ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސްކުރާ އެކްޝަން ފިލްމަކަށް ޕްރިޔަންކާ ޗޯޕްރާ ސޮއިކުރަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މި އަހަރުގެ ހޯލީ ފާހަގަކުރަން ޕްރިޔަންކާ މިހާރު އިންޑިއާ އަށް ކުރަމުން އަންނަ ދަތުރުގެ ތެރޭގައި މި ޕްރޮޖެކްޓާ ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.
އަދި ބަންސާލީ ފަދަ ޑައިރެކްޓަރަކާ އެކީ އަލުން މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ޕްރިޔަންކާގެ ވަރަށް ބޮޑު ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ. މީގެ ކުރިން ވެސް ޕްރިޔަންކާ ވަނީ ބަންސާލީ އާއި އެކުގައި މަސައްކަތް ކޮށްފައިއެވެ.
އެމެރިކާގައި ދިރިއުޅޭ އަދި ބޮލީވުޑަށް ވުރެ ބޮޑަށް ހޮލީވުޑަށް އިސްކަންދޭ ބަތަލާ މީގެ ކުރިން ބަންސާލީ ޑައިރެކްޓްކުރި ދެ ފިލްމަކާއި ޕްރޮޑިއުސްކުރި ފިލްމެއްގައި މަސައްކަތްކުރި އެވެ. އެއީ 2015 ގެ "ބަޖިރާއޯ މަސްތާނީ" ކުޅުނު ސަޕޯޓިން ރޯލާއި 2013 ގެ "ރާމް-ލީލާ" ގައި ކުޅުނު އައިޓަމް ލަވައިގަ އެވެ. އަނެއް ފިލްމަކީ 2014 "މޭރީ ކޮމް" އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި މި ދަތުރުގެ ތެރެއިން ޕްރިޔަންކާ އަންނަނީ އޭނާއަށް ހުށަހަޅާފައިވާ އެކި ފިލްމުތަކުގެ ސްކްރިޕްޓްތައް ކިޔަމުންނެވެ. އަހަރުތަކަކަށް ފަހު ޕްރިޔަންކާ އިންޑިއާގެ ގިނަ ފިލްމުތަކެއްގައި މަސައްކަތްކުރަން ތައްޔާރުވަމުން އަންނަ ކަމަށް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.
ޕްރިޔަންކާ އެންމެ ފަހުން ސޮއިކުރި ހިންދީ ފިލްމަކީ ޑައިރެކްޓަރު ފަރުހާން އަޚްތަރު 2021 ގައި އިއުލާންކުރި "ޖީ ލޭ ޒަރާ" އެވެ. ނަމަވެސް ކާސްޓްގައި އާލިއާ ބަޓާއި ކެޓްރީނާ ކައިފް ވެސް ހިމެނޭ މި ފިލްމު އޮތީ ވާނުވާގަ އެެވެ.
ބަންސާލީ މިހާރު ތައްޔާރުވަމުން އަންނަނީ އޭނާގެ ފުރަތަމަ ވެބް ސީރީޒް "ހީރާމަންޑީ" ނެރުމުގެ މަސައްކަތަށެވެ. ވަރަށް އަވަހަށް ނެޓްފްލިކްސް އިން ސްޓްރީމްކުރަން ފަށަން ހަމަޖެހިފައިވާ މި ސީރީޒްގެ ލަވައެއް ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ.