ޑޯނިއާ މަތިންދާ ބޯޓެއްގައި ބަލި މީހަކު އުފުލަނީ.

ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވަން ސިވިލިއަނުން ރާއްޖެ އައިސްފި

ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވަން ސިވިލިއަނުން ރާއްޖެ އައިސްފި

އިންޑިއާ އިން ދިން ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވުމަށް ރާއްޖޭގެ ތިން ސަރަަހައްދެއްގައި ގާއިމްވެ ތިބި އިންޑިއާގެ ސިފައިންގެ ބަދަލުގައި އެ ގައުމުގެ ސިވިލިއަނުންގެ ގުރޫޕެއް މިއަދު ރާއްޖެ އަތުވެއްޖެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މެއި 10 ގެ ނިޔަލަށް ބޭލުމަށް ފަހުގައި ދެ ހެލިކޮޕްޓަރާއި ޑޯނިއާ ފްލައިޓް ދުއްވަން އެ ގައުމުގެ ސިވިލިއަނުން ބައިތިއްބަން ރާއްޖެ އާއި އިންޑިއާ އިން ވަނީ އެއްބަސްވެފައެވެ.

ޑިފެންސް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ދެ ގައުމުގެ ދެމެދުގައި ބޭއްވި މަޝްވަރާތަކަށް ފަހު، އައްޑޫ ގަމުގައި އޮންނަ ހެލިކޮޕްޓަރު އޮޕަރޭޓްކުރާ އިންޑިއާގެ ސިވިލިއަނުންގެ ޓީމު މިއަދު ހަވީރު ރާއްޖެ އައިސްފައިވާ ކަމަށާއި މިރޭގެ ވަގުތެއްގައި އައްޑު އަށް ގޮސް އޮޕަރޭޝަންތައް ޓޭކްއޯވާ ކުރާނެ ކަމަށެވެ. އަދި ކަނޑައެޅިފައިވާ ތާރީހަށް އައްޑޫގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ދިވެހިރާއްޖެ އިން ފައިބާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖޭގެ ތިން ޕްލެޓްފޯމެއްގައި ތިބި ސިފައިންގެ ތެރެއިން އައްޑޫގައި ތިބި ސިފައިން އަންނަ މާޗް 10 ގެ ނިޔަލަށް ފޭބުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބާކީ ތިބި ސިފައިން ވެސް މެއި 10 ގެ ނިޔަލަށް ރާއްޖެ އިން ދިއުމަށް ވަނީ ނިންމައިފައެވެ.

ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ވަނީ އައްޑޫގައި އޮތް ހެލިކަޕްޓަރު މަރާމާތަށް އަނބުރާ ގެންދިއުމަށްޓަކައި، ޓެސްޓު ފްލައިޓުތަކެއް މާދަމާ އޮންނާނެ ކަމަށެވެ.  އަދި އެ ހެލިކޮޕްޓަރު ގެންދިއުމަށާއި އޭގެ ބަދަލުގައި ރާއްޖޭގައި ދެން ބޭނުން ކުރާނެ ހެލިކޮޕްޓަރު ހިފައިގެން އަންނަ އިންޑިއާގެ މަނަވަރު އަންނަ ބުދަ ދުވަހު އައްޑު އަށް އަންނާނެ ކަމަށް ވެސް ބަޔާނުގައިވެއެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ލ. ކައްދޫ އާއި ހދ. ހަނިމާދޫގައި ސްޓޭޝަން ކޮށްފައިވާ 2 ޕްލެޓްފޯމުގައި ތިބި އިންޑިއާ ސިފައިން 10 މެއި 2024 ގެ ކުރިން ފޮނުވާލުމުގެ ކަންކަން އޮމާންކަމާ އެކު ފުރިހަމަކޮށް ނިންމުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ މަޝްވަރާތަކާއި ކުރަންޖެހޭ ކަންކަން ޑިޕްލޮމެޓިކް ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ސަރުކާރުން މިދަނީ ކުރަމުންނެވެ،" ޑިފެންސް މިނިސްޓްރީގައި ބަޔާނުގައި ވެއެވެ.

ރާއްޖޭގައި ގާއިމުގެ ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *