އެމްޑީޕީގެ ލީޑަރޝިޕްގައި 3 ބޭފުޅުން! މިސްރާބު ހުރީ ކޮން އަމާޒަކަށް!

އެމްޑީޕީގެ ލީޑަރޝިޕްގައި 3 ބޭފުޅުން! މިސްރާބު ހުރީ ކޮން އަމާޒަކަށް!

ގުޅުންހުރި

މިވަގުތުވެސް ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ޕާޓީކަމުގައިވާ އެމްޑީޕީ ފާއިތުވި ރިޔާސީ އިންތިޚާބުން ބަލިވުމަށްފަހު އެޕާޓީއަށްވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އޭގެ ތެރޭގައި އެންމެ ފުރަތަމަ އައި އެއް ބަދަލެއްގެ ގޮތުގައި ފާހަގަވެގެން ދިޔައީ ޕާޓީގެ ވަގުތީ ރައީސްކަމަށް ކުރީގެ ރައީސް ސާލިހު އައްޔަން ކުރެއްވުމެވެ.

ރައީސް ސާލިހު އެމްޑީޕީގެ ވަގުތީ ރައީސަކަށް އައްޔަން ކޮށްފައިވަނީ، ފާއިތުވި ނޮމެމްބަރުމަހުގެ 24 ވަނަ ދުވަހުގެ ރޭ އުކުޅަހުގައި ކުރިޔަށްދިޔަ އެމްޑީޕީގެ ގައުމީ މަޖިލިސް ޖަލްސާއިންނެވެ. އެމްޑީޕީގެ ރައީސްކަމުގެ މަގާމް ހުސްވީ އެމަގާމުގައި ހުންނެވި، އެޕާޓީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމަގާމުން ވަކިވުމާއި ގުޅިގެންނެވެ.

އެއަށްފަހު ޕާޓީގެ އެންމެ އިސްވެރިއެއްގެ ގޮތުން ޕާޓީ ހިންގަމުން އައިސްފައިވަނީ ވަގުތީ ރައީސެއްގެ ގޮތުގައި ރައީސް ސާލިހު ހުންނަވައިގެންނެވެ. އެހެންނަމަވެސް އޭގެ 2 މަހެއްހާ ދުވަސް، ޕާޓީގެ ރައީސްކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށްޓަކާ އެޕާޓީން އިއުލާން ކުރީ ފާއިތުވި ފެބްރުއަރީމަހުއެވެ.

އެގޮތުން ހުޅުވާލި ފުރުސަތުގައި ޕާޓީގެ ރައީސްކަމަށް ވާދަކުރުމަށް ކުރިމަތިލީ އެންމެ ބޭފުޅެކެވެ. ރާއްޖޭގަ އޮތް އެންމެ ބޮޑު ޕާޓީގެ ރައީސްކަމުގެ މަގާމަށް ވާދަވެރިކަމެއް ނެތެވެ. އެމަގާމަށް ކުރިމަތިލުމަށް ޝައުގުވެރިކަން ފާޅުކުރެއްވީ ކުރީގެ ޚާރިޖީ ވަޒީރު ޝާހިދު ގިނިކަންޏާއެވެ. ޝާހިދު އެމްޑީޕީގެ ރައީސްކަމަށް ހޮވިވަޑައިގަތްކަން އެމްޑީޕީން ރަސްމީކޮށް އިއުލާންކުރީ ފާއިތުވި ނޮވެމްބަރުމަހުގެ 20 ވަނަ ދުވަހުއެވެ. އެމްޑީޕީން ބުނެފައިވަނީ ވާދަވެރި އިންތިޚާބަކާ ނުލާ ޝާހިދު ހޮވުނީ، އެމަގާމަށް އެއްވެސް ފަރާތަކުން ކުރިމަތި ނުލުމުގެ ސަބަބުން ކަމުގައެވެ.

އެމްޑީޕީގެ ލީޑަރޝިޕްގައި މިވަގުތު 3 ބޭފުޅުން އެބަތިއްބެވި

އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން އެންމެ ބޭފުޅަކު ރައީސްކަމަށް ކުރިމަތިލައްވައިފިނަމަ އެމަގާމަށް ބޭފުޅަކު ހޮވުމަށް ޕާޓީގެ މެމްބަރުންގެ މެދުގައި އާންމު އިންތިޚާބެއް ނުބާއްވާނެއެވެ.

ޝާހިދު އެމްޑީޕީގެ ރައީސްކަމަށް ހޮވުމާއެކު، އޭގެ ހަފްތާއެއްފަހުން އެމްޑީޕީންވަނީ އެޕާޓީގެ އެޑްވައިޒަރުގެ މަގާމަށް ކުރީގެ ރައީސް ސޯލިހު އައްޔަން ކޮށްފައެވެ. އެކަން އެނގުނީ އެމްޑީޕީގެ އެޑްވައިޒަރުގެ ނަމުން އެމްޑީޕީގެ ރަސްމީ އެކްސް ހޭންޑްއިން ރައީސް ސާލިހުއަށް މުޚާތަބުކުރަން ފެށުމުންނެވެ.

އެއަށްފަހު، އެމްޑީޕީގެ ލީޑަރޝިޕަށް ރަސްމީކޮށް 3 މަގާމެއް އުފަންވެގެން ދިޔައީއެވެ. އެއީ އެޑްވައިޒަރު ރައީސް ސާލިހުއާއި، ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލްގެ އިތުރުން ޕާޓީގެ ރައީސް، ކުރީގެ ޚާރިޖީ ވަޒީރު ޝާހިދުއެވެ.

 

ތިން ބޭފުޅަކު ލީޑަރުންގެ ގޮތުގައި!

އެމްޑީޕީގެ އެޑްވައިޒަރުގެ ގޮތުގައި ކުރީގެ ރައީސް ސާލިހު ހުންނެވިނަމަވެސް، އެމަނިކުފާނުގެ ޕާޓީގެ އެންމެ އިސް ފަރާތްކަން ޕާޓީގެ އަސާސީ ގަވާއިދުން އެނގޭކަށް ނެތެވެ. އެހެންނަމަވެސް ޕާޓީގެ ހުރިހާ ބައްދަލުވުމެއް ޗެއަރ ކުރެއްވުމާއި، އަދި ޕާޓީގެ ހުރިހާ ޖަލްސާއެއްވެސް ޝަރަފްވެރި ކުރައްވަމުން ގެންދަވަނީ ރައީސް ސާލިހުއެވެ.

އެކަން ވާންވާނީވެސް އެގޮތުގެ މަތީންނެވެ. އެމަނިކުފާނަކީ މިވަގުތު ޕާޓީގައި ހުންނެވި ކުރީގެ ރައީސްއެވެ. އަދި ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ޕާޓީއާއިގެން ކުރިޔަށް ވަޑައިގަންނަވާ، ރައީސް ނަޝީދު ޕާޓީ ދޫކޮށް ވަޑައިގެންނެވުމުންވެސް ޕާޓީ އޮޔާ ދޫކޮށް ނުލައްވާ ޕާޓީއާއިގެން ދަތުރު ކުރެއްވީ ރައީސް ސާލިހުއެވެ.

އެހެންނަމަވެސް، އެ ހަގީގަތް އެގޮތުގައި އޮތްނަމަވެސް، އަދި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ކިތަންމެ ދުރުގައި އޮތްނަމަވެސް އެމްޑީޕީގެ ލީޑަރޝިޕްގައި 3 ބޭފުޅަކު މިވަގުތު ތިއްބެވުމަކީ، ތަފާތު އެހެން ނަަޒަރިއްޔާތަކުން ބަލަންޖެހިފައި އޮތް ކަމެއްގެ ގޮތުގައި ދަންނަވަން މިއަދު އެބަ މަޖުބޫރު ވެއެވެ.

އެއީ އެމްޑީޕީއަކީ މިވަގުތު އޮތް އެންމެ ބޮޑު އިދިކޮޅު ޕާޓީއަށް ވެފައި، އެޕާޓީން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތުމުން ދެންވެސް ވެރިކަމަށް އަންނާނޭ ޕާޓީއެއްގެ ގޮތުގައި އެޕާޓީ ތަސްވީރު ކުރެވިގެން ދާތީއެވެ. އަދި ދެން އަންނަ ދައުރެއްގައި ވެރިކަމަށް ވަޑައިގެންނެވުމުގެ ހުވަފެންތައް ދެކޭ، އަދި އެ ޝައުގުވެރިކަން ފާޅުކުރައްވަމުން ގެންދަވާ ބޭފުޅުންވެސް ޕާޓީގެ ލީޑަރޝިޕްގައި ތިއްބެވުމާއެކެއެވެ.

އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު ގެންދަވަނީ ރަށްރަށަށް ދަތުރު ކުރައްވަމުން

ފާއުތުވި ރިޔާސީ އިންތިޚާބަށްފަހު، ސިޔާސީ މަސްރަހުން ދުރުގައި ހުންނަވާނޭކަމުގެ އިޝާރާތްތަކެއް ކުރީގެ ރައީސް ސާލިހު ދެއްވި ނަމަވެސް، އެމަނިކުފާނުވެސް މިހާރު އަލުންވަނީ ފުލް ގިޔަރުގައި ސިޔާސީ މަސައްކަތް ފައްޓަވާފައެވެ. އެއާއެކު މިއަދު ގިނަ ބަޔަކު ގަބޫލުކުރާ އެއް ހަގީގަތަކީ، އެމްޑީޕީގެ ޕްލެޓް ފޯމުން ރައީސްކަމަށް އަލުން ވަޑައިގެންނެވުމުގެ ހުވަފެން ޚުދު ރައީސް ސާލިހުވެސް މިހާރުވެސް ގެންގުޅުއްވާކަމެވެ.

އޭގެ އިތުރުން ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލްއާއި، ޕާޓީގެ ރައީސް ޝާހިދުއަކީވެސް، އަންނަ ދައުރަށް ރައީސްކަމުގެ ހުވަފެން މިހާރުން ފެށިގެން ބައްލަވަމުން ގެންދަވާކަމަށް ފާޅުކޮށް ވިދާޅުވަމުން ގެންދަވާ ދެބޭފުޅުންނެވެ.

 

ތިން ލީޑަރޝިޕެއް، ބައިބައިވުން އުފެދުމުގެ ފުރުސަތު އިންތިހާއަށް!

އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި އެމްޑީޕީ މިވަގުތު އޮތް އިރު، އެޕާޓީ މިވަގުތު ހަރަކާތްތެރިވަމުންދަނީ 3 ލީޑަރޝިޕެއްގެ ދަށުން ކަމުގައި ދެންނެވިދާނެއެވެ. އެގޮތުން ޕާޓީގެ ހުރިހާ ބައްދަލުވުންތަކާއި ޕާޓީގެ ހުރިހާ ޖަލްސާއެއްވެސް އެޑްވައިޒަރު، ކުރީގެ ރައީސް ސާލިހު ޝަރަފްވެރި ކޮށްދެއްވަމުން ގެންދަވާއިރު، ޕާޓީގެ އިދާރީ އޮނިގަޑުގެ ބެލެހެއްޓުމުގެ ޒިންމާ އުފުއްލަވަމުން ގެންދަވަނީ ޗެއަރޕާސަން ފައްޔާޒު އިސްމާއިލްއެވެ.

ހަމައެއާއެކު ޕާޓީގެ ރައީސްގެ ހައިސިއްޔަރުން، އެމްޑީޕީގެ ރައީސް ޝާހިދު ގެންދަވަނީ މަޖިލިސް އިންތިޚާބަށް އެކި ރަށްތަކަށް ޒިޔާރަތް ކުރައްވަމުންނެވެ. ޝާހިދުގެ ދަތުރުތަކުގައި ޕާޓީގެ އެޑްވައިޒަރުވެސް އަދި ޗެއަރޕާސަންވެސް ފެންނަމުންނެއް ނުދެއެވެ.

އަދި އޭގެ އިތުރުން ޕާޓީގެ އެޑްވައިޒަރުގެ ހައިސިއްޔަތުން ކުރީގެ ރައީސް ސާލިހު މާލޭގެ އެކި ދާއިރާތަކުގައި ކެމްޕޭން ކުރައްވަމުން ގެންދަވާއިރު، އެމަނިކުފާނުގެ ކެމްޕޭން އިވެންޓުތަކުގައި ޕާޓީގެ ލީޑަރޝިޕްގައި ތިއްބެވި އެހެން ބައެއް ބޭފުޅުންނެއް ނުފެނެއެވެ.

އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން ރައީސް ސާލިހުވެސް ގެންދަވަނި އަމަލީގޮތުން ހަރަކާތްތެރިވަމުން

އެހެންނަމަވެސް، އެމްޑީޕީގެ ހަރަކާތްތެރި ވަމުން އަންނަނީ ރައީސް ސާލިހު ލީޑރޝިޕްގައި ކަމަށް ގިނަ ބަޔަކު ދެކެމުން އައި ނަމަވެސް، ޕާޓީ އޮނިގަޑުގައި އެމަނިކުފާނަށް އޮތް ޒިންމާއާއި އަދި ހައިސިއްޔަތު ރަސްމީ ސިފައެއްގައި އެގެން ނެތްކަމުން، ޕާޓީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބާއި ހަމައަށް މި އުސޫލުން އަމާން ދަތުރެއްގައި ކުރިޔަށްދިޔަ ނަމަވެސް، އޭގެފަހަށް ޕާޓީގެލީޑަރޝިޕް އެތުރިގެން ދާނޭ ގޮތާއި، ޕާޓީ އެތެރެ ފެކްޝަން ވެގެން ދާނޭ ގޮތުގެ މައްޗަށް މިއަދު ގިނަ ބަޔަކު ތިބީ ފާރަވެރިވެ ބަލާށެވެ.

ޕާޓީގެ ރައީސް ޝާހިދުއާއި ޕާޓީގެ ޗެއަރޕާސަން 2028ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން މިހާރުވެސް ފާޅުކޮށްފައިވާއިރު، ކުރީގެ ރައީސް ސާލިހުގެ ޝައުގުވެރިކަން އޮތީ ކޮން ބީދައަކުންކަން އަދި ސާފުވެފައެއް ނެތެވެ. އެއާއެކު، ދެވަނަ ދައުރެއްގެ އުއްމީދު މެނުވީ، ނުވަތަ ސިޔާސީ ގޮތުން އެމަނިކުފާނު ދެކެވަޑައިގަންނަވާނޭ އެހެން ހުވަފެނެއް މިވަގުތު އޮތްކަމަށް ވިސްނާނެ ޖާގައެއް އަދިއަކު ނެތެވެ. ޕާޓީގައި އެންމެ އިސްކޮށް އެނޫން އުއްމީދެއްގައި އެމަނިކުފާނު ހުންނަވަންވީ ސަބަބެއް އަދި ފެންނާކަށެއް ނެތެވެ. ނުވަތަ އެމަނިކުފާނު ވަމުންދާ ގޮތް ސާފުކޮށް ނުދެއްވަނީކަމަށް ވެދާނެއެވެ.

އެހެންނަމަވެސް، ސިޔާސީ ޕާޓީއަކަށްވެސް އަދި އެނޫން އެއްވެސް ޖަމާއަތަކަށްވެސް، އަމާން ދިގު ދަތުރެއް ކުރެވޭނީ ލީޑަރޝިޕްއަކީ ކޮބައިކަމާއި، އަދި ލީޑަރޝިޕްގެ އަމާޒުވެސް ވަރަށްވެސް ސާފުކޮށް އެނގި ބަޔާންވެގެންކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ