ހިޔާ ފްލެޓްތަކުގެ ލިފްޓްތައް ހަރުކޮށް ނިމޭއިރު ލިފްޓްތަކުން ސްޓެޗަރގައި ބަލިމީހުން އުފުލުމަށް ޖާގަ ލިބޭނެ: ރައީސް

ހިޔާ ފްލެޓްތަކުގެ ލިފްޓްތައް ހަރުކޮށް ނިމޭއިރު ލިފްޓްތަކުން ސްޓެޗަރގައި ބަލިމީހުން އުފުލުމަށް ޖާގަ ލިބޭނެ: ރައީސް

Author
ހުސެއިން
17 މާރޗް 2024 11:14
0

ހިޔާ ފްލެޓްތަކުގެ ލިފްޓްތައް ހަރުކޮށް ނިމޭއިރު ލިފްޓްތަކުން ބަލިމީހުން އުފުލުމަށް ޖާގަ ލިބޭނެކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ރައީސް އޮފީހުން ގެނެސްދޭ "ރައީސްގެ ޖަވާބު" ސިލްސިލާގެ މިއަދުގެ ސެގްމަންޓުގައި، މިއަދު ގދ.ގައްދޫ، ކައިރުގޭ، މުޙައްމަދު ލަބީބު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ލަބީބު ކުރި ސުވާލަކީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓުތަކެއް ހަރުކުރާއިރު ބަލިމީހުން އުފުލާ ބާލަން ފަސޭހަ އިންތިޒާމެއް ހަމަޖެހޭނެތޯއެވެ.

އެސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ ހިފާ ފްލެޓްތަކުގައި ލިފްޓް ހަރު ކުރެވިގެންދާއިރު، ސްޓެޗަރ އެރުވޭވަރުގެ ލިފްޓްތައްވެސް ހަރުކުރެވިގެން ދާނަކަމަށާއި ލިފްޓްތައް ހަރު ކުރެވުމުން އެ މައްސަލަ ހައްލުވެގެންދާނެ ކަމުގައެވެ.

މިހާރު ހަރުކުރަމުންދާ ލިފްޓުތައް ހަރުކުރާއިރު ސްޓްރެޗާ އެރުވޭ ލިފްޓު ވެސް އޭގައި ހިމެނޭނެ. އެހެންވީމާ ހިޔާ ފުލެޓުތަކުގައި ހަރުކުރެވޭ ލިފްޓުތަކުގެ މަޝްރޫއު ނިމޭއިރުގައި އިރާދަކުރެއްވިއްޔާމުން ތި ފާހަގަކުރެއްވި ކަންތަކަށް ހައްލެއް ލިބިގެންދާނެ.

ރައީސް ވިދާޅުވިއެވެ.

ހިޔާ ފުލެޓުތަކަށް އިތުރު ލިފްޓު ހަރުކުރަން މިދިޔަ ފެބްރުއަރީގައި ވަނީ ޗަައިނާގެ ޝަންޔަންގް ޔުއާންޑާ އިންޓެލެކްޗުއަލް ގުރޫޕާ ހަވާލުކޮށްފައެވެ.

ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރާ ގޮތަށް، 16 ޓަވަރުގައި ޖުމްލަ 32 ލިފްޓު ހަރުކުރަން ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ން ވަނީ އެ ކުންފުންޏާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެޗްޑީސީން އޭރު ވެސް ވަނީ އޭގެ ތެރޭގައި ސްޓްރެޗަރު އެރުވޭ ލިފްޓު ހިމެނޭކަން ހާމަކޮށްފައެވެ.

މުޅި މަޝްރޫއު އަހަރެއް ތެރޭގައި ނިންމައިލެވޭނެ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.