ހުޅުމާލެ ޔޫތު މޫވްމަންޓް (އެޗްވައިއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ "އެޗްވައިއެމް ރަމަޟާން ޔުނިޓީ ފުޓްސަލް ޗެލެންޖް 1445″ ގެ ފައިނަލަށް އެޗްވައިއެމްގެ ދެ ޓީމު ކަމަށްވާ ބްލެކް ފްލޭޝް އާއި ބުލް ޝާކްސް ރޭ ދަތުރުކޮށްފިއެވެ.
ހުޅުމާލެ ރެހެންދި އެއް ނަމްބަރު ފުޓްސަލް ދަނޑުގައި ކުޅުނު ސެމީ ފައިނަލް ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ބްލެކް ފްލޭޝް ވަނީ 5-2 އިން އެޗްވައިއެމް ވެޓަރަންސް ބަލިކޮށްފައެވެ. އަދި ދެވަނަ ސެމީގައި ބުލް ޝާކްސް އާއި ޓީމް އެފްއެފް ބައްދަލު ކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 އިން އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 4-2 އިން ވަނީ ބުލް ޝާކްސް ޕެނަލްޓީ ކާމިޔާބުކޮށްފައެވެ.
ބްލެކް ފްލޭޝް އާއި ވެޓަރަންސް ބައްދަލު ކުރި މެޗުގައި ބްލެކް ފްލޭޝްގެ ލަނޑުތައް ކާމިޔާބުކޮށް ދިނީ މުހައްމަދު ނާވީ އާއި މުހައްމަދު ހުމައިދު (ތޯރީ) އާއި މުހައްމަދު ޔާމީން (ޔާންޓެ) އާއި ކީޕަރު އަހުމަދު ޝިހާން (ގޮއްބެ) އާއި މުހައްމަދު ހުސެއިން (މޯޑް) އެވެ. ވެޓަރަންސް ޓީމުގެ ލަނޑުތައް ޖެހީ އަލީ ފަހީމް (ކޮއްޓި) އާއި އަބްދުﷲ ޝުޖާއު (ޝުޖާ)އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައި ވަނީ ޔާންޓެއެވެ.
ޓީމް އެފްއެފް އާއި ބުލް ޝާކްސް ބައްދަލު ކުރި މެޗުގައި ޓީމް އެފްއެފްގެ ލަނޑު ޖެހީ ހަސަން ފަޔާޒެވެ. ބުލް ޝާކްސްގެ ލަނޑު ކާމިޔާބުކޮށް ދިނީ ނަސްރުﷲ އަލީ (ނަސްރީ) އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖަހަން ޖެހުނެވެ.
ޕެނަލްޓީގައި ބުލް ޝާކްސްގެ ކުޅުންތެރިންގެ ތެރެއިން އިސްމާއިލް ރިޔާޒް (ރިޔާ)، ނަޒާހް، މިފްރާހް އަދި ނަސްރީ ޖެހި ޕެނަލްޓީތައް ކާމިޔާބު ކުރިއެވެ. ބުލް ޝާކްސް އަށް ކާމިޔާބު ނުކުރެވުނީ ކެޕްޓަން ހުސެއިން ސިލްމީޒް (ސިއްލެ) ޖެހި ޕެނަލްޓީ އެކަންޏެވެ. ޓީމް އެފްއެފްގެ ޕެނަލްޓީތަކުގެ ތެރެއިން އަހުމަދު ސިރާޒް އަދި ބިޝާރު ހަސަން (ބިއްޓު) ޖެހި ޕެނަލްޓީ ކާމިޔާބު ކުރި އިރު، އަހުމަދު ހަމީދާއި ހުސެއިން ފަރުހާން (ފަރޭ) ޖެހި ޕެނަލްޓީ ކާމިޔާބު ނުކުރެވުނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މިފްރާހެވެ.
މުބާރާތުގެ ފައިނަލްގައި މާދަމާރޭ 22:30 ގައި ބައްދަލު ކުރާނީ ބްލެކް ފްލޭޝް އާއި ބުލް ޝާކްސްއެވެ.
މި މުބާރާތުގެ ހުރިހާ މެޗުތަކެއް އެޗްވައިއެމްގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.
އެޗްވައިއެމް ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ހަބަރު އޮންލައިން"އެވެ.