އެމްޓިސީސީއަކީ ބޮޑު ފައިދާއެއްގައި ހިންގަމުން އައި ކުންފުންޏެއްކަމަށް ދައްކާ، ކުރީގެ މެނޭޖްމަންޓުން އާންމު ރައްޔިތުންނަށް އޮޅުވާލާފައިވާ ކަމަށާއި، މިހާރުގެ މެނޭޖްމަންޓުން ކުންފުންޏާ ހަވާލުވިއިރު އެކުންފުނި އޮތީ ބިލިއައްހާ ރުފިޔާއިން ދަރަނިވެރި ވެފައިކަމުގައި އެމްޓީސީސީގެ އާ ސީއީއޯ ޒިޔާދު ވިދާޅުވެއްޖެ އެވެ.
އިއްޔެ ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ ނިމިގެން ދިޔަ ސަރުކާރުގައި އެމްޓީސީސީއަކީ ވަރަށް ރަނގަޅަށް ހިންގަމުން އައި ކުންފުންޏެއް ކަމަށް އާންމުންނަށް އަންގައިދެމުން ދިޔަ ނަމަވެސް އެމްޓީސީސީ އޮތީ 954 މިލިއަން ރުފިޔާ އިން ދަރާފައި ކަމަށެވެ. އަދި އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 1.7 ބިލިއަން ރުފިޔާ ނުލިބި އޮތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޒިޔާދު ވިދާޅުވީ ހަރުމުދާ ބެލެހެއްޓުމުގައި ވެސް އިހުމާލުތަކެއް ކުރީގެ މެނޭޖްމަންޓުން އިހުމާލުވެފައިވާ ކަމަށާއި، އަދި ހާއްސަކޮށް މަހާޖައްރާފު އޮތް ހާލަތާ މެދު ކަންބޮޑުވާ ކަމަށެވެ.
އެމްޓީސީސީއަށް އާމްދަނީ ލިބޭ އެންމެ މުހިއްމު އެއް މަސައްކަތް ކަމަށްވާ ބިން ހިއްކުމުގެ މަސައްކަތްތައް އަލުން ހަލުވިކުރުމަށްޓަކައި ޑްރެޖިން އިތުރު ބާޖަކާއި އެހެން ބައެއް މެޝިނަރީތައް ހޯދުމަށް ލޯނެއް ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ޒިޔާދު ވިދާޅުވި އެވެ. ކުންފުނީގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އޮޑިޓެއް ހަދަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
އެމްޓީސީސީން މީގެކުރިން ހާމަކޮށްފައިވާ މާލީ ހިސާބުތަކަށް ބަލާއިރު، އެކުންފުންޏަށް 3.2 ބިލިއަން ރުފިޔާގެ އާމްދަނީ ލިބުނުއިރު، ފާއިތުވެޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 130 މިލިއަން ރުފިޔާ ލިބިފައި ވެއެވެ.
އެހެންނަމަވެސް ޒިޔާދު ވިދާޅުވި ގޮތުގައި އެކުންފުންޏަށް ލިބޭ އާމްދަނީ %85 އަކީ ސަރުކާރު މަޝްރޫއުތަކުން ލިބޭ އާމްދަނީކަމުން، އަމިއްލަ މީހުންގެ މަޝްރޫއުތައް ހިންގައިގެން ތަފާތު ވިޔަފާރިތައް ކޮށްގެން އާމްދަނީ ހޯދޭނެ އިތުރު ކަންކަން ކުރެއްވުމުގެ ވިސްނުން މިހާރު ކުންފުނިން ގެންގުޅެމުން އަންނަ ކަމަށެވެ.
ކޮމެންޓު ފޮނުވާ