ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް ފަހު މ. ދިމްޔާތުގައި ހޭދަކުރެއްވި ތިން މަހެއްހާ ދުވަހުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ކޮށްފައި ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އެގޮތަށް ވިދާޅުވީ ށ.ފުނަދޫ، ނީލްވިލާ، އާމިނަތު ނަޖްމާ، ރައީސް ދެކަނބަލުންގެ ފަރިއްކޮޅަށާ، އަމިއްލަފުޅު ގޭގެ ހަރަދުބަރަދަށް ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ހޭދަކޮށްފިކަމަށް ފަތުރާ ވާހަކައިގެ ހަގީގަތާމެދު ދެންނެވި ސުވާލަށް ރައީސް ޖަވާބު ދެއްވަމުންނެވެ.
ނަޖްމާ ކުރި ސުވާލުގައި ބުނެފައި ވަނީ ކެއުމުގެ ހަރަދަށް 30 މިލިއަން ރުފިޔާ އާއި އަމިއްލަ ގެކޮޅުގެ އެކޮމޮޑޭޝަނަށް 25 މިލިއަން ރުފިޔާ ހަރަދު ކުރި ވާހަކައެއް އަޑު އިވިފައިވާ ކަމަށެވެ.
އެ ސުވާލުގެ ޖަވާބުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ މިހާރަކަށް އައިސް ފެނިގެން ދަނީ ހަގީގަތާ ހިލާފަށް ވަރަށް ގިނަ ވާހަކަތަކެއް ދައްކަމުން އަންނަ ތަން ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ގެކޮޅުގައި ހުންނެވި ދުވަސްތަކަށް 25 މިލިއަން ރުފިޔާ ހަރަދު ކުރި ވާހަކައަކީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމުގައި ވިދާޅުވިއެވެ.
ރައީސްގެ ޖަވާބު
28 ފެބްރުވަރީ 2024ށ.ފުނަދޫ، ނީލްވިލާ، އާމިނަތު ނަޖްމާ، ރައީސް ދެކަނބަލުންގެ ފަރިއްކޮޅަށާ، އަމިއްލަފުޅު ގޭގެ ޚަރަދުބަރަދަށް ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ހޭދަކޮށްފިކަމަށް ފަތުރާ ވާހަކައިގެ ހަގީގަތާމެދު ދެންނެވި ސުވާލަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބު pic.twitter.com/8HSOYqLZWH
— Government of Maldives (@governmentmv) February 28, 2024
"އަޅުގަނޑު ގޭގައި ހުރީ އަޅުގަނޑު އަމިއްލަ ހަރަދުކޮށްގެން. ދައުލަތުގެ އެއްވެސް ރުފިޔާއެއް، އެއްވެސް ހަރަދެއް ނޯންނާނެ ކޮށްފައެއް. އަދި އެއްވެސް ކަމަކަށް ހަރަދެއް ނުކުރުވަން. ގޭގައި ސެކިއުރިޓީން ވެސް ތިބޭ. ހުރިހާ އެންމެން ވެސް ގޭގެ ހަރަދުގައި ބޭތިއްބީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކެއުމަށް ވެސް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައި ނޯންނާނެ ކަމަށެވެ.
"ދައުލަތުން ހަރަދު ކުރާ ގޮތަށް އޮންނަނީ. އަޅުގަނޑު ވަރަށް ބޮޑަށް ބޭނުންވީ އެއްވެސް ކަމެއްގައި އަޅުގަނޑުގެ އަތުން ނޫނީ އެއްވެސް ހަރަދެއް ނުކުރަން. އެއީ ދުވަހަކު ވެސް ތިކަހަލަ ވާހަކައެއް ބުނަން މީހަކަށް ޗާންސެއް ދޭން ބޭނުން ނުވާތީ." ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ 100 ދުވަހުގެ ތެރޭގައި ކެއުމަށް 30 މިލިއަން ރުފިޔާ ހަރަދު ކުރި ވާހަކައަކީ ވެސް ބުއްދީގެ ހަމަތަކުގެ މަތިން ބަލާއިރުގައި ވެސް ގަބޫލު ކުރެވޭ ވާހަކައެއް ނޫން ކަމަށެވެ. މުލިއާގޭގެ ބަޖެޓުގައި ވެސް ކެއުމުގެ ހަރަދަށް އަހަރަކު އޮންނަނީ ހަތް މިލިއަން ރުފިޔާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ކަންކަން ވަރަށް ހާމަކަން ބޮޑު އަދި ދެފުށް ފެންނަ ގޮތަކަށް ހިނގަމުންދާ އިރުގައި އެކަހަލަ ކަންކަމުގައި އިދިކޮޅު ފަރާތްތަކުން ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ. އެހެންވެ އިދިކޮޅު ފަރާތްތަކުން މިހާރު މަސައްކަތް ކުރަނީ ހަދަ ހަދައިގެން ހުސް ދޮގު ވާހަކަ ދައްކަން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.