ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުން ގުނަމުން އައި ގޮތާ ގުޅޭ ގޮތުން މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު ބަދަލެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމާ ގުޅިގެން ގަވައިދަށް ބަދަލު ގެނައި ފަހުން މަޖިލިހުން ފާސްކުރި ކަންކަމާ މެދު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދެއްވާނީ ގައުމީ މަސްލަހަތު އިސްކުރައްވައިގެން ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
އުޝާމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އޭނާގެ ގާނޫނީ ރައުޔަކީ މަޖިލީހުން މެމްބަރުންގެ ޖުމްލަ އަދަދަކީ 80 ކަމަަށް ކަނޑައެޅި ކަނޑައެޅުން ގާނޫނުއަސާސީއާ ހިލާފު ކަމެވެ. އަދި ސުޕްރީމް ކޯޓުން ވެސް އެގޮތަށް ނިންމިކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އުޝާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޖުމްލަ އަދަދަކީ 80 ކަމަށް އެ މަޖިލީހުން ނިންމި ނިންމުން ގާނޫނުއަސާސީއާ ހިލާފުކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅުމާ ގުޅިގެން، މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 80 ކަމަށް ބަލައިގެން މަޖިލީހުން ނިންމާފައިވާ ނިންމުންތަކާއި މެދު ގާނޫނީ ގޮތުން ސުވާލު އުފެދިފައިވާތީ، އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ ފަސް ވަނަ އިސްލާހު ތަސްދީގުކުރުމާ ގުޅޭގޮތުން ގާނޫނީ ލަފަޔަކަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވާކަން ފާހަގަކުރައްވާ އުޝާމް ވިދާޅުވީ އެކަމާ ގުޅޭގޮތުން މިއަދު ރައީސް ޑރ. މުއިއްޒަށް ލަފާ އަރުއްވާނެ ކަމަށެވެ.
"ދައުލަތުގެ ބާރުތަކުގެ މެދުގައި އަބަދު އަރާރުންވުމަކީ ރަނގަޅު ކަމެއް ނޫން. ހުރިހާ ފަރާތްތަކުން ވެސް ކަންކަން ނިންމަންވާނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން. އަޅުގަނޑު ރައީސަށް ގާނޫނީ ލަދާ ދިނުމުގައި ވެސް ބަލާނީ މި ކަންކަމަށް،" އުޝާމް ވިދާޅުވި އެވެ.
ހުކުމްގައި ސުޕްރިމް ކޯޓުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު 80 އަށް ހަދަން މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް ގެނައި ބަދަލު ގާނޫނުއަސާސީއާ ހިލާފު ކަމަށާއި އެހެންނަމަވެސް އެ މާއްދާ މިހާރު ބާތިލުކޮށްފައިވާތީ ކުރެވޭނެ ކަމެއް ނެތް ކަމަށެވެ. ބަންޑާރަނައިބުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ މަޖިލީހުގެ ހިންގާ ގަވާއިދުގެ 49 ވަނަ މާއްދާއަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ގޮތުގައި ކަނޑައަޅައިދިނުމަށެވެ.
އެ މައްސަލައިގައި ހުކުމް މިއަދު ހެނދުނު ސުޕްރީމް ކޯޓުގައި ކޮށްފައިވަނީ އަޑުއެހުމުގައި އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އަދި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ގަވާއިދަށް ގެނައި އިސްލާހަކީ ބާތިލު އިސްލާހެއް ކަމަށް ކަނޑައަޅުއްވާފައެވެ.
އެހެންނަމަވެސް އެ މައްސަލާގައި މިހާރު ކުރެވޭނެކަމަށް ނެތްކަމަށް ނިންމާފައިވަނީ، މައްސަލަ ސުޕްރިމް ކޯޓުގައި ކުރިޔަށް ދަނިކޮށް، އެ މާއްދާ އުވާލާފައިވާތީކަމަށްވެސް ސުޕްރިމް ކޯޓުގެ ހުކުމުގައި ވިދާޅުވެފައިވެއެވެ.