ފަލަސްތީނަށް ހަދިޔާކުރަން ނިންމި 2 މިލިއަން މަސްދަޅު އަދިވެސް ނުފޮނުވޭ

ފަލަސްތީނަށް ހަދިޔާކުރަން ނިންމި 2 މިލިއަން މަސްދަޅު އަދިވެސް ނުފޮނުވޭ

Author
ހުސެއިން
21 ފެބްރުއަރީ 2024 09:57
0

ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ކުރީގެ ސަރުކާރުން ރާއްޖެ އިން ދެ މިލިއަން ދަޅު މަސް ހަދިޔާ ކުރަން ނިންމި ނަމަވެސް އެ ހަދިޔާ އަދި ފޮނުވާފައި ނުވާ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ވިދާޅުވެއްޖެ އެވެ.

އިސްރާއީލުގެ ހަމަލާތަކުގައި ހާލުގައި ޖެހުނު އެތައް ލައްކަ ބަޔަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފަލަސްތީނަށް ދެ މިލިއަން ދަޅު މަސް ހަދިޔާ ކުރަން ނިންމީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ސުވާލު ކުރުމުން މިނިސްޓަރު ޒަމީރު ވިދާޅުވީ މަސް ދަޅު ފޮނުވުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ދިޔަ ނަމަވެސް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެހެންވީމާ، ފަލަސްތީނަށް މަސް ދަޅު ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމަށް މިސްރު ސަރުކާރާއެކު މިހާރުވެސް މަޝްވަރާތައް ފަށާފައިވާކަމަށް ޒަމީރު ވިދާޅުވިއެވެ.

އެހެން ނަމަވެސް މި ތަކެތި ގެންދެވޭނެ ގޮތެއް އަދި ނުފެނޭ. އަޅުގަނޑުމެން މިތިބީ ތައްޔާރަށް، މިސްރު ސަރުކާރުންވެސް ބުނަމުން ދަނީ އެ މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށް. އެހެންވީމަ އިންތިޒާމުތައް ހަމަޖެއްސުމުން ތަކެތި ޑެލިވަރީ ކުރަން މިތިބީ ތައްޔާރަށް.

އޭނާ ވިދާޅުވި އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާތަކުގައި ގާތްގަނޑަކަށް 1،160 މީހުން މަރުވެ، ގާތްގަނޑަކަށް 250 އެއްހާ މީހުން ވަނީ ރަހީނު ކޮށްފައެވެ. އިސްރާއީލުގެ ބަދަލުހިފުމުގެ ކެމްޕޭނުގައި ފަލަސްތީނުގެ 29،092 މީހުން ޝަހީދުވެފައިވާ އިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް އެ ސަރަހައްދުގެ ސިއްހަތާ ބެހޭ ވުޒާރާއިން އެންމެ ފަހުން އާންމުކުރި ހިސާބުތަކުން ދައްކައިފި އެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ދެކުނު އެފްރިކާއިން އިއްޔެ ބުނެފައި ވަނީ 1994 ގެ ކުރިން ދެކުނު އެފްރިކާގައި ނަސްލީ ތަފާތުކުރުންތަކަށް ވުރެ އިސްރާއީލުން ފަލަސްތީނުގެ ބިންތަކުގައި އަނިޔާވެރި އަމަލުތައް ހިންގާފައިވާ ކަމަށެވެ. އިސްރާއީލުން މިހެން ބުނެފައި މިވަނީ އިސްރާއީލުން ފަލަސްތީނަށް ވެރިވެގަތުމުގެ ސަބަބުން ގާނޫނީ ގޮތުން ކުރާނެ ގެއްލުންތަކާ ގުޅޭ އިބްތިދާއީ ލަފައަކަށް ކޯޓުން އެދުމުން 52 ގައުމަކުން ތާއީދުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މިނިސްޓަރު ޒަމީރު މަޖިލީހުގެ ކޮމެޓީގައި ވިދާޅުވީ އިރުމަތީ ގުދުސް ހިމެނޭ ގޮތަށް ހިފާފައިވާ ބިންތަކުގައި އިސްރާއީލުން އަމަލުކުރާ ގޮތާ ގުޅޭ ގާނޫނީ ކަންކަމުގައި އައިސީޖޭގެ ލަފާ ހޯދުމަށް އދ.ގެ އާންމު މަޖިލީހުން އެދުމުން ރާއްޖެއިން އަމަލީ ގޮތުން ބައިވެރިވި ކަމަށެވެ.

ފަލަސްތީނު ސަރުކާރުގެ އެދުމުގެ މަތިން ރާއްޖެއިން އައިސީޖޭއަށް ލިޔުމުން ބަޔާން ހުށަހެޅީ ޖުލައި 25، 2023 ގަ އެވެ. މިކަމާ ގުޅިގެން ރާއްޖެއިން އައިސީޖޭއަށް އަނގަބަހުން ބަޔާނެއް ދިނުމަށް ހަމަޖެހިފައިވަނީ 26 ފެބްރުއަރީ 2024 ގައެވެ. މިނިސްޓަރ ވިދާޅުވީ އައިސީޖޭގައި އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން ހުށަހަޅާފައިވާ މައްސަލަގައިވެސް ރާއްޖެއިން ދެކުނު އެފްރިކާއަށް ތާއީދުކޮށްފައިވާ ކަމަށާއި، ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ވަކާލާތު ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރ ޒަމީރު ވިދާޅުވީ، ފަލަސްޠީނަށް ތާއީދުކުރުމުގައި ރާއްޖެއިން ދެމިއޮންނާނެކަމުގެ ޔަޤީންކަން ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދެއްވާފައިވާކަމަށެވެ. ދެ ދައުލަތުގެ ހައްލަކަށް ރާއްޖެއިން ތާއީދުކުރާއިރު، އިސްރާއީލުން ފަލަސްތީނަށް އަރައިގަތުމުގެ ކުރީގެ ބޯޑަރުތައް 1967 ގެ ކުރިން އޮތް ހާލަތަށް އެނބުރި ދާން ޖެހޭ ކަމަށް ރާއްޖެއިން ބުނެއެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދަން ޖެހޭ ކަމަށް އެ ގައުމުން ދެކޭ ކަމަށާއި، އެގައުމާ ގުޅުން ހުރި ހުރިހާ ހައްގުތަކެއް ލިބެން ޖެހޭ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.