މި އަހަރުގެ ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ޔޫތު މޫވްމަންޓް (އެޗްވައިއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ފުޓްސަލް މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް "ހަބަރު އޮންލައިން" ހަމަޖައްސައިފިއެވެ.
މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރުންގެ ގޮތުގައި "ހަބަރު އޮންލައިން" ގެ އިތުރުން "ވަގުތު" އޮންލައިނާއި "ތިލަދުން" ވަނީ ހަމަޖައްސައިފައެވެ. އެޗްވައިއެމްގެ ފުޓްސަލް މުބާރާތުގައި ކުޅޭ ހުރިހާ މެޗުތަކުގެ މައުލޫމާތު "ހަބަރު އޮންލައިން" އިން ގެނެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުޅޭ "ރަމަޟާން ޔުނިޓީ ފުޓްސަލް ޗެލެންޖް 1445″ މުބާރާތުގައި މިފަހަރު 8 ޓީމު ބައިވެރިވާ އިރު، މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ރެހެންދި ފުޓްސަލް ގްރައުންޑް އެކެއްގައި ރޭގަނޑު ގަޑީގައެވެ.
މި މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ތެރޭގައި ޓްރީ ޓޮޕް ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލާއި ޓީމް އެފްއެފް އާއި އެޗްވައިއެމް ވެޓަރަންސް އާއި އެޗްވައިއެމް ވުލްފް ގޭންގާއި އެޗްވައިއެމް ފިނޮމިނަލްސް އާއި އެޗްވައިއެމް ބްލެކް ފްލޭޝް އާއި އެޗްވައިއެމް ބުލް ޝާކްސް ހިމެނެއެވެ. ބުލް ޝާކްސްއަކީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ ބައްދަލު ކުރާނީ ޓްރީ ޓޮޕް ހޮސްޕިޓަލާއި އެޗްވައިއެމް ވުލްފް ގޭންގެވެ. އެ މެޗު ފަށާނީ މިރޭ 22:15 ގައެވެ. ދެވަނަ މެޗުގައި ބައްދަލު ކުރާނީ ހުޅުމާލެ ހޮސްޕިޓަލާއި އެޗްވައިއެމް ފިނޮމިނަލްސްއެވެ. މި މެޗު ފަށާނީ މިރޭ 23:15 ގައެވެ.
މުބާރާތުގައި ބައިވެރިވާ ޓީމުތައް:
ގްރޫޕް އޭ
1- ޓްރީ ޓޮޕް ހޮސްޕިޓަލް
2- އެޗްވައިއެމް ވުލްފް ގޭންގް
3- ޓީމް އެފްއެފް
4- އެޗްވައިއެމް ވެޓަރެންސް
ގްރޫޕް ބީ
1- ހުޅުމާލެ ހޮސްޕިޓަލް
2- ޓީމު ފިނޮމިނަލަސް
3- ބްލެކް ފްލޭޝް
4- އެޗްވައިއެމް ބުލް ޝާކްސް
ގްރޫޕް ސްޓޭޖަށް ކުޅޭ މި މުބާރާތުގައި ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ދަތުރު ކުރާނީ ސެމީ ފައިނަލަށެވެ. އަދި ސެމީ ފައިނަލް ދެ މެޗު މި މަހުގެ 19 ވަނަ ދުވަހު އޮންނަ އިރު ފައިނަލް މެޗު އޮންނާނީ މި މަހުގެ 21 ވަނަ ދުވަހުގެރެއެވެ.
އެޗްވައިއެމް އިން މި މުބާރާތް 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ހެން ބާއްވަމުން އަންނަ އިރު، މުބާރާތް ބޭއްވުމުގެ މަގްސަދުގެ ތެރޭގައި ޖަމިއްޔާގައި ހިމެނޭ މެމްބަރުންނާއި ހުޅުމާލޭގައި ހުންނަ މުއައްސަސާތަކުގެ ގުޅުން ބަދަހި ކުރުން ހިމެނެއެވެ.