ދައުލަތުގެ ޓެކްސް ފައިސާއިން، ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރާ ހަރަދު ދެފުށް ފެންނަ ތަފްސީލު ރައްޔިތުންނަށް އެނގެންވާނެ ކަމަށާއި، ޑްރޯން ގަތުމަށް ކުރެވުނު މުއާމަލާތް ސިއްރު ކުރެވުގެން ނުވާނެކަމުގައި އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލިހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވިދާޅުވީ ޑްރޯންތަކާ ގުޅޭގޮތުން ފުރަތަމަ އިވިގެން ދިޔަ ޚަބަރަކީ 39 މިލިއަން ޑޮލަރު އެކަމަށް ޚަރަދުކުރި ވާހަކަ ކަމަށާއި ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރާ ހަރަދުގެ ދެފުށް ރައްޔިތުންނަށް އެގެންވާނެ ކަމަށެވެ.
އަދި އޭނާ ވިދާޅުވީ ޑްރޯން ގަތުމުގެ މުއާމަލާތުގައި ސަރުކާރުން ސިއްސައިގެންދާ ވަރުގެ ކޮރަޕްޝަންތައް ހިނގާފައިވާކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ.
ދައުލަތުގެ ޓެކްސް ފައިސާއިން، ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރާ ހަރަދު ދެފުށް ފެންނަ ތަފްސީލު ރައްޔިތުންނަށް އެނގެންވާނެ. އެހެންނޫންކަމަށް ވާނަމަ، ކޮރަޕްޝަނަށް ވަރަށް ބޮޑަށް މަގުފަހި ވެގެންދާނެ. މި މުއާމަލާތުގެ ތެރޭގައި ސިއްސައިގެން ދާވަރުގެ ބޮޑެތި ކޮރަޕްޝަންތައް ހިނގާފައި އޮތް ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ.
އީސަ ވިދާޅުވިއެވެ.
އީސަ ވިދާޅުވީ، ސަރުކާރުން ގަނެފައިވަނީ 2 ޑްރޯން ކަަމަށާއި، ބާކީ ޑްރޯންތަކަކީ ތުރުކީ ސަރުކާރުން ހިލޭ ދިން އެއްޗެއް ކަމަށް އެކަމާ ގުޅޭ ރަސްމިއްޔާތުގައި ރައީސް ޑރ.މުއިއްޒު ވިދާޅުވެފައިވާއިރު، އަސްކަރީ ވެބްސައިޓުތަކުން އެފަދަ ސަވައިލެންސް ޑްރޯންތަކުގެ އަގު ދުނިޔޭގެ ބާޒާރުގައި ހުރި އަގުތައް ފެންނަންހުރި ކަމަށާއި 2 ޑްރޯން ގަންނަން 39 މިލިއަން ޑޮލަރު ޚަރަދުވާން ޖެހޭގޮތެއް ސާފު ނުވާކަމަށެވެ.
ސަރުކާރުން ޑްރޯން ގަތުމަށް ހަރަދުކުރީ ރަށްރަށުގައި ސަރުކާރުން ހިންގަމުން ދިޔަ 1700ށް ވުރެ ގިނަ މަޝްރޫއުތައް ހުއްޓުވާލާފައި ކަމަށާއި، ސަރުކާރުން ހުއްޓުވާލާފައިވާ މަޝްރޫއުތަކަކީ ރައްޔިތުންނަށް ނުހަނު ބޭނުންތެރި މަޝްރޫއުތަކެއްކަމަށް ވެސް އީސަ ވިދާޅުވިއެވެ.
އީސަ ވަނީ މިކަންކަން މަޖިލީހުގެ ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީންވެސް ބަލަންޖެހޭކަމަށާއި، އެކަން އެމްޑީޕީން ކުރާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
ރައީސް ޑރ.މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ދެފުއް ފެންނަ ވެރިކަމެއް ކޮށްދެއްވާނެ ކަމުގެ ވައުދުފުޅު ރައްޔިތުންނަށް ވެވަޑައިގެންކަން ފާހަގަކުރައްވާ އީސަ ވިދާޅުވީ، ވެރިކަމަށް އާދެވުނު ފަހުން ސަރުކާރުން ހާމަ ކުރަައްވާނެކަމަށް ވިދާޅުވި އެއްވެސް އެއްބަސްވުމެއް ރައްޔިތުންނަށް ހާމަކޮށްފައިނުވާ ކަމަށާއި އެ އެއްބަސްވުންތައް ކުރީ ސަރުކާރުތަކަށްވުރެވެސް ބޮޑަށް ސިއްރުކޮށްފައިވާއިރު، ވެރިކަމަށް ވަޑައިގެން ފަހުން ކުރެއްވި އެކި ދަތުރުފުޅުތަކުގައި ވެފައިވާ އެއްބަސްވުންތައް ވެސް މި ސަރުކާރުން ބޮޑުތަނުން ސިއްރުކޮށްފައިވާ ކަމަށެވެ.