ދެ ވަނަ ޑިވިޝަންގެ ފުޓުބޯޅަ މުބާރާތުގައި ވިކްޓަރީ ސްޕޯޓްސް ކުލަބާއި ކުޑަހެންވޭރު ޔުނައިޓެޑް ބައްދަލުކުރި މެޗުގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި 16 މީހުންގެ ތެރެއިން މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ ތިން މީހުން ކަމަށް ފުލުހުން ބުނެފިއެވެ.
މި މަހުގެ 7 ވަނަ ދުވަހު ދަނޑުގައި މާރާމާރީ ހިންގީ ކުޑަހެންވޭރުގެ ސަޕޯޓަރުންތަކެއް ދަނޑަށް އަރައެވެ. އެ ހަމަނުޖެހުންތައް ހިންގީ މެޗުގެ 81 ވަނަ މިނެޓުގައެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން ރެފްރީ ވަނީ މެޗު ހުއްޓާލައިފައެވެ. އަދި މެޗުގެ ބާކީ އޮތް ބައި ކުޅެފައެއް ނުވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މެޗުގެ ކުޅުން ކުރިއަށް ގެންދަނިކޮށް ބަޔަކު މީހުން ދަނޑުމައްޗަށް އަރައި ހަމަނުޖެހުން ހިންގައި ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ކުޅުންތެރިންނާއި އޮފިޝަލުންނާ މެދު މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރު ކުރި 13 މީހަކު ޝަރުތުތަކާ އެކުގައި ދޫކޮށްލާފައިވާ ކަމަށެވެ. އަދި 16 މީހުންގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ތިބީ ތިން މީހުން ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އެންމެ ފަހުން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޮންމެ މީހެއްގެ ބަންދަށް އިތުރު 15 ދުވަސް ޖެހިއެވެ.
އެ ދުވަހުގެ މެޗުގައި ހިންގި ހަމަނުޖެހުމުގައި ވިކްޓަރީގެ ކޯޗު ސޮބާހް މުހައްމަދަށް ވެސް ހަމަލާދީ އޭނާގެ އަނގަ މަތި ފަޅާލިއެވެ.
ކުޑަހެންވޭރު ސަޕޯޓަރުން ދަނޑަށް އެރީ ކުޑަހެންވޭރުގެ މުހައްމަދު ހާޒިމް ރިއްފަތު، ވިކްޓަރީގެ އެނަޓޮލީ އަށް ކުރި ފައުލަކާ ގުޅިގެން އެނަޓޮލީ ގަސްދުގައި ހާޒިމް ގައިގައި ކޮޅުފައިން ޖެހުމުންނެވެ. ރެފްރީ މުހައްމަދު ޖާވިޒް އެނަޓޮލީ އަށް ރަތް ކާޑެއް ދެއްކުމުގެ ބަދަލުގައި ރީނދޫ ކާޑެއް ދައްކަން ނިންމުމާ ގުޅިގެން ކުޑަހެންވޭރު ސަޕޯޓަރުން ވަނީ ދަނޑަށް އަރައި އެނަޓޮލީ އަށް ވެސް ހަމަލާދީފައެވެ.