ސިޔާސީ މައިދާނުގައި ޒިންމާދާރުކަން ކުޑަ ޢަމަލުތައް ހިންގައި ޤައުމުގައި ހަމަނުޖެހުން އުފެއްދުމަށް ޕީއެންސީގެ ބަދަހި ލަޝްކަރުން ޖާގަ ދީގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސޯޝަލް ސެންޓަރުގައި ބޭއްވި ޕީއެންސީގެ މަތީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، އެ ޕާޓީގެ ރައީސްކަން ވެސް ކުރައްވާ ރައީސް މުޢިއްޒު ވިދާޅުވީ ޕީއެންސީގެ އަސާސީ ފަލްސަފާ ބިނާވެފައި އޮންނަނީ ހަމަޖެހުމާއި ތަރައްޤީ އަދި ރައްކާތެރިކަމުގެ މައްޗަށް ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކާއި ޚާރިޖީ ސިޔާސަތުގައި ވެސް އެންމެ ކުރީގައި އިސްކުރައްވަނީ ދިވެހި ޤައުމު ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަޙާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ރައީސް ވިދާޅުވީ، އެއްވެސް އިމެއް ނެތި ޒިންމާދާރުކަން ކުޑަ ގޮތެއްގައި ޢަމަލުކުރާ މަންޒަރު މިއަދު ފެންނަ ކަމަށާއި، އެފަދަ އެއްވެސް ކަމަކަށް ޕާޓީގެ ތެރެއިން ފުރުޞަތު ދީގެން ނުވާނެ ކަމަށެވެ. އަދި ޕީއެންސީއަކީ ވަކި ފަރުދެއްގެ ނުވަތަ ވަކި ބައެއްގެ މަޞްލަޙަތު އިސްކުރާ ޕާޓީއެއް ނޫން ކަމަށާއި، އެންމެ ފުރަތަމަ އިސްކުރައްވަނީ ޤައުމިއްޔަތާއި ދީނާއި ސަގާފަތާއި އަމިއްލަވަންތަކަން ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ޕާޓީގެ ހުރިހާ މެންބަރުން އެއް ރޫޙެއްގައި، އެއް ޢާއިލާއެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ. ރައީސް ވިދާޅުވި ގޮތުގައި 2023 ވަނަ އަހަރުގެ ނޮވެންބަރު 17 ގައި އެންމެ 3000 މެންބަރުން ތިބި ޕީއެންސީގެ މެންބަރުންގެ ޢަދަދު މިހާރު ވަނީ ގާތްގަނޑަކަށް 80،000 އަށް އިތުރުވެ، ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީގެ ޝަރަފު ހޯދާފައެވެ.
ކޮމެންޓު ފޮނުވާ