ވެރިކަން ކުރާ ޕީއެންސީގެ "ޕީޕަލްސް ނެޝަނަލް ކޮންގްރެސް 2026″ މިއަދު ސޯޝަލް ސެންޓަރުގައި ފަށައިފި އެވެ. މި ކޮންގްރެސް ކުރިޔަށްދާނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.
ކޮންގްރެސްގައި ޕާޓީގެ މަތީ މަޖިލީހުގެ 49 މަގާމަކަށް މީހުން ހޮވުމަށް ވަނީ ނިންމާފައެވެ. މީގެތެރޭގައި ނައިބު ރައީސްކަމުގެ މަގާމުތަކާއި، މެންބަރުންގެ މަޖިލީހުގެ މެންބަރުކަމާއި، އަންހެނުންގެ އަދި ޒުވާނުންގެ ހަރަކާތުގެ މަގާމުތައް ހިމެނެއެވެ. ޕާޓީގެ ރައީސް އާއި ޗެއާޕާސަންގެ މަގާމު ފިޔަވައި އެހެން ހުރިހާ އިސް މަގާމުތަކަށް މީހުން އިންތިހާބުކުރެވޭނެއެވެ. ޕީއެންސީގެ އަސާސީ ގަވާއިދު އޮންނަ ގޮތުން، ޕީއެންސީގެ ވެރިކަމެއް އޮންނައިރު ޕާޓީގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި ޗެއާޕާސަނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ބޭފުޅެކެވެ.
ޕާޓީއަށް އިންތިހާބުކުރަން ޖެހޭ ހަ ނައިބު ރައީސުންގެ މަގާމަށް 8 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. އޭގެތެރޭގައި ރައީސް މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު އަދި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ އާއި، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު އާއި، ސަރުކާރުގެ ތަރުޖަމާނު (މެންބަރު އަސްމާގެ ދަރިކަލުން) މުހައްމަދު ހުސައިން ޝަރީފް އާއި، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އާއި، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް ހިމެނިވަޑައިގަންނަވައެވެ.
ކޮމެންޓު ފޮނުވާ