އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އަނބިކަނބަލުން މެލަނިއާ ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެއްޖެ އެވެ.
ރައީސް ޓްރަންޕަކީ ކޯވިޑްގެ ނުރައްކާ ކުޑަކަން ދައްކަވަން ފެށުނީއްސުރެ މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޓްރަންޕާއި މެލަނިޔާ ޕޮޒިޓިވްވުމުން މި ބަލިމަޑުކަމުގައި ދުނިޔޭގެ އިޤްތިސާދަށާއި ދުނިޔޭގެ ހާލަތަށާއި އެމެރިކާގެ ރައީސް އަލުން އިންތިހާބުވެޑައިގަތުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ބޮޑެތި އަސަރުތަކެއް ކުރާނެކަމަށް ބެލެވެއެވެ.
މިއީ އެމެރިކާގެ ރައީސަކު އޭނާގެ ރިޔާސީ ދައުރުގެ ތެރޭގައި މިފަދަ ނުރައްކާތެރި ބައްޔަކާއި ކުރިމަތިލަންވަން ޖެހިވަޑައިގެންނެވި ފުރަތަމަ ފަހަރުއެވެ. އުމުރުފުޅުން 74 އަހަރުގެ ޓްރަންޕް ވެގެންދާނީ މި ބަލިމަޑުކަމުގެ އެންމެ ސީރިއަސް ކެޓަގަރީގެ ތެރޭގައި ހިމެނިވަޑާއިގަންނަވާނެ ބޭފުޅަކަށެވެ.
މިހާތަނަށް އެމެރިކާގައި މި ބަލީގައި ދެ ލައްކަ އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. ކޯވިޑަށް ޕޮޒިޓިވްވިކަން އިއުލާންކުރައްވާ ޓްރަންޕް ޓްވިޓަރ ލިޔުއްވާފައިވަނީ އޭނާއާއި ފަސްޓްލޭޑީ މެލަނިޔާ ކޯވިޑަށް ޕޮޒިޓިވްވެއްޖެކަމަށެވެ. އަދި ވީހާ އަވަހަކަށް ބަލިން ސަލާމަތްވެވަޑައިގަތުމަށް މަސައްކަތް ފެށުމުގެ ގޮތުން ކަރަންޓީނު ވެވަޑައިގެންވާނަކަމަށެވެ.
މިދިޔަ އަންގާރަދުވަހު އެޤައުމުގައި ބޭއްވި ރިޔާސީ ބަހުސްގައި ރައީސް ޓްރަންޕް ވަނީ އޭނާގެ ވާދަވެރި ކެންޑިޑޭޓް ޖޯ ބައިޑަން އަބަދުވެސް މާސްކު އަޅުއްވާކަމަށް ވިދާޅުވެ ވަރަށް ބޮޑަށް މަލާމަތްކުރައްވާފައެވެ. ޓްރަންޕް ވިދާޅުވީ ކޯވިޑް ވައިރަސް ދެކެ ބިރުން ޖޯ ބައިޑަން އަބަދު ހުންނަވަނީ އެހެން މީހުންނާއި 20 ފޫޓް ދުރުގައި މާސްކު އަޅުއްވައިގެންކަމަށެވެ. މާސްކު އެޅުއްވުމަށް އޭނާވެސް ދެކޮޅު ނުހަދައްވާކަމަށާއި އެހެންނަނަމަވެސް ބޭނުންވެއްޖެ ހާލަތެއްގައި މާސްކު އެޅުއްވޭގޮތަށް އަބަދުވެސް އަތްޕުޅުގައި މާސްކު ގެންގުޅުއްވާކަމަށްވެސް ޓްރަންޕް ވަނީ ވިދާޅުވެފައެވެ.
އެމެރިކާއަކީ ކޮވިޑް19 ގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ ގައުމެވެ. އެ ގައުމުން މިހާތަނަށް 7,494,671 މީހަކަށް ބަލި ޖެހިފައިވާއިރު، ބަލީގައި 212,660 މީހަކު ވަނީ މަރުވެފައެވެ.