ސްކޫލުތަކުގެ ކްލާސްރޫމްތައް އޭސީކުރަން މަގުފަހިވާ ގޮތަށް އަންނަ އަހަރުން ފެށިގެން އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކެއް ސްކޫލުތަކުގައި ފެށުމަށް ގަސްދު ކުރައްވާ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ސްކޫލުތަކުގެ ކްލާސްރޫމުތައް އޭސީ ކުރުމަކީ ކިޔަވާ ކުދިންނާ ޓީޗަރުންނާ އަދި ސްކޫލުތަކުން ވެސް ވަރަށް ބޮޑަށް އެދެމުން އަންނަ ކަމެއް ކަމަށެވެ.
ހަމައެހެންމެ، އެމަނިކުފާނު ރަށްރަށަށް ކުރައްވާ ދަތުފުޅުގައި ރަށްރަށުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުން އެދޭ އެއްކަމަކީ ހޭންޑް ބޯލް ކޯޓުތައް ގާއިމުކުރުންކަން ފާހަގަކުރައްވައި ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ވީހާވެސް ގިނަ ރަށެއްގައި ހޭންޑް ބޯލް ކޯޓުތައް ގާއިމު ކޮށްދެއްވާނެ ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި މީދޫއާ ވަކިން ހިއްކާފައިވާ ސަރަޙައްދު އެ ރަށާ ގުޅުވާލުމާއި އެ ސަރަޙައްދުގައި ފެނާއި ނަރުދަމާ އަދި ކަރަންޓު އަދި މަގުހެދުން ފަދަ އަސާސީ ޚިދުމަތްތައް ގާއިމުކޮށް ދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި އެސަރަޙައްދުގެ މަގުތައް ހަދާނީ ރަށުގެ މަގުތަކާވެސް އެކުގައިކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މުޅި ރާއްޖޭގައި ހައުސިންގ މަޝްރޫއު ކުރިޔަށްގެންދާއިރު މީދޫގައި މަދުވެގެން 200 ހައުސިންގ ޔުނިޓް ގާއިމުކޮށްދެއްވާނެކަމަށާއި އެރަށުގެ ބަނދަރު އިތުރަށް ބޮޑުކޮށް ފުޅާކޮށް ރައްޔިތުން އެދޭބަދަލުތަކާއެކު ތަރައްގީކުރުމާއި އެނޫންވެސް ރަށުގެ ތަރައްގީއަށް ކުރަންހުރި ހުރިހާ ކަމެއް ފުރިހަމަ ކޮށްދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.