ހުޅުމާލެ ފޭސް 2 އޮތީ އަޅާނުލާ ދޫކޮށްލާފަ، ކުޅިވަރުކުޅޭ ކޯޓުތަކާއި، ޕާކުތަކާއި ހިތްފަސޭހެ މައިދާންތައް ވަރަށް އަވަހަށް ގާއިމް ކޮށްދޭނެ ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ރައީސް އޮފީހުން ގެނެސްދޭ "ރައީސްގެ ޖަވާބު" ސިލްސިލާގެ މިއަދުގެ ސެގްމަންޓުގައި، މިއަދު ހިޔާ ފްލެޓް H-12-02-01، ނިޝްރީނާ މޫސާ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ނިޝްރީނާ ރައީސް މުއިއްޒުއާއި ކުރި ސުވާލަކީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުޅިވަރު ކުޅޭނެ އެކަށީގެންވާ ވަސީލަތްތައް ނެތުމާއިއެކު، ކުޅިވަރު ކޯޓުތައް ހުޅުމާލޭ ދެވަނަ ފޭސްގައި ގާއިމް ކޮށްދެއްވާނީ ކޮންއިރަކުންތޯއެވެ.
ނިޝްރީނާ ކުރި ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ ހިޔާ ސަރަހައްދުގެ ކަންކަން ކުރި އޮތީ އެއްވެސް ވަރަކަށް ނުކޮށް ކަމަށާއި، އެހެންނަމަވެސް މި ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަރަށް އަވަހަށް އެޗްޑީސީ މެދުވެރިކޮށް ހުޅުމާލޭ ދެވަނަ ފޭސްގައި އެކިކަހަލަ ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް އެޗްޑީސީއާއި އަދި އެފެން ފަރާތްތައްވެސް މެދުވެރިކޮށްގެން ފަށާނެ ކަމުގައެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހުރިހާ މަސައްކަތްތަކެއް، އެއީ ކުޅިވަރުކުޅޭ ކޯޓުތަކާއި، ޕާކުތަކާއި، ހިތްފަސޭހަ މައިދާންތައް ހެދުމުގެ މަސައްކަތް ކުރަން ނިންމާފަ އޮތީ. އެހެންވީމަ ހިޔާ ސަރަހައްދު މިއީ އެންމެ ގިނަ ރައްޔިތުން އެއް ދިމާލެއްގަ އުޅޭ ސަރަހައްދު ވީމަ ވަރަށް އަވަހަށް އިރާދަ ކުރެއްވިއްޔާ ސަރުކާރުން އެޗްޑީސީ މެދުވެރިކޮށް އަދި އެހެން ފަރާތްތަކާވެސް ގުޅިގެން އެކިކަހަލަ ކުޅިވަރު ކުޅޭވޭ ވަސީލަތްތައް ގާއިމް ކުރާނަން. އޭގެ ތެރޭގައި ކަނބަލުންނަށް ބޭނުންވާ އެކިކަހަލަ ހޭންޑްބޯލް ކޯޓުތަކާއި އެކިކަހަލަ ކުޅިވަރު ކުޅެވޭ ކޯޓުތައްވެސް ހިމެނޭނެ. އެހެންވީމަ ފޭސް ދޭއްގަ ވަރަށް އަވަހަށް އެކިކަހަލަ ކުޅިވަރު ކުޅެވޭ ވަސީލަތްތައް ގާއިމް ކުރުމުގެ މަސައްކަތްތައް ފަށާނަން.
ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހިޔާ ސަރަހައްދުގައި ކުޅިވަރުކުޅޭ ކޯޓުތަކާއި، ޕާކުތަކާއި ހިތްފަސޭހެ މައިދާންތައް ގާއިމް ވެގެން ދާއިރުމ ހިޔާ ސަރަހައްދުގައި ކަނބަލުންނަށް ޚާއްސަ ކުޅިވަރުތައް ކުޅެވޭނެ ވަސީލަތްތައްވެސް ހަމަޖެހިގެން ދާނެ ކަމުގައެވެ.