ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ މެންބަރުން އެއް ރޫހެއްގައި، އެއް އާއިލާއެއްގެ ގޮތުގައި މަސައްކަތްކުރައްވައި، ސިޔާސީ މައިދާނުގައި ލާމަސީލު މިސާލެއް ދެއްކެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ޕާޓީގެ މެންބަރުންގެ ކިބައިން މިއަދު އެދިވަޑައިގެންފި އެވެ.
ރައީސް މިކަމަށް އެދިވަޑައިގަތީ ޕީއެންސީގެ މަތީ މަޖިލީހުގެ އިންތިހާބާ ގުޅިގެން، ޕާޓީގެ ކޮންގްރެސް ފެށުމުގެ ގޮތުން މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ޕާޓީގެ މެންބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެމަނިކުފާނު ވިދާޅުވީ ޕީއެންސީގެ ޝިއާރަކީ "އެންމެ ފުރަތަމަ ގައުމު" ކަމަށާއި، އެ ޝިއާރު ކޮންމެ މެންބަރެއްގެ ހަނދާނުގައި އަބަދުވެސް ބަހައްޓަވަން ޖެހޭ ކަމަށެވެ. އަދި ޕާޓީގެ ހުރިހާ މެންބަރުން ކޮންގްރެސްއަށް ހާޒިރުވެ ތިއްބެވީ އެކުގައި މަސައްކަތްކުރެއްވުމުގެ ވަރުގަދަ އަޒުމުގައި ކަން ރައްޔިތުންނަށް ދައްކުވައިދޭން ޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
"ޕާޓީގެ ހުރިހާ މެންބަރުން އެއް ރޫހެއްގައި، އެއް އާއިލާއެއްގެ ގޮތުގައި މަސައްކަތްކުރުމަށް އަޅުގަނޑުމެން މިތަނަށް އައިސް މިތިބީ،" ރައީސް ވިދާޅުވި އެވެ.
ޕީއެންސީއަކީ މިއަދު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ޕާޓީގައި ތިއްބެވީ އެންމެ 3،000 މެންބަރުން ކަމަށާއި، ނަމަވެސް މިހާރު އެ އަދަދު 80،000 އާ ގާތްކޮށްފައިވާ ކަމަށެވެ. އެ ކާމިޔާބީ ހާސިލްކުރެވުނީ ޕާޓީ ވަރުގަދަކުރެއްވުމަށް މެންބަރުން ކުރައްވާ ބުރަ މަސައްކަތްޕުޅުގެ ސަބަބުން ކަމަށްވެސް ވިދާޅުވި އެވެ.
ޕީއެންސީގެ ކޮންގްރެސްގައި ރާއްޖޭގެ ހުރިހާ ރަށަކުން މެންބަރުން ބައިވެރިވެއެވެ.
ކޮމެންޓު ފޮނުވާ