވަކި ގޮތަކަށް އަމަލު ކުރަން ގާނޫނު ނުވަތަ ގަވާއިދު ލާޒިމުކޮށްފައިވާ މުދަލާއި އެފަދަ މުދާ އުފުލާ އުޅަނދުފަހަރާއި އެފަދަ މުދާ ރައްދުކުރަންޖެހޭ އުޅަނދުފަހަރުގެ ހަރަކާތްތައް މޮނިޓާކޮށް، ކަސްޓަމްސްގެ ކޮންޓްރޯލް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން، "ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުން އެއްތަނުން އަނެއްތަނަށް ގެންދެވޭ މުދަލާއި ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައިވާ އުޅަނދުފަހަރު މޮނިޓާކޮށް ބެލެހެއްޓުމާބެހޭ އުސޫލެއް" 2018 ވަނަ އަހަރު އެކުލަވާލައި އަންނަނީ އަމަލުކުރަމުންނެވެ.
ކަސްޓަމްސްއިން ބުނީ، އެ އުސޫލަށް ފުރަތަމަ އަމަލުކުރަން ފެށި އިރު، "ރަސްމީ ބަނދަރު ފިޔަވައި އެހެން ތަންތަނަށް ދިއުމަށް ހުއްދަ ދެވޭ އުޅަނދު ފަހަރު" އަދި "ކަސްޓަމްސްއިން ދޫކުރާ ބަނގުރަލާއި އޫރުމަސް ގެންދަންޖެހޭ ތަނަށް ގެންދިއުމަށްޓަކާ އެތަކެތި އުފުލާ އުޅަނދުފަހަރު" ތަކުގައި އުޅަނދުފަހަރު އޮންނަ ތަން އަންގައިދޭ ޑިވައިސް ހަރުކުރެވި އުޅަނދުފަހަރުތަކުގެ ހަރަކާތްތައް މޮނީޓާކުރަން ފެށި ކަމަށެވެ.
އެ އުސޫލަށް މިދިޔަ މަހުގެ 29 ގައި ވަނީ އިސްލާހު ގެނެސްފައެވެ. އެ އިސްލާހާ ގުޅިގެން ކުރިން ޓްރެކިން ޑިވައިސް އަޅުވަންޖެހޭ އުޅަނދުފަހަރުގެ އިތުރުން ބައެއް ކަހަލަގެ އެހެން އުޅަނދުތަކުގައިވެސް ޓްރެކިން ޑިވައިސް ހަރުކުރަން ޖެހެއެވެ. އެ އިސްލާހަށް އަމަލުކުރަން ފެށީ މި މަހުގެ 15 ވަނަ ދުވަހުއެވެ.
އަލަށް ޓްރެކިން ޑިވައިސް ހަރުކުރަން ޖެހޭ އުޅަނދުތައް:
- ބަނގުރަލާ އޫރުމަހުގެ ބާވަތްތައް ހުންނަ ސަފާރީ އުޅަނދުފަހަރު
- ސޭފް އެންކަރޭޖްގެ ދަށުން ލޯކަލް ބަނދަރެއްގައި ބޭއްވުމުގެ ހުއްދަ ދެވޭ އުޅަނދުފަހަރު
- ކަސްޓަމްސް ކޮންޓްރޯލްގެ ދަށުގައި އޮންނަ އުޅަނދުފަހަރަށް ތަކެތި ހިފައިގެންދާ ލޯކަލް އުޅަނދުފަހަރު
ކަސްޓަމްސްއިން އިތުރަށް ބުނީ އެ އިސްލާހަށް އަމަލުކުރަން ފަށާފައިވާ އިރު، އަލަށް ޓްރެކިން ޑިވައިސް ހަރުކުރަން ޖެހޭ އުޅަނދުފަހަރުގައި ޓްރެކިން ޑިވައިސް ހަރުކޮށް، މޮނީޓާކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން ކަސްޓަމްސްއިން ބުނީ، އެ އުސޫލާ ހިލާފުވާ ފަރާތްތަކަށް ކަސްޓަމްސްއިން ދެމުން އަންނަ ހިދުމަތް މެދުކަނޑާލާނެ ކަމަށެވެ. އަދި ކަސްޓަމްސްގެ ގާނޫނާއި ގަވާއިދާ ހިލާފުވެއްޖެނަމަ، ގާނޫނާއި ގަވާއިދުގެ ދަށުން ފިޔަވަޅުވެސް އަޅަމުން ގެންދާނެ ކަމަށްވެސް ބުންޏެވެ.