ހަވަންދޫގައި ޞިއްޙީ މަރުކަޒު އަޕްގްރޭޑްކޮށް ޑަޔަލިސިސްގެ ޚިދުމަތް ފަށަނީ

ހަވަންދޫގައި ޞިއްޙީ މަރުކަޒު އަޕްގްރޭޑްކޮށް ޑަޔަލިސިސްގެ ޚިދުމަތް ފަށަނީ

ހއ. އިހަވަންދޫގައި ހޮސްޕިޓަލު ގާއިމުކުރެވުމުގެ ކުރިންވެސް މިހާރު ހުރި ޞިއްޙީ މަރުކަޒު އަޕްގްރޭޑްކޮށް ޑަޔަލިސިސްގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރާއްޖޭގެ އެންމެ އުތުރުގެ ހަތަރު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހއ. އިހަވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވަޢުދުވެވަޑައިގެންނެވި ގޮތަށް ޞިއްޙީ ނިޒާމު ވަރުގަދަކުރުމަށް ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއްގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރިއަށް ގެންދަވާނެކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން އައިސް ޕްލާންޓުގެ މަސައްކަތް ކުރިއަށްދާނެކަމަށާއި، އެ ސަރަހައްދުގެ މަސްވެރިކަމުގެ ސިނާއަތަށް ކުރިއެރުން ލިބޭގޮތަށް، ސަރަހައްދުގެ ރައްޔިތުން ބޭނުންވާ ފުޅާ މިނުގައި ޤާއިމުކުރާ މަސްވެރިކަމުގެ އެސްޓަބްލިޝްމަންޓަށް ގާތްގަނޑަކަށް 10 ވަރަކަށް މިލިއަން ޑޮލަރު ހޭދަކުރަން ޖެހޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން މިހާރު ބަލަމުންދަނީ ކޮންޓްރެކްޓަރ ފައިނޭންސް މޮޑެލްއަކުން ދިގު މުއްދަތަށް ބަހާލައިގެންވިޔަސް އެމަސައްކަތް ކުރެވޭނެ ގޮތެއް ހޯދުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފައިބަރު މަސައްކަތްކުރާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ދާއިމީ ހެއްލެއް ގެނެސްދެއްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި ރައްޔިތުން ބޭނުންވާ ގޮތަށް ކުނި މެނޭޖުކުރުމުގެ މަސައްކަތަކީ ވެމްކޯއިން ކުރާ ކަމެއްގެ ގޮތުގައި ހަމަޖެއްސުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެއާއެކު ކުނި މެނޭޖްކުރުމުގެ މައްސަލައަށް ޒަމާނީ އަދި ދާއިމީ ހައްލެއް ގެނެސްދެއްވާނެކަމުގައި އެމަނިކުފާނު ބަޔާން ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިހަވަންދޫއާއި ހޯރަފުށްޓަކީ އެ ސަރަޙައްދުގެ އަރބަން ސެންޓަރުތަކުގެ ގޮތުގައި ބަލާ ތަންތަން ކަމަށާއި އެހެންކަމުން މިސަރަހައްދަށް ބޭނުންވާ ތަރައްޤީގެ މަސައްކަތްތައް ހިނގަންޖެހޭނީވެސް ފުޅާދާއިރާއެއްގައި ނުވަތަ ލާރޖް ސްކޭލުގައި ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *