ފަތުރުވެރިޔާގެ ވަގަށްނެގި ތަކެތި ހޯދިފައި ނުވާތީ މޭޔަރު ކަންބޮޑުވުން ފާޅު ކޮށްފި

ފަތުރުވެރިޔާގެ ވަގަށްނެގި ތަކެތި ހޯދިފައި ނުވާތީ މޭޔަރު ކަންބޮޑުވުން ފާޅު ކޮށްފި

Author
ހުސެއިން
27 މާރޗް 2024 12:19
0

ފުވައްމުލަކުގައި ޗުއްޓީ ހޭދަކުރަމުންދާ ފަތުރުވެރިއެއްގެ ތަކެތި ބަޔަކު ވަގަށް ގެންދިއުމަސްފަހު އެއީ ކާކުކަން ދެނެގަނެވިފައިވާ ކަމުގައި ފުލުހުން ބުނެފައިވި ނަމަވެސް އެ ތަކެތި ހޯދިފައި ނުވާތީ ފުވައްމުލަކުގެ މޭޔަރު އިސްމާއިލް ރަފީގް ކަންބޮޑުވުން ފާޅު ކޮށްފިއެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އިސްމާއިލް ރަފީގް ވިދާޅުވީ އެ މައްސަލައާއި ގުޅިގެން އޭނާ ފަތުރުވެރިޔާއާއި ބައްދަލުކުރި ކަމަށާއި، އަދި ގެއްލުނު ތަކެތި މިހާތަނަށްވެސް ހޯދިފައި ނުވާކަމުގައެވެ. އަދި ފަތުރުވެރިންގެ ތަކެތި ސަމާލުކަން ދީގެން ގެންގުޅެން ފަތުރުވެރިން ހޭލުންތެރިކުރުމުގެ އިތުރުން އެރަށުގައި ޓޫރިސް ޕޮލިސް ގާއިމް ކުރުމަށް ޕޮލިސް ކޮމިޝަނަރާއި މަޝްވަރާ ކޮށްފައިވާކަމަށް އޭނާ މައުލޫމާތު ދީފައި ވެއެވެ.

ފަތުރުވެރިޔާ އަތުން ވަގަށް ނެގި ތަކެތި ހޯދިފައި ނުވިނަމަވެސް، ތަކެތި ވަގަށް ނެގިކަމަށް ބެލެވޭ މީހާ ފާހަގަ ކުރެވިފައުވާކަމަށް ފުލުހުން ބުނެފައިވެއެވެ. އެހެންނަމަވެސް އެއީ ކާކުކަމެއް ފުލުހުން ހާމަކޮށްފައި ނުވާއިރު އަދި މިހާތަނަށް އެމައްސަލައާއި ގުޅިގެން މީހަކު ހައްޔަރު ކޮށްފައެއްވެސް ނުވެއެވެ.

ފުވައްމުލަކުގައި ޗުއްޓީ ހޭދަކުރަމުންދާ ފަތުރުވެރިއެއްގެ ތަކެތި ވަގަށް ގެންގޮސްގެން އޭނާ ވަނީ އެވާހަކަ ސޯޝަލް މީޑިއާގައި ހާމަ ކޮށްފައެވެ. އޭނާ ބުނެފައިވަނީ އޭނާގެ ދަބަހާއި ޑްރޯނެއް ވަގަށް ގެންގޮސްފައިވަނީ އޭނާ ޑުރޯން ދުއްވަން އުޅެފައި މޫދަށް އެރުން ގަޑީގައި ކަމުގައެވެ.

އޭނާ ކިޔާއިދޭ ގޮތުގައި އޭނާ ޑްރޯން ދުއްވަ ހުއްޓާ ދެ ކުއްޖަކު އޭނާގެ ގާތުގައި އެކަމާއި ބެހޭގޮތުން ސުވާލުކޮށްފައި ވެއެވެ.

އަދި އޭނާ ކިޔައިދިން ގޮތުގައި ގާތްގަޑަކަށް 3 މިނިޓެއްހާއިރު އުމުރުން 15 އަހަރާއި 17 އަހަރާއި ދެމެދުގެ ދެ ފިރިހެން ކުދިން އޭނާއާއި ވާހަކަ ދައްކަން ތިބެފައި އޭނާ ދެން އެރުނީ މޫދަށް ކަމުގައެވެ. އޭނާ ބުނި ގޮތުގައި ދަބަހާއި ޑްރޯން ގެންގޮސްފައިވަނީ އޭނާ މޫދަ އެރުނު ވަގުތުއެވެ.

އޭނާ ތުހުމަތު ކޮށްފައިވާ ގޮތުގައި ދަބަހާއި ޑްރޯން ގެންގޮސްފައިވަނީ އޭނާ މޫދަށް އެރެންދެން ފިލައިގެން ތިބި ބައެކެވެ.

ފަތުރުވެރިޔާ ބުނެފައިވަނީ އޭނާގެ ފޯނާއި ވޮލެޓުގެ އިތުރުން ސައިކަލު ތަޅުދަނޑި ވެސް އޮންނާނީ ވަގަށް ގެންދިޔަ ދަބަހުގެ ތެރޭގައެވެ. އޭގެ އިތުރުން އޭނާގެ ވޮލެޓުގައި 1،500 ދިވެހި ރުފިޔާގެ އިތުރުން 200 ޑޮލަރު އޮންނާނެ ކަމަށް ފަތުރުވެރިޔާ ބުނެއެވެ.

ފުލުހުން ބުނެފައިވަނީ އެމައްސަލަ ތަހުގީގު ކުރަމުންދާކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.