ހުޅުމާލެ ޔޫތު މޫވްމަންޓް (އެޗްވައިއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ "އެޗްވައިއެމް ރަމަޟާން ޔުނިޓީ ފުޓްސަލް ޗެލެންޖް 1445″ ގެ ސެމީ ފައިނަލްގައި ކުޅޭ ހަތަރު ޓީމު ކަށަވަރުވެއްޖެއެވެ.
ހުޅުމާލެ ރެހެންދި އެއް ނަމްބަރު ފުޓްސަލް ދަނޑުގައި ކުރިއަށްދާ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މާދަމާރޭ 22:15 ގައި ބައްދަލު ކުރާނީ އެޗްވައިއެމް ބްލެކް ފްލޭޝް އާއި އެޗްވައިއެމް ވެޓަރެންސެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މާދަމާރޭ 23:15 ގައި ބައްދަލު ކުރާނީ އެޗްވައިއެމް ބުލް ޝާކްސް އާއި ޓީމް އެފްއެފްއެވެ. މި ހަތަރު ޓީމުގެ ތެރެއިން އެޗްވައިއެމް ބުލް ޝާކްސްއަކީ މިދިޔަ އަހަރުގެ ޗެމްޕިއަނަށެވެ.
އެޗްވައިއެމް ފުޓްސަލް ޗެލެންޖުގައި ރޭ ވެސް ވަނީ ދެ މެޗު ކުޅެފައެެވެ. ފުރަތަމަ މެޗުގައި ގްރޫޕް ބީގައި ހިމެނޭ ބުލް ޝާކްސް އާއި އެޗްވައިއެމް ފެނޮމިނަލްސް ވަނީ 3-3 އިން އެއްވަރުވެފައެވެ. މެޗުގައި ބުލް ޝާކްސްގެ ތިން ލަނޑު ޖަހައި ހެޓްރިކް ފުރިހަމަ ކުރީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހުސެއިން ސިލްމީޒް (ސިއްލެ)އެވެ. ފެނޮމިނަލްސްގެ ލަނޑުތަކުގެ ތެރެއިން މުހައްމަދު އަޝްފާން (ބޮލޭ) ދެ ލަނޑު ޖެހި އިރު، އަހުމަދު ޝާން ވެސް ލަނޑެއް ޖެހިއެވެ.
ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ އަށް ދިޔައީ ބުލް ޝާކްސްއެވެ. ދެވަނަ ޓީމުގެ ގޮތުގައި ސެމީ އަށް ދިޔައީ ބްލެކް ފްލޭޝްއެވެ. ބުލް ޝާކްސް އަށް ހަތް ޕޮއިންޓް ލިބުނު އިރު، ބްލެކް ފްލޭޝް އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. ގްރޫޕްގެ ތިން ވަނަ ލިބުނީ ތިން ޕޮއިންޓާ އެކު ހުޅުމާލެ ހޮސްޕިޓަލަށެވެ. އަދި ފުލަށް ދިޔައީ ދެ ޕޮއިންޓާ އެކުގައި ފެނޮމިނަލްސްއެވެ.
ރޭގެ ދެވަނަ މެޗުގައި ޓީމް ވުލްފް ވަނީ 2-1 އިން އެޗްވައިއެމް ވެޓަރަންސް އަތުން ބަލިވެފައެވެ. ވެޓަރަންސްގެ ލަނޑުތައް ޖެހީ އިބްރާހިމް ރަމީޒް (ރަމީ) އާއި އަލީ ފަހީމް (ކޮއްޓި)އެވެ. ޓީމް ވުލްފްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ހުސެއިން ޒާހިރު (ޓުވެންޓީ)އެވެ.
މި ނަތީޖާ އާ އެކުގައި ގްރޫޕް އޭގެ އެއްވަނަ ލިބިފައި ވަނީ ނުވަ ޕޮއިންޓާ އެކުގައި ވެޓަރަންސްއަށެވެ. ދެވަނަ ލިބިފައި ވަނީ ހަތަރު ޕޮއިންޓާ އެކުގައި ޓީމް އެފްއެފްއަށެވެ. ވެޓަރަންސް ރޭގެ މެޗާ ކުރިމަތިލި އިރު ވެސް އޮތީ މުބާރާތުގެ ސެމީ އަށް ދަތުރުކޮށްފައެވެ. ތިން ވަނަ އަށް ދިޔައީ ކުޅުނު ތިން މެޗުން ލިބުނު ދެ ޕޮއިންޓާ އެކުގައި ޓީމް ވުލްފެވެ. ފުލުގައި އޮތީ ތިން މެޗުން ލިބުނު އެއް ޕޮއިންޓާ އެކުގައި ޓްރީ ޓޮޕް ހޮސްޕިޓަލެވެ.
ހުޅުމާލެ ޔޫތު މޫވްމަންޓުން 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ފުޓްސަލް މުބާރާތް ބާއްވަމުން އަންނަ އިރު، މުބާރާތް ބޭއްވުމުގެ މަގްސަދުގެ ތެރޭގައި ޖަމިއްޔާގައި ހިމެނޭ މެމްބަރުންނާއި ހުޅުމާލޭގައި ހުންނަ މުއައްސަސާތަކުގެ ގުޅުން ބަދަހި ކުރުން ހިމެނެއެވެ.
އެޗްވައިއެމް ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ހަބަރު އޮންލައިން" އޮންލައިނެވެ.