ރައީސް މުއިއްޒު ފާއިތުވި ހަފްތާގައި ރާއްޖޭގެ އުތުރުގެ ބައެއް ރަށްތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކެނދިކުޅުދޫއަށް ވަޑައިގެން ކެމްޕޭން ކުރެއްވިކަމުގެ ތުހުމަތު ކޮށް އެރަށުގެ ރަށުކައުންސިލުން ނެރުނު ބަޔާން ބާތިލްކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެންގި އެންގުން ކުށްވެރިކޮށް، އެލްޖީއޭ ޖަވާބުދާރީ ކުރުވުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މަޖިލީހަށް ގޮވާލައިފިއެވެ.
ކެނދިކުޅުދޫ ކައުންސިލުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައީސް މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި އެ ރަށަށް ކުރެއްވި ޒިޔާރަތުގައި ކައުންސިލްގެ ރުހުން ނެތި، ކައުންސިލުން ކުރިއަށް ގެންދިޔަ ހަރަކާތްތައް ސިޔާސީ ހަރަކާތެއްގެ ގޮތުގައި ސިވަފާ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް ނިސްބަތްވާ ޕާޓީއަށް ތާއީދު ހޯދުމަށް ވާހަކަފުޅުދައްކަވާފައިވާ ކަމަށެވެ.
ކަންސިލްގެ ބަޔާނާ ގުޅިގެން އެލްޖީއޭއިން ކެނދިކުޅުދޫ ކައުންސިލަށް އަންގާފައިވަނީ ކައުންސިލުގެ މެމްބަރުންގެ ސޮއި ނެތި، އަދި ކައުންސިލުން ނޫސް ބަޔާނަކަށް ޒިންމާވާނެ ފަރާތެއްގެ ނަން ނެތުމަކީ އެ ކައުންސިލުން ނެރުނު ބަޔާނުގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށާއި، އެހެންކަމުން ކައުންސިލުން ނެރުނު ބަޔާން ބާތިލުކޮށް އެކަން މާދަމާ މެންދުރު 2:00 ކުރިން އެލްޖީއޭއަށް އެންގުމަށެވެ.
އެލްޖީއޭގެ އެންގުމާއި ގުޅިގެން ޓްރާންސްޕޭރެންސީ މޯލްވްސްއިން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ، އެލްޖީއޭގެ މި އަމަލަކީ ލާމަރުކަޒީ ގާނޫނުގެ ރޫހާއި ލާމަރުކަޒީ ވެރިކަމުގެ މައިގަނޑު އުސޫލުތަކާ ހިލާފު އަމަލެއް ކަމުގައެވެ. އަދި ދައުލަތުގެ އިދާރާތަކުން ބަދަލު ހިފާނެ ކަމުގެ ބިރެއް ނުވަތަ ސެންސަރޝިޕެއް ނެތި، ރައްޔިތުންގެ ކަންބޮޑުވާ މައްސަލަތައް ހައްލުކުރުމުގެ މިނިވަންކަން ލޯކަލް ކައުންސިލްތަކަށް ދޭންޖެހޭ ކަމުގައިވެސް އެޖަމިއްޔާއިން ބުނެފައި ވެއެވެ.
އެލްޖީއޭ ފަދަ މުއައްސަސާތައް ބެލެހެއްޓުމުގެ ދައުރަކަށް ވާންޖެހޭނީ ގާނޫނުގެ ވެރިކަން ދެމެހެއްޓުމަށާއި ހެޔޮވެރިކަމެއް ކުރިއެރުވުމަށް ކައުންސިލްތަކުން ކުރާ މަސައްކަތަށް އެއްބާރުލުންދީ ބާރުވެރިކުރުވުމެވެ. ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީން ޖީއޭގެ އަމަލުތައް ބެލުމަށް ނިންމި ނިންމުމަށް މަރުހަބާ ކިޔާ ކަމަށާއި، ކައުންސިލްތަކަށް ބިރުދެއްކުމާއި ނުފޫޒުން އެއްކިބާވެ މަސައްކަތް ކުރެވޭނެ ގޮތް ހެދުމަށް އެލްޖީއޭ ޖަވާބުދާރީ ކުރުވުމަށް މަޖިލީހުގެ ކޮމިޓީއަށް ގޮވާލާ ކަމަށެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ބަޔާނުގައި ވެއެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ އެލްޖީއޭ ފަދަ މުއައްސަސާތަކުގެ ދައުރަކަށް ވާންޖެހޭނީ ގާނޫނުގެ ވެރިކަން ދެމެހެއްޓުމަށާއި ހެޔޮވެރިކަމެއް ކުރިއެރުވުމަށް ކައުންސިލްތަކުން ކުރާ މަސައްކަތަށް އެއްބާރުލުންދީ ބާރުވެރިކުރުވުން ކަމުގައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީން އެލްޖީއޭގެ އަމަލުތައް ބެލުމަށް ނިންމި ނިންމުމަށް މަރުހަބާ ކިޔާ ކަމަށާއި، ކައުންސިލްތަކަށް ބިރުދެއްކުމާއި ނުފޫޒުން އެއްކިބާވެ މަސައްކަތް ކުރެވޭނެ ގޮތް ހެދުމަށް އެލްޖީއޭ ޖަވާބުދާރީ ކުރުވުމަށް މަޖިލީހުގެ ކޮމިޓީއަށް ގޮވާލާ ކަމަށްވެސް އެ ޖަމިއްޔާގެ ބަޔާނުގައި ގޮވާލާފައި ވެއެވެ.