ބިދޭސީންގެ މައްސަލަ އެއް އަހަރުތެރޭ ހައްލު ކުރާނަން: އިހުސާން

ބިދޭސީންގެ މައްސަލަ އެއް އަހަރުތެރޭ ހައްލު ކުރާނަން: އިހުސާން

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ އެއް އަހަރު ތެރޭ ހައްލު ކުރާނެ ކަމުގައައި ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ނެވެ.

މެންބަރު ހުސައިން ގެ ސުވާލަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށާއި ވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހާއްސަ ޓާސްކުފޯހަކާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި އެ މައްސަލަތައް ކުރިޔަށް އޮތް އެއް އަހަރުތެރޭ އެކަންތައްތައް ގާނޫނީ ހަމަތަކުގެ ތެރެޔަށް ގެންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިކަން ހައްލުކުރުމަށް އަޅުގަނޑުމެން ހާއްސަ ޓާސްކު ފޯސްއެއްގެ މަސައްކަތާއެކުގައި މަސައްކަތް މިކުރަނީ، އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް އެއް އަހަރު ދުވަސްތެރޭގައި އަޅުގަނޑުމެން މިކަން ޤާނޫނީ ހަމަތަކުގެ ތެރެޔަށް ގެންނާނަން.

އިހުސާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގާނޫނީ އިމުގެ ތެރެޔަށް ގެނައުމަށް ފުރުސަތު ދިނުމަށްފަހު އެކަން ނުކުރާ ފަރާތްތައް ޑީޕޯޓްކޮށްލާނެ ކަމަށެވެ.

އިހުސާން އިތުރަށް ވިދާޅުވީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ކަނދައެޅިގެން ވިދާޅުވަން ނޭނގުނު ނަމަވެސް، ރާއްޖޭގައި އެއް ލައްކައަށްވުރެ ގިނަ ބަންގްލަދޭޝް މަސައްކަތްތެރިން އެކްޓިވް ވޯކް ޕާމިޓުގައި އެބަތިބި ކަމަށެވެ.

ދިވެހިރާއްޖޭގައި ޤާނޫނާ ޚިލާފަށް އުޅެމުން އަންނަ ބިދޭސީން އެބައުޅޭ، އޭގެ އެގްޒެކްޓް އަދަދަކީ ކޮބައިކަން އަޅުގަނޑުމެންނަކަށް އަދި ސާފެއް ނުކުރެވޭ 100 ޕަސެންޓަށް. އެހެންނަމަވެސް މައުލޫމާތަށްޓަކައި ފިގާއެއް ދަންނަވާލާނަން. ބަންގްލަދޭޝްގެ އެކްޓިވް ވޯކް ޕާމިޓްގެ ގޮތުގައި އެބަހުރި 135،149 ވޯކް ޕާމިޓް މިވަގުތު ރާއްޖޭގައި.

އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ އޭގެތެރެއިން ޤަވައިދުން ލާރި ދައްކަމުން އަންނަނީ 39،004 މަސައްކަތްތެރިން ކަމަށެވެ. އެހެންކަމުން ބާކީ ތިބި ހުރިހާ ބިދޭސީ މަސައްކަތްތެރިންނަކީ ޤަވައިދާ ހިލާފަށް އުޅޭ މީހުން ކަމަށް އިހުސާން ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *