ކުޑަކުއްޖަކު ރޭޕްކުރި ކަމުގެ ކުށް ސާބިތުވި މީހަކު 18 އަހަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މިމައްސަލާގައި ޖަލަށްލާން ހުކުމް ކޮށްފައިވަނީ ތ.ގުރައިދޫ، މިޔަވާލި، ހުސެއިން ޒާހިނުއެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރި 3 ދައުވާވެސް ސާބިތުވާކަމަށް ކުރިމިނަލް ކޯޓުން ނިންމާފައި ވެއެވެ. އޭނާ ޖަލަށްލާން ހުކުމް ކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.
އޭނާގެ މައްޗަށް ކުރި ތިން ދައުވާގެ ތެރެއިން އެންމެ ބޮޑު ހުކުމެއް އައިސްފައިވަނީ އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުންމުގެ ކުށުގައެވެ. އެ ކުށުގެ އަދަބެއްގެ ގޮތުން އޭނާއަށް 15 އަހަރުގެ ޖަލުހުކުމެއް އައިސްފައިވެއެވެ.
ދެން އޭނާގެ މައްޗަށް އައީ 3 އަހަރުގެ ހުކުމެކެވެ. އެއީ އެމީހަކު ލައިގެން ހުރި ހެދުމެއްގެ ބޭރުން ކުޑަކުއްޖަކަށް ފެންނާނެ ގޮތަކަށް ޖިންސީ ގުނަވަނެއް ހާމަކޮށްގެން ހުރުމުގެ ކުށުގެ އަދަބެވެ.
އޭނާ އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގައި ޖަލަށް ލާން ހުކުމް ކުރީ އެއް މަހާއި ހަ ދުވަހުގެ މުއްދަތަށެވެ.
އެގޮތުން އޭނާ ތަންފީޒު ކުރަން ޖެހޭ ޖަލު އަދަބުގެ ޖުމްލަ މުއްދަތަކީ 18 އަހަރާއި 1 މަހާއި 6 ދުވަހެވެ.
މި މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ ކްރިމިނަލް ކޯޓުން ޝަރީއަތް ކުރީ ސިއްރުކޮށްގެންނެވެ. އަދި އެ ސަބަބާ ހެދި ޝަރީއަތް ނިމުނުގެ ގޮތުގެ ރިޕޯޓު ވެސް ހާމައެއް ނުކުރެ އެވެ.