ނަމާދުގައި އިތުރު ހަރަކާތް ކުރުމުން ނަމާދު ބާތިލުވާނެތަ؟

ނަމާދުގައި އިތުރު ހަރަކާތް ކުރުމުން ނަމާދު ބާތިލުވާނެތަ؟

الحمدللهوالصلاةوالسلامعلىرسولاللهوعلىآلهوصحبه، أمابعـد

ނަމާދުގައި ކޮންމެހެން ބޭނުންވެއްޖެ ހަރަކާތެއްމެނުވީ ކުރުމަކީ މަކްރޫޙަވެގެންވާ ކަމެކެވެ. ނަމާދުގައި ކުރެވޭ ޙަރަކާތްތައް ފަސް ބަޔަކަށް ބެހިގެންވެއެވެ.

1- ވާޖިބު ޙަރަކާތްތައް.

2- ކޮށްގެން ނުވާނެ ނުވަތަ ކުރުން ޙަރާމް ވާ ޙަރަކާތްތައް.

3- ކުރުން މަކްރޫޙަ ވެގެންވާ ޙަރަކާތްތައް.

4- ކުރުން މުސްތަޙައްބު (އެދެވިގެންވާ) ޙަރަކާތްތައް.

5- ކުރުމާއި ނުކުރުން ހަމަހަމަ ޙަރަކާތްތައް.

ކުރުން ވާޖިބުވެގެންވާ ޙަރަކާތްތަކަކީ އެއާނުލާ ނަމާދު ޞައްޙަ ނުވާނެފަދަ ކަމެއް މެދުވެރިވުމުން ކުރަންޖެހޭ ޙަރަކާތެވެ. މިސާލަކަށް ނަމާދަށްހުއްޓާ އޭނަގެ ހެދުމުގައި ނަޖިހެއް ފެނިއްޖެނަމަ އެނަޖިހެއް ނައްތާލުމަށް ކުރެވޭ ޙަރަކާތް. އެއްދުވަހަކު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މީސްތަކުންނާއިގެން ނަމާދަށް ހުންނަވަނިކޮށް ޖިބްރީލް ޢަލަހިއްސަލާމް ވަޑައިގެން އެކަލޭގެފާނުގެ ފައިވާންޖޯޑުކޮޅުގައި ނަޖިސް ހުރިކަމަށް ދެންނެވިއެވެ. އެހިނދު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ފައިވާންޖޯޑުކޮޅު ބާލުއްވާ ނަމާދު ފުރިހަމަ ކުރެއްވިއެވެ. (މިޙަދީޘް ރިވާކުރެއްވީ އަބޫދާއޫދު 650 .އަދި އިރުވާއުލް ޣަލީޟްގައި އިމާމު އަލްބާނީވަނީ ޞައްޙަކަމަށް ވިދާޅުވެފަ 284)

ނުވަތަ ޤިބުލަ ނޫންފަރާތަކަށް ނަމާދުކުރަންހުއްޓާ މީހަކުއައިސް ޤިބުލަ ހުންނަގޮތް ކިޔާދިނުމުން ޤިބްލައަށް އެނބުރުންފަދަ ހަރަކާތްވެސް ހިމެނޭނީ ކުރުން ވާޖިބު ޙަރަކާތްތަކުގެތެރޭގައެވެ.

ކުރުން ޙަރާމް ވެގެންވާ ޙަރަކާތްތަކަކީ ނުވަތަ ކޮށްގެންނުވާނެ ޙަރަކާތްތަކަކީ ބޭނުމެއްނެތް ގޮތުގައި ކުރެވޭ ގިނަގުނަ ޙަރަކާތްތަކެވެ. މިފަދަ ޙަރަކާތްތައް ކުރުމަކީ ނަމާދު ބާތިލުވެގެންދާނެ ޙަރަކާތްތަކެވެ. އެހެންކަމުން މިފަދަ ޙަރަކާތް ނަމާދުގެ ތެރޭގައި ކުރުމަކީ ޙަރާމްވެގެންވާ ކަމެކެވެ.

ކުރުން މުޞްތަޙައްބު (އެދެވިގެންވާ) ޙަރަކާތްތަކީ ނަމާދު ފުރިހަމަ ކުރުމުގެ ގޮތުން ކުރަންޖެހޭ ޙަރަކާތްތަކެވެ. މިސާލަކަށް ސަފުތައް ސީދާކޮށްލުމަށްޓަކައި ކުރިއަށް ނުވަތަ ފަހަތައް ޖެހުން، ނުވަތަ ސަފުގައި ހުސްޖާގައެއް އޮތްތަން ފެނުމުން އެޖާގަ ފުރުމުގެ ގޮތުން ކުރިއަށްޖެހުންފަދަ ޙަރަކާތްތަކެވެ. އެހެނީ އެފަދަ ޙަރަކާތްތައް ކުރެވެނީ ނަމާދު ފުރިހަމަ ކުރުމުގެ ގޮތުން ކަމަށް ވާތީއެވެ.

އެއްދުވަހަކު އިބްން ޢައްބާސް ރަޟިޔަﷲ ޢަންހު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުގައި އެކަލޭގެފާނުގެ ވާއަތްފަރާތްޕުޅުގައި ހުންނަވައިގެން ނަމާދު ކުރަން ފެއްޓެވިއެވެ. އެހިނދު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ފުރަގަހުން އަތް ގެންދަވާ އިބްން ޢައްބާސްގެ ބޮލުގައި ހިއްޕަވާ ކަނާއަތް ފަރާތަށް ބަދަލުކުރެއްވިއެވެ. (ބުޚާރިއާ މުސްލިމް ރިވާކުރެއްވި ޙަދީޘްފުޅެއް.)

ކުރުމާއި ނުކުރުން ހަމަހަމަވެގެންވާ ޙަރަކާތްތަކަކީ މަދުމަދުން ކެރެވޭ އަދި ކުދިކުދި ޙަރަކާތްތަކެވެ. ނުވަތަ ކޮންމެހެން ކުރަންޖެހިގެން ކުރެވޭ ގިނަ ހަރަކާތްތަކެވެ. ކީރިތިރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ކާފަދަރިކަނބަލުން އުމާމާ ބިންތި ޒައިނަބް ބިންތި ރަސޫލުﷲ ޞައްލަﷲ ޢަލައހި ވަސައްލަމް އުރުފުޅުވަޑުވައިގެން ޤިޔާމުގައި ހުންނަވާއިރު ހުންނަވައެވެ. އަދި ސަޖިދައަށް ވަޑައިގަންނަވަންވީމާ ބިންމަތީގައި ބައިންދަވައެވެ. ބުޚާރީ 5996، މުސްލިމް 543. ކޮންމެހެން ކުރަން ޖެހިގެން ކުރެވޭ ގިނަ ހަރަކާތްތަކަކުން ނަމާދު ބާތިލެއްނުވާނެއެވެ. މިސާލަކަށް ހަނގުރާމައިގެ މައިދާނުގައި ނަމާދު ކުރާ މީހަކު ތަންކޮޅެއް ގިނައިން ޙަރަކާތްކުރަން ޖެހިދާނެއެވެ. އެހެންނަމަވެސް އެއީ ކޮންމެހެން ކުރަންޖެހިގެން ކުރެވޭ ހަރަކާތްތަކަށް ވާތީ ﷲގެ އިރާދަފުޅުން އޭނާގެ ނަމާދު ބާތިލެއްނުވާނެއެވެ.

ކުރުން މަކްރޫހަ ވެގެންވާ ޙަރަކާތްތަކަކީ މިނޫން ގޮތްގޮތުން ކުރެވޭ ހަރަކާތްތަކެކެވެ. ނަމާދަށް ހުރެ ތުނބުޅިއާއި ކުޅުން، އަތުގައި އޮންނަ ގަޑިއާ ކުޅުންފަދަ ބޭނުންނެތްގޮތުގައި ކުރެވޭ ގިނަ ހަރަކާތްތަކުގެ ސަބަބުން ނަމާދު ބާތިލުވެގެންދިޔުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން އެފަދަ ކަންތަކުން ދުރުހެލިވުމަށް އަޅުގަނޑުގެ އަމިއްލަނަފުސަށާއި އެންމެ އަޚުންނާއި އުޚުތުންނަށް ނަޞޭޙަތްތެރިވަމެވެ.

ނަމާދު ބާތިލު ވުމަށް މެދުވެރިވާ ހަރަކާތްތަކަކީ ގުނާ އަދަދު ނުކުރެވޭހާ ގިނަ ކަންތައްތަކެވެ. އެހެނީ ނަމާދުން ބޭރު ކޮންމެ ހަރަކާތަކީ ނަމާދުބާތިލުވެދާނެފަދަ ހަރަކާތެކެވެ. އޭގައި ވަކި އަދަދެއް ކަނޑައެޅޭނެ ދަލީލެއްނެތެވެ. އެހެންކަމުން ޢިލްމުވެރިން ވިދާޅުވަނީ މިކަން ރުޖޫޢަވެގެންވަނީ ޢުރުފަށް ނުވަތަ ޢާދަކާދައިގެ މައްޗަށްކަމަށެވެ. މާނައަކީ މީހަކު ނަމާދުން ބޭރު ހަރަކާތްތަކެއް މާގިނައިން ކޮށްފިނަމަ އޭނަގެ ނަމާދު ބާތިލުވާނެއެވެ.

މުއުމިނުންގެ ކިބައިން އެދެވިގެންވަނީ ބިރުވެތިކަމާއި މަޑުމޮޅިކަމާއި އެކު ނަމާދަށްހުރުމެވެ. އެއީ ސުންނަތް ނަމާދުކަމުގައިވީނަމަވެސް އަދި ފަރުޟު ނަމާދުކަމުގައި ވީނަމަވެސް މެއެވެ. މާތްﷲ ވަޙީކުރައްވަނީ: (قَدْأَفْلَحَالْمُؤْمِنُونَ * الَّذِينَهُمْفِيصَلاتِهِمْخَاشِعُون ) المؤمنون/1-2މާނައަކީ: " ހަމަކަށަވަރުން މުއުމިނުންނަށް ކާމިޔާބު ލިބިއްޖެކަން ކަށަވަރެވެ. އެބައިމީހުންނަކީ އެބައިމީހުންގެ ނަމާދުތަކުގައި މާތްﷲ އަށް ބިރުވެތިވާމީހުންނެވެ." ނަމާދުގައި މަޑުމޮޅިވުމަކީ ނަމާދުގެ އެންމެ މުހިއްމު އެއް ރުކުނެވެ. واللهتعالىأعلم.

 

އެޑިޓަރުގެ ނޯޓް: ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ، ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފަކީ ފިގްހް ޢިލްމުން ޕީއެޗްޑީ ހައްދަވައިގެން ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން ދީނީގޮތުން ދިވެހި ރައްޔިތުންނަށް އޮޅުން އަރާފައިވާ ގިނަގުނަ ކަންތައްތަކެއް އޮޅުންފިލުވައިދެއްވުމަށް މަސައްކަތްކުރައްވާ ބޭފުޅެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *