"ޑާކްރެއިން ޝޯޓްސް"ގެ ދެވަނަ ކުރުފިލްމު އަނގުރު މިމަހު 14 ވަނަދުވަހު ރިލީސްކުރަން ނިންމައިފިއެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު އެއް ފިލްމް ޕްރޮޑަކްޝަން ހައުސް، ޑާކްރެއިން އިން ޔޫޓިއުބް މެދުވެރިކޮށް ހިލޭ ބަލާލެވޭގޮތަށް ނެރޭ ކުރު ފިލްމު ސިލްސިލާގެ ފުރަތަމަ ފިލްމަކަށް ގެނެސްދިނީ "ދައުވަތު" އެވެ. އެ ކުރު ފިލްމު ޑާކްރެއިންގެ ޔޫޓިއުބް ޗެނަލްގައި ޕްރިމިއަރ ކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. ދައުވަތަށްފަހު ދެން މި ސިލްސިލާއިން ގެނެސްދޭނެކަމަށް އިއުލާން ކޮށްފައި ވަނީ ކުރު ފިލްމް "އަނގުރު" އެވެ.
”އަނގުރު”ގެ ލީޑްގައި ހަރަކާތްތެރިވަނީ ފިލްމީ ދާއިރާއިން ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ލިބިލައްވާފައިވާ ފުންނާބު އުސް އެކްޓަރ ޙަސަން މަނިކް (ރޯނު ހަސަން މަނިކް) އާއި ކުރިއަރަމުން އަންނަ ބަތަލާ އާމިނަތު ސިލްނާ އެވެ. މި ފިލްމުވެސް ލިޔެ ޑައިރެކްޓް ކުރީ ޑާކްރެއިންޝޯޓްސްގެ ފުރަތަމަ ފިލްމުވެސް ލިޔެ ޑައިރެކްޓް ކުރި ޢަލީ ޝިފާޢު (ޗިއްޕެ) އެވެ.
ޑާކްރެއިންޝޯޓްސް އަކީ އެ ސްޓޫޑިއޯގެ ވަފާތެރި ފޭނުންނަށް ދޭ ހަދިޔާއެއް ކަމަށް ޑާކްރެއިން އިން ބުނެއެވެ. އަދި މިއީ ކޯވިޑް-19ގެ މި ޙާލަތުގައި ފަންނާނުންނަށް ކޮންމެވެސް ވަރެއްގެ ސަޕޯޓެއް ދިނުމުގެ ގޮތުން ކުރަންފެށި މަސައްކަތެއް ކަމަށްވެސް ޑާކްރެއިން އިން ބުނެއެވެ.