ގައުމުގެ އިގްތިސޯދީ ހާލަތު ގޯސްވެ ގައުމު އިންދަ ޖެހިފައި އޮތް އޮތުމުގެ ޒިންމާ ރައީސް ޑރ. މުހައްމަދު މުއިއްޒު ނަންގަވަން ނުޖެހޭނެކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމަނިކުފާނުގެ ތާއީދާއެކު ނުކުންނަ ކެންޑިޑޭޓުން ތައާރަފްކުރުމަސް ބާއްވަމުން ގެންދާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ބުރާސްފަތި ދުވަހުރޭ ބޭއްވި ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ، ގައުމުގެ މިއަދު ހާލަތަކީ ފާއިތުވެ ދިޔަ ފަސް އަހަރު އެމްޑީޕީއިން ގައުމުގެ އިގްތިސޯދާ މެދު ވީ އިހުމާލުގެ ނަތީޖާ ކަމަށާ އެކަންކަން ރައީސް މުއިއްޒުއާ ޖާމިނުކޮށްގެން ނިންމާލެވެން ނެތް ކަމަށެވެ.
އެގޮތުން ރައީސް މުއިއްޒު މިހާރު އޮތް ހާލަތުގެ ޒިންމާ ނަގަން ނުޖެހޭ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރާއްޖެ މިއަދު މިއޮތް ހަލަތަުގައި މިއޮތީ ޑރ. މުއިއްޒު އެ ހާލަތަށް ގައުމު ވައްޓާލައިގެން ނޫން. އޭގެވެސް ހަގީގަތް އނެގޭނެ. ފަސް އަހަރެއްގެ ވެރިކަން ނިމިގެން ދިޔައިރު ރާއްޖެ މިހާލަތަށް ގެނެސްފައި މިއޮތީ އެމްޑީޕީ ވެރިކަމުގައި ތިބެގެން. އެކަމަު މިއަދު އެ ބޭފުޅުން އެބަ ވިދާޅުވޭ ދައުލަތް ހިންގަން ނޭނގެއޭ ފައިސާ މެނޭޖުކުރާކަށް ވެސް ނޭނގެއޭ، ދަރަނި ފިލުވަން ނޭނގެއޭ. އެކަމަކު މިކަންކަން މިހެންވީ ކޮން ބައެއްގެ އިހުމާލުންކަމެއް ގަބޫލުކުރާކަކށް ބޭނުން ނުވޭ އެމީހުން. ނިމިދިޔަ ފަސް އަހަރު އެމްޑީޕީއިން ނިންމާލީ ގައުމީ ސަލާމަތަށް ނުރައްކަލުގެ ރަނގަބީލު ޖަހަމުން ކަންކަން ސިއްރުކުރަމުން.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ މަޖިލިސް މެމްބަރުންނަކީ ވެސް ގައުމުގެ ހައްގުގައި މަސައްކަތްކުރާ ބަޔަކަށް ވާން ޖެހޭނެ ބައެއް ކަމަށެވެ. އެހެންކަމުން ނިމިގެން ދިޔަ ފަސް އަހަރު އެމްޑީޕީއިން އަމަލުކުރި އުސޫލުތަކަށް ރިއާޔަތްކުރުމަށްފަހު ޚާއްސަކޮށް މަޖިލީހުން އަމަލުކުރި ގޮތަށް ބެލުމަށް ފަހު، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ މެމްބަރުންނަށް އެންމެ ވޯޓެއްވެސް ދޭން ނުޖެހޭނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ