މެނިފެސްޓޯ ތަންފީޒު ކުރާނަމަ ކޯލިޝަންގެ ވަޒީރުން އެމްޑީޕީގެ ފިކުރަށް ބަދަލު ވާންޖެހޭ: ރާއީ

މެނިފެސްޓޯ ތަންފީޒު ކުރާނަމަ ކޯލިޝަންގެ ވަޒީރުން އެމްޑީޕީގެ ފިކުރަށް ބަދަލު ވާންޖެހޭ: ރާއީ

Author
މުޙައްމަދު ޝަޒައިމް
09 އޮކްޓޯބަރ 2020 02:15
0

މިސަރުކާރުން ވެރިކަމަށް އައުމަށް ރައްޔިތުންނަށް ވިއްކި މެނިފެސްޓޯ ތަންފީޒު ކުރެވޭނީ ސަރުކާރު ކޯލިޝަންގެ ވަޒީރުން އެމްޑީޕީގެ ފިކުރަށް ބަދަލުވެގެން ކަމުގައި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ނެރޭ "ޚަބަރު ސިޓީ"ގައި އެޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ އާޒިމް ލިޔުއްވާފައިވާ ލިޔުމަށް އިޝާރާތް ކުރައްވައި ރާއީ ކުރެއްވި ޓްވީޓްގައި ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ކުރުމުގައި ބޮޑެތި ހުރަސްތަކެއް ހުރިކަން ސަރުކާރުގެ ތެރެއިން ފެންނަމުންދާކަމަށެވެ. ޚާއްސަކޮށް ކޯލިޝަނެއްގެ ގޮތުގައި ސަރުކާރު ދެމި އޮތްއިރު، ކޯލިޝަންގެ ތެރެއިން އެންމެ އެކަށީގެންވާ ގޮތަށް ކަންކަން ތަންފީޒު ވަމުންނުދާކަމަށް ރާއީ ވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ ކޯލިޝަން ރޫޅާލައި އެމްޑީޕީގެ އެކަނި ސަރުކާރަކަށް ހެދުމަށް މަޖިލީހުގައިވެސް އެކި ފަހަރުމަތީން ވަކާލާތު ކުރައްވާފައިވާ ރާއީ ވިދާޅުވީ ސަރުކާރުގެ ވައުދުތަކާއި މެނިފެސްޓޯގައިވާ ކަންކަން ތަންފީޒު ކުރެވޭނީ އެމްޑީޕީގެ ފިކުރާއި އެމްޑީޕީގެ ސިޔާސަތު ޤަބޫލުކުރާ ވަޒީރުން އެ މަޤާމުތަކުގައި ތިއްބަވައިގެންކަމަށެވެ.

މުހިއްމު ކަމެއް، އަދި އެމް.ޑީޕީގެ ސަރުކާރާއި އެކު މަސައްކަތް ކުރަން އަދި ޕާޓީގެ މެނިފެސްޓޯ އިހްލާސްތެރި ކަމާއި އެކު ތަންފީޒު ކުރަން ބޭނުންވާ ކަމުގައިވާނަމަ، ކޯލިޝަންގެ ވަޒީރުން އެމްޑީޕީގެ ފިކުރަށް ބަދަލު ވާންޖެހޭ

  • މެންބަރު ރާއީ

ޚަބަރު ސިޓީގައި އާޒިމް ލިޔުއްވާފައިވާ ލިޔުމުގައި ވަނީ ސަރުކާރުގެ ކޯލިޝަނަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ، ކޯލިޝަނުންގެ ވަޒީރުން ޚިދުމަތް ދެމުންދާ ގޮތާއިމެދު ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވީ މިއަދު އެމްޑީޕީއާއި ޕާޓީއާ ދިމާލަށް ނަގަމުން އަންނަ ވިލާގަނޑުގެ ވަރުގަދަކަމާއި ބިންދާލަން ތައްޔާރުވަމުންއަންނަ ރާޅުގެ ބިޔަކަން ފެންނަމުންދާ މަންޒަރުތަކުން އިހުސާސް ކުރެވޭކަމަށެވެ. އަދި ދެން އޮންނަ ރިއާސީ އިންތިޚާބަށް އެމްޑީޕީން ނުކުންނާނީ މިހާރު އޮތް ކޯލިޝަނާ އެކުގައިތޯ ނުވަތަ ވަކިންތޯ ވަރަށް އަވަަހަށް ނިންމަން ޖެހޭކަމުގައިވެސް އާޒިމް ވަނީ ވިދާޅުވެފައެވެ. ސަރުކާރުގެ މިހާރު އޮތް ކޯލިޝަން ރޫޅާލުމަށް އެމްޑީޕީ ތެރެއިން މަސައްކަތް ކުރެވެމެމުންދާއިރު ރައީސް ޞާލިހު ވިދާޅުވެފައިވަނީ އެމަނިކުފާނު ކުރިއަށްދާނީ ވެވަޑައިގެންފައިވާ ވައުދާއެއްގޮތަށް ކޯލިޝަންގެ ތެރެއިންކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.