އަމިއްލައަށް މަރުވެއްޖެ މީހާ، ނަރަކާއިގެ އަލިފާނުގެ ތެރޭގައި އޭނާ މަރުވިގޮތަކަށް އަބަދުގެ އަބަދަށް މަރުވުމުގައި ދެމިހުންނާނެކަން ބަޔާންކުރައްވާ، އަމިއްލަ ނަފްސު ހަލާކުގެ ތެރެއަށް އެއްލައިނުލުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު ދެއްވި ހުކުރު ޚުޠުބާގެ މަޢުޞޫއަކީ، "އަމިއްލަ ނަފްސު ހަލާކުގެ ތެރެއަށް އެއްލައިނުލާށެވެ" މި މައުޞޫއެވެ. ޚުޠުބާގައި ވިދާޅުވީ، އަމިއްލައަށް މަރުވުމަށް ދިމާވާ ކަމަށް ބުނާ ސަބަބުތަކުގެ ތެރެއިން އެއް ކަމަކީ، ނަފްސާނީ ބަލިކަމަށެވެ. އަމިއްލައަށް މަރުވާ ކަމަށް ބުނާ އަނެއް ސަބަބަކީ، ފިލްމުތަކާއި ކާޓޫނުތައްކަމަށާއި، އެތަކެތީގައި ދައްކާ މަންޒަރުތަކުގެ ސަބަބުން އެކަމުގެ ޝައުޤު އުފެދޭކަމަށް ވިދާޅުވިއެވެ. އިސްލާމީ ރިވެތި އުޞޫލުތަކުން ބޭރުވެ، ޖިހާދުގެ ނަމުގައި، ޖާނުން ފިދާވުމަކީ ސުވަރުގެ ވަދެވެން އޮތް ހަމައެކަނި ސަބަބު ކަމުގައި ބުނެ، ވިސްނައިދީ، ބަޔަކު އެ ކަމަށް ހިތްވަރު ދެމުން ގެންދިއުމަކީ ވެސް، އަމިއްލައަށް މަރުވާ ސަބަބުތަކުގެ ތެރެއިން އެއް ސަބަބުކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

ނަމަވެސް ޙަޤީޤަތުގައި އަމިއްލައަށް މަރުވުމުގެ މައިގަނޑު ސަބަބު ކަމުގައި ވަނީ، ﷲ ގެ ނިޔާއަށް ނުރުހުމާއި، ﷲ އިންސާނާ އިމްތިޙާނު ކުރެއްވުމަށް އޭނާއަށް ޖައްސަވާމުޞީބާތްތަކަށް ކެތްތެރި ނުވެވުންކަމަށާއި، ﷲ ގެ ނިޔާއަށް ރުހުމަކީ، ނުވަތަ މިންވަރަށް އީމާންވުމަކީ އީމާންކަމުގެ ރުކުނެއްކަމަށް ބަޔާންކުރެއްވިއެވެ. މުސްލިމް އަޅާގެ ޢަޤީދާއަކަށް ވާންޖެހޭނީ، ތިމާއަށް ގެއްލުމެއް ދިނުމަށް ނުވަތަ ފާއިދާއެއް ހޯދައިދިނުމަށް ބަޔަކު ކިތަންމެ މަސައްކަތެއް ކުރި ކަމުގައި ވިޔަސް، ﷲ ނިޔާ ކުރައްވާފައިވާ ކަމެއް މެނުވީ، ތިމާއަށް ނުޖެހޭނެކަން ޤަބޫލު
ކުރުންކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އަދި މުއުމިނު އަޅާއާ ކުރިމަތިވާ އުފާވެރިކަމާއި ދެރަ ކަންތަކަކީ ވެސް އޭނާ އަށްޓަކައި ހެވަކަށް ވާކަމެއްކަމާއި، އެއީ އީމާންކަމުގެ އަހުލުވެރިންނަށް އެކަނި ލިބިގެންވާ ސިފައެއްކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.
އަމިއްލައަށް މަރުވުމުގެ ނުރައްކާތެރިކަން ބަޔާންކުރައްވައި ލޮބުވެތި ރަސޫލާ ޟޢވ ޙަދީޘްކުރައްވާފައި ވެއެވެ. ހަތިޔާރަކުން އެމީހެއްގެ ނަފުސު އަމިއްލައަށް ޤަތުލުކޮށްފި މީހާ، އެ ހަތިޔާރުން އޭނާގެ ނަފުސު ޤަތުލުކުރާ ޙާލު، ނަރަކައިގެ އަލިފާނުގައި އޭނާ އަބަދަށް ދެމިހުންނާނެއެވެ. އަދި ޒަހަރެއް ބޮއިގެން އަމިއްލައަށް މަރުވެއްޖެ މީހާ، އެ ޒަހަރު ބޮއިބޮއި ހުންނަ ޙާލު ނަރަކައިގެ އަލިފާނުގައި އޭނާ އަބަދަށް ދެމިހުންނާނެއެވެ. އަދި ފަރުބަދައެއް (ނުވަތަ އުސްތަނެއް) ގެ މަތިން ފުއްމާލައިގެން އޭނާގެ އަމިއްލަ ނަފުސު ޤަތުލުކޮށްފި މީހާ (އޭނާ ފުއްމާލީ ތަނަކުން) ވެއްޓެމުންދާ ޙާލު، ނަރަކައިގެ އަލިފާނުގައި އޭނާ އަބަދަށް ދެމިހުންނާނެއެވެ. އެހެން ޙަދީޘެއްގެ މާނައިގައި ވެއެވެ. ދަންޖެހިގެން މަރުވެއްޖެ މީހާ، ނަރަކައިގެ އަލިފާނުގެތެރޭގައި ދަންޖެހިފައި ހުންނާނެއެވެ.
– ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.
އަމިއްލައަށް މަރުވުމުގެ ނުބައިކަން އިތުރަށް ބަޔާންކުރައްވަމުން ޚުޠުބާގައި ވިދާޅުވީ، ތިމާގެ މުޅި ޙަޔާތުގައި ހޯދި މުދާތައް ގެއްލިގެން ދިޔުމުގެ ސަބަބުން، ނުވަތަ މުޅި ޙަޔާތުގައި އެކުގައި އުޅެމުން އައި ޙަޔާތުގެ ބައިވެރިޔާ ބޭވަފާތެރިވުމުން، ނުވަތަ ލޯބިވާމީހަކު މަރުވެ ދިޔުމުގެ ސަބަބުން، ނުވަތަ، ލިބޭ އަނިޔާއެއްގެ ސަބަބުން، ނުވަތަ އަބުރު ކަތިލެވުމުގެ ސަބަބުން، އަމިއްލައަށް މަރުވުމަކީ ޙައްލެއް ނޫންކަމަށާއި. އެއީ ފިނޑި ޢަމަލެއްކަމަށެވެ. އަމިއްލައަށް މަރުވުމުން މި ދުނިޔެ ވެސް އަދި އެ ދުނިޔެ ވެސް ގެއްލުނީކަމަށާއި، ދެން ބޭނުންވީ ކަމުގައި ވިޔަސް ދެވަނަ ފުރުޞަތެއް ނުލިބޭނެކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.
ލޮބުވެތި ރަސޫލު ﷲ ޝް ޙަދީޘް ކުރައްވާފައި ވެއެވެ. "އެންމެ މާތް ޢަމަލަކީ، ތިބާގެ މުއުމިނު އަޚާގެ ހިތަށް އުފާވެރިކަން ވައްދައިދިނުމެވެ. ނުވަތަ އޭނާގެ ދަރަންޏެއް އަދާކޮށް ދިނުމެވެ. ނުވަތަ އޭނާއަށް ކާނެ އެއްޗެއް ދިނުމެވެ." އަދިވެސް ޙަދީޘް ކުރައްވާފައި ވެއެވެ. "ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތި މީހަކީ، އެބައިމީހުންގެ ތެރެއިން މީސްތަކުންނަށް އެމީހެއްގެ މަންފާ އެންމެ ބޮޑު މީހާއެވެ.” އެހެންކަމުން، ގާތްތިމާގެ މީހުންނާއި، ރަޙުމަތްތެރިންނާއި، ތިމާ ދަންނަ މީހުންގެ ތެރެއިން ހިތާމަތަކާއި ހިތްދަތިކަމުގައިވާ މީހުންނަށް އެހީތެރިވެ، އެމީހުންގެ ހިތްތަކަށް އުފާވެރިކަން ވައްދައިދެވޭތޯ މަސައްކަތް ކުރުމަކީ ކޮންމެ މީހެއްގެ ފަރުދީ ޒިންމާއެކެވެ.
– ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައި އަމިއްލައަށް މަރުނުވުމަށް ނަސޭހަތްތެރިވަމުން ވިދާޅުވީ، ކަންތައްތަކާ ކެރިގެން ކުރިމަތި ލުމަކީ، އިސްލާމް ދީން އަޅުގަނޑުމެންނަށް ދަސްކޮށްދެއްވާފައިވާ ގޮތްކަމަށެވެ.. ނަބިއްޔާ އަޅުގަނޑުމެންގެ މިއުއްމަތް ތަރުބިއްޔަތު ކުރައްވާފައި ވަނީ، ހިތްވަރު ގަދަ، ކެރޭ، ކުޅަދާނަ، ﷲ ގެ ނިޔާއަށް ރުހި ޤަބޫލުވެގެންވާ ބައެއްގެ ގޮތުގައި ވުމަށްކަމަށާއި، އެހެންކަމުން އެކަލޭގެފާނުގެ ތަރުބިއްޔަތަށް ރުޖޫޢަވެ، ﷲ ގެ ޙަޟްރަތުން ސަވާބާއި ދަރުމަ އެދޭ ޙާލުގައި ކެތްތެރިކަމާއެކު ކަންތައްތަކާ ކުރިމަތިލުމަށް ގޮވާލެއްވިއެވެ. އަދި ދުނިޔަވީ މުޞީބާތްތަކަކީ އެކަމަށް ކެތްތެރިވުމުގެ ސަބަބުން ﷲ ގެ އަޅާއަށް ސަވާބާއި ދަރުމަ އިތުރުކޮށްދެއްވާ ކަންތައްތަކެއްކަމަށާއި،. ފާފަތައް ފުއްސަވައި، ﷲ ގެ ރުހިވޮޑިގަތުން ދެއްވާ ކަމެއްކަމަށްވެސް ބަޔާންކުރެއްވިއެވެ.
ހިތާމައެއް ކުރިމަތިވެފައިވާ މީހަކު، ނުވަތަ ހިތްދަތިކަމެއްގައިވާ މީހަކު އެނގޭނަމަ، އެމީހަކަށް އެހީތެރިވުމަށްވެސް ޚުޠުބާގައި ގޮވާލެއްވިއެވެ. އަދި އެމީހެއްގެ ހިތަށް ތަސައްލީއެއް ދެވޭތޯ ވީ މިންވަރަކުން މަސައްކަތް ކުރުމަށް މުސްލިމް އުއްމަތާ ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.
ކޮމެންޓު ފޮނުވާ