ކެންޑިޑޭޓުންނަށް މަސްދަޅު ހަދިޔާކުރީ ކުންފުނީގެ ޕްރޮމޯޝަންއަށް، ޓްވީޓް ކުރީ ހުއްދަ ނުހޯދާ: މިފްކޯ

ކެންޑިޑޭޓުންނަށް މަސްދަޅު ހަދިޔާކުރީ ކުންފުނީގެ ޕްރޮމޯޝަންއަށް، ޓްވީޓް ކުރީ ހުއްދަ ނުހޯދާ: މިފްކޯ

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ ކެމްޕޭންގައި ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުންނަށް މަސްދަޅު ހަދިޔާކުރީ ކުންފުނީގެ ޕްރޮމޯޝަންއަށް ކަމަށާއި، އެކްސްގައި ޕޯސްޓު ކުރީ ހުއްދަ ނުހޯދާ ކަމުގައި މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން އުފައްދާ މަސައްދަޅުތައް ކެނޑިޑޭޓުންނަށް ހަދިޔާކޮށް، އަދި އެކްސްގައި ޕޯސްޓުކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެެސްއޯއީ ކޮމިޓީ) އަށް ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ ޑޮމިކްރެޓްސްގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)އެވެ. އެ ކޮމިޓީން މިއަދު ބައްދަލުވުމެއް ބޭއްވީ މިފްކޯއާއި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރެޓޭޝަން ބޯޑް (ޕީސީބީ)ގެ ވެރިން ހާޒިރުކޮށްގެންނެވެ.

މިއަދުގެ ބައްދަލުވުމުގައި މެމްބަރު ބޮންޑޭ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިފްކޯގެ ޕްރޮޖެކްޓް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު މުއާޒް އަލީ ވިދާޅުވީ ކެންޑިޑޭޓުންނަށް ހަދިޔާ ދިނީ މިފްކޯއަށް ޒިޔާރަތްކުރައްވާ އިތްޒަތްތެެރިންނަށް ހަދިޔާ ދޭ އާއްމު އުސޫލުން ކަމުގައެވެ.

އޭގެ ތެރޭގައި [ހަދިޔާ ފޮށީގެ ތެރޭގައި] މިފްކޯގެ ޕްރޮޑަކްޓްތަކެއް މިހުންނަނީ. އެހެންވީމާ މާކެޓިންގެ ތެރެއިން ކުރެވޭ ކަމެއް އެ ކަމަކީ، މިފްކޯއަށް ވަޑައިގަންނަވާ ބޭފުޅުންނަށް ހަމަ ކާޓެސީއެއްގެ ގޮތުގައި ހަވާލުކުރެވޭ އެއްޗެއް.

މުއާޒް ވިދާޅުވި އެެވެ.

އޭނާ ވިދާޅުވީ އެދުވަސްވަރަކީ އެކުންފުނީގެ ސީއީއޯއާއި ވަރަށް ގިނަ ބޭފުޅުން ބައްދަލުކުރަމުންދިޔަ ދުވަސްވަރެއް ކަމަށާއި، ކުންފުނީގެ ސީއީއޯއާއި ބައްދަލުކޮށްފައިވަނީ ސަރުކާރު ކެނޑިޑޭޓުން އެކަނި ނޫންކަމުގައެވެ.

އަދި އެ ބައްދަލުވުންތަކަށްފަހު ފޮޓޯ އެކްސް ހޭންޑްގައި ޕޯސްޓުކުރީ އެކަމަށް ޚާއްސަ މުވައްޒަފުން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެއީ ހުއްދަ އޮވެގެން ކުރި އެކްސް ޕޯސްޓުތަކެއް ނޫންކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ އެގޮތަށް ކަންތައް ނުވާނޭ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމުގައެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިފްކޯގެ ސީއީއޯ އަހުމަދު ސަމާހު ރަޝީދު ވިދާޅުވި އެ ފޮޓޯތައް އެކްސްގައި ޕޯސްޓުކުރީ ބަލަންޖެހޭވަރަށް ނުބެލި ކަމަށާއި، އެއީ ހުއްދަ އޮވެގެން ކުރި ޕޯސްޓްތަކަކަށް ނުވުމުން، އެކަހަލަކަމެއް ތަކުރާރު ނުވާނޭގޮތަށް މިހާރު އިންތިޒާމްތައް ހަމަޖައސާފައިވާ ކަމުގައެވެ.

ދެން ވަރަށް ގިނަ ބޭބޭފުޅުންގެ ފޯންކޯލްތައް ލިބެމުން ދާން ފެށީމާ އަޅުގަނޑު އެރޭ ޓްވިޓާ ހޭންޑުލް ބަލައިލީވެސް، ބަލައިލީމާ އަޅުގަނޑަށް މީއްޗިހި ފެނުނީމާ ގުޅާފައި ބުނެފިން ވަގުތުން އޭއްޗިހި ހަމަ ޑިލީޓް ކުރަން. އެހެންވީމާ އަޅުގަނޑު ހަމަ އަންގައިގެން އޭއްޗިހި ޑިލީޓް ކުރީ.

ސަމާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕްރޮޑްކަޓްތައް ހަދިޔާ ކުރަނީ އެ ޕްރޮޑަކްޓްތައް މާރކެޓް ކުރުމަށް ކަމަށާއި، ކުންފުނީގެ ޕްރޮޑަކްޓްތައް ބޭނުން ކޮށްގެން ކެމްޕޭން ނުކުރާނެ ކަމުގައެވެ.

އަޅުގަނޑުމެން އެހެން ނަމަވެސް ވަރަށް ބޮޑަށް ބޭނުންވާނެ އަޅުގަނޑުމެންގެ ޕްރޮޑަކްޓްތައް އިޝްތިހާރުކޮށް އޭތި މާކެޓްކުރަން، ވީހާ ވެސް ގިނަ ބަޔަކާ ހަމަައަށް އޭއްޗިހި ގެނެސްދޭން.

މިފްކޯގެ އާ ސީއީއޯ ސަމާހު ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *