ބޮޑުއަގުގައި ޑޮލަރު ވިއްކި ބަންގްލަދޭޝްގެ ދެ މީހަކު އިމިގްރޭޝަންގެ ބަންދަށް

ބޮޑުއަގުގައި ޑޮލަރު ވިއްކި ބަންގްލަދޭޝްގެ ދެ މީހަކު އިމިގްރޭޝަންގެ ބަންދަށް

Author
އަހުމަދު
15 ސެޕްޓެމްބަރ 2026 10:14
0

ރާއްޖޭގައި ގަވާއިދާ ހިލާފަށް، ބޮޑުއަގުގައި ޑޮލަރު ގަނެވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ބަންގްލަދޭޝްގެ ދެ ރައްޔިތަކު އިމިގްރޭޝަންގެ ބަންދަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ބޭރު ފައިސާގެ ގަވާއިދާ ހިލާފު މުއާމަލާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި ދެ މީހުން ބަންދުކުރެވިފައިވާ ކަމަށެވެ. ބަންދުކޮށްފައި ވަނީ އެމްޑީ މަސްއޫދު އަހުމަދާއި އަބޫ ތާހިރެވެ. މީގެ ތެރެއިން މަސްއޫދު ބަންދުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ. އަދި އަބޫ ތާހިރު ބަންދުކުރީ އިއްޔެ އެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލައިގެ ތަހުގީގު މިހާރު ދަނީ ކުރިއަށެވެ. އަދި މި ދެ މީހުންނާ މެދު އަޅާނެ ފިޔަވަޅެއް ނިންމާނީ ތަހުގީގުން ލިބޭ މައުލޫމާތުގެ އަލީގައި ކަމަށް ފުލުހުން ބުންޏެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން، ކަޅު ބާޒާރުގައި ޑޮލަރު ނުއަގުގައި ވިއްކުމަކީ ކުށެކެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން ދާދި ފަހުން ވިދާޅުވި ގޮތުގައި، މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން 12 ބިދޭސީއެއްގެ މައްސަލަ މިހާރު ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.