ސުމާޓް ފޯނަކީ މިހާރު އެންމެންނަށްވެސް އެއާ ނުލާ ނޫޅެވޭވަރު ވެފައިވާ އެއްޗެކެވެ. ބައެއް މީހުނަށް ސްމާޓް ފޯނު ވެފައިވަނީ ދިރިއުޅުމުގެ އެއް ބައި ކަމަށެވެ. އެމީހަކު ދާހާތާކަށް އެ ހިފައިގެން ނޫނީ ނުދެވޭ އެއްޗަކަށެވެ. ހަމައެހެންމެ ވަރަށް "އޮޑް" ތަންތަނުގައި ވެސް އާންމުކޮށް މީހުން ބޭނުން ކުރާ އެއްޗަކަށް ސްމާޓް ފޯނު މިވަނީ ވެފައެވެ.
އެގޮތުން އެންމެ ގިނަ ބަޔަކު ސްމާޓްފޯނު ބޭނުންކުރާ އެންމެ ތަފާތު އެއް ތަނަކީ ފާހާނާއެވެ. ނަމަވެސް އެއީ ކުރަން އެންމެ ރަނގަޅު ކަމެއް ނޫންކަން ހިނގާފައިވާ ހާދިސާތަކުން އެނގެއެވެ.
މި ކިޔައި ދެނީ މިފަދަ ގޮތަކަށް ފާހާނާގައި ފޯނު ބޭނުންކުރި ރަޝިޔާގެ ޒުވާން އަންހެނަކަށް ދާދި ފަހުން ދިމާވި ހިތާމަވެރި ހާދިސާއެކެވެ.
24 އަހަރުގެ އޮލެސްޔާ ސެމެނޯވާ ބާތު ޓަބްގައި އިނީ އޭނާގެ އައިފޯނު ޗާޖަށް ޖަހައިގެން ފޯނާ ކުޅޭށެވެ. އެހެން އިންދާ ބާތު ޓަބްގެ ތެރެއަށް ފޯނު ވެއްޓި ކަރަންޓް ޝޯކެއް ޖެހި އޭނާ ވަނީ މަރުފައެވެ.
އޭނާގެ ފުރާނަ ނެތް މަސްގަނޑު ފެނިފައިވަނީ އޭނާއާއެކު އެއްކޮޓަރީގައި އުޅޭ ޑާރިއާއަށެވެ. ޑާރިއާ ބުނީ އޭނާއަށް ހަށިގަނޑު ފެނުމުން ހަޅޭއްލަވައިގަނެވުނު ކަމަށެވެ. އަދި ސެމެނޯވާގެ ހަށިގަނޑުގައި އެއްވެސް ހަރަކާތެއް ނެތް ކަމަށާއި މީހާ އޮތީ ހުދުވެފައި ކަމަށް ޑާރިއާ އެމަޖެންސީ އޮޕަރޭޓަރަށް ވަނީ ކިޔާދީފައެވެ.
" އަހަރެން ހުރީ ވަރަށް ބިރުން، އަހަރެން ސެމެނޯވާގެ ހަށިގަނޑުގައި އަތްލާން އުޅުމުން އަހަންނަށްވެސް ކަރަންޓް ޝޮކް ޖެހުނު"
– ޑާރިއާއެމަޖެންސީ އޮޕަރޭޓަރަށް ކިޔައިދިނެވެ.
އޭރުވެސް ބާތުޓަބްގެ ފެންގަނޑު ތެރޭ ސެމެނޯވާގެ އައިފޯނު 8 އޮތީ ޗާޖުވެޗާޖު ވާކަމަށް ވެސް ޑިއާނާ ބުނެފައިވެއެވެ.
ހާދިސާ ހިނގިތަނަށް ފުރަތަމަ އައި ޕެރަމެޑިކް ޓީމުންވެސް ސެމެނޯވާ މަރުވީ ޗާޖަށް ޖަހާފައިވާ ފޯނު ފެނުގެ ތެރެއަށް ވެއްޓި ކަރަންޓް ޝޮކް ޖެހިގެން ކަން ވަނީ ކަށަވަރުކޮށްދީފަ އެވެ. ހާދިސާ އަށްފަހު ރަޝިޔާގެ އެމަޖެންސީސް މިނިސްޓްރީން ވަނީ މިފަދަ ގޮތްގޮތަށް ފެނުގެ ކައިރީ ކަރަންޓް ސާމާނު ނުގެންގުޅުމަށް އިންޒާރު ވެސް ދީފައެވެ.
މިފަދަ އެތަކެއް ހާދިސާތަކެއް ރަޝިޔާގައި މީގެ ކުރިންވެސް ހިނގާފައިވެއެވެ. އެގޮތުން މިއަހަރުގެ އޮގަސްޓް މަހުގައި 15 އަހަރުގެ ކުއްޖެއްވެސް ވަނީ ހަމަ ބާތު ޓަބް ތެރޭގައި އެލެކްޓުރިކް ޝޮކު ޖެހިގެން މަރުވެފައެވެ. މީގެ އިތުރުން މި ދިޔަ އަހަރު ފާހާނާ ތެރޭގައި ހެއާ ޑުރަޔާއެއް ބޭނުންކުރަން ހުރި ޒުވާނަކުވެސް ވަނީ ކަރަންޓް ޝޮކު ޖެހިގެން މަރުވެފައެވެ. އަދި ބާތު ޓަބަށް ފޯނު ވެއްޓިގެން މަރުވި ތަފާތު ގިނަ ހާދިސާތަކެއް ވެސް ނޫސްތަކުން ރިޕޯޓުކޮށްފައި ވެެއެވެ.
އެހެންކަމުން ފާހާނާ ފަދަ ތަންތަނުގައި ކަރަންޓަށް ޖަހައިގެން ބޭނުން ކުރާ ތަކެއްޗާއި ސްމާޓްފޯނު ބޭނުން ކުރުމުގެ ކުރިން މުގައި ވަރަށް ބޮޑަށް ސަމާލު ވާން ޖެހެއެވެ. އެންމެ ރައްކާތެރި ގޮތަކީ މިފަދަ ތަކެތި ފާހާނާގައި އުޅޭ ވަގުތު ބޭނުން ނުކުރުމެވެ.