ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލަފާދޭ ގޮތަށް "ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކަންކަމުގައި ލަފާދޭ ފަނޑިޔާރުންގެ ބޯޑު" ނަމުގައި ބޯޑެއް އުފައްދައިފިއެވެ.
ޖޭއެސްސީން މިއަދު ބުނީ އެ ބޯޑަކީ ކޯޓުތަކުގެ އިދާރީ ހިންގުމާ ގުޅޭގޮތުން ސިޔާސަތު އެކަށައަޅާއިރު، ފަނޑިޔާރުންގެ ބައިވެރިވުން އިތުރުކުރުމަށާއި، ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކަންކަމުގައި އެކުލަވާލާ ސިޔާސަތުތަކަކީ ހާމަކަންބޮޑު އަދި ފަނޑިޔާރުންނާ މަޝްވަރާ ކުރެވިގެން އެކުލަވާލެވޭ ސިޔާސަތުތަކެއްކަމަށް ހެދުމަށް އުފެއްދި ބޯޑެއް ކަމަށެވެ.
އަދި މިއީ ރާއްޖޭގެ އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ އާންމު އިދާރީ ކަންކަން ރާވައި ހިންގައި ބެލެހެއްޓުމުގެ ކަންކަމުގައި ފަނޑިޔާރުންގެ ފަރާތުން ޖޭއެސްސީއަށް ލަފާ ދިނުމަށް އެކުލަވާލި ބޯޑެއް ކަމަށް ބުނެފައިވެއެވެ.
މި ބޯޑުގައި ހިމެނެނީ؛
- އުއްތަމަފަނޑިޔާރު
- ޖޭއެސްސީގެ ރައީސް
- ހައިކޯޓުގެ އިސްފަނޑިޔާރު
- ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓު، ޖޭއެސްސީގައި ތަމްސީލްކުރައްވާ ފަނޑިޔާރު
- ދިވެހިރާއްޖޭގެ ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓު، ޖޭއެސްސީގައި ތަމްސީލްކުރައްވާ ފަނޑިޔާރު
- ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުތައް، ޖޭއެސްސީގައި ތަމްސީލްކުރައްވާ ފަނޑިޔާރު
- ސުޕީރިއަރ ކޯޓުތަކުގެ އިސްޤާޟީންގެ ތެރެއިން އުއްތަމަފަނޑިޔާރު ޢައްޔަންކުރައްވާ ފަނޑިޔާރަކު
- މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންގެ ތެރެއިން އުއްތަމަފަނޑިޔާރު ޢައްޔަންކުރައްވާ ފަނޑިޔާރަކު
- ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ
މި ބޯޑުގެ މެންބަރުންގެ ތެރެއިން ހަތް ވަނަ ނަންބަރާއި އަށް ވަނަ ނަންބަރުގައި ކަނޑައަޅާފައިވާ މެންބަރުން އައްޔަންކުރެވޭނީ، ފަނޑިޔާރުންގެ މެދުގައި ބަހާލެވޭ އުސޫލަކުން ކޮންމެ އަހަރަކުން 01 ފަހަރު ބަދަލުވާ ގޮތުގެމަތީން ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.