މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުލިބިގެން ކޫއްޑޫގައި މަސްވެރިން އިއްޔެ ކުރަންފެށި އިހުތިޖާޖު ހުއްޓުމަކަށް ނުގެންސް އަދިވެސް ކުރިޔަށް ގެންދަމުންދާކަމަށް އިހުތިޖާޖުކުރާ ފަރާތްތަކުން ބުނެފިއެވެ.
ކޫއްޑޫއިން "ޚަބަރު އޮންލައިން"އާއި ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ، އިއްޔެ ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ކޫއްޑުއަށް ވަޑައިގެން ދެއްކި ވާހަކަތަކަށްފަހުވެސް، މަސްވެރިންގެ އިހުތިޖާޖުތައް ހުއްޓާލުމަށް މަސްވެރިން އެއްބަސްވެފައި ނުވާކަމަށެވެ. އޭނާ ބުނި ގޮތުގައި ކޫއްޑޫގައި މަސްކިރުން ހުއްޓުމަކަށް އަދިވެސް އައިސްފައިވާއިރު، އެތަނުގެ އިދާރީ މަސައްކަތްތައްވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެހެންނަމަވެސް ފިޝަރީޒް މިނިސްޓަރު މިހާރު ފުރާވަޑައިގެންފައި ވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިހުތިޖާޖަށް ކޫއްޑުއަށްދިޔަ ގިނަ މަސްދޯނިތައް އަދިވެސް ވީ ކޫއްޑޫގެ ފަޅިގައި އަޅާފައެވެ.

ކޫއްޑޫއިން ވާހަ ދެއްކި މީހާ ކިޔައިދިން ގޮތުގައި މަސްވެރިން މުޒާހިރާ ކުރަމުންދަނީ އެ މީހުން ކިރި މަހަަށް ލިބެންޖެހޭ ފައިސާ ނުލިބި ތިން މަހަށް ދިގުލައިގެން ދިޔުމުގެ ސަބަބުން ކަމުގައެވެ.
ކޫއްޑޫ މަސްވެރިން އިހުތިޖާޖުކުރަމުންދާ މަންޒަރު ފެންނަ ގިނަ ވީޑީއޯތަކެއް އިއްޔެވަނީ ސޯޝަލް މީޑިއާގައި ދައުރު ވެފައެވެ. އެ ވީޑިއޯތަކުން ފެނަ ގޮތުގައި އިހުތިޖާޖު ކުރަމުންދިޔަ ފަރާތްތައް ވަނީ ކޫއްޑޫގެ އިދާރީމަސައްކަތް ކުރާ އިމާރާތްތެރެއަށްވެސް ވަދެގެންފައެވެ. އަދި އިހުތިޖާޖުކުރާ ފަރާތްތައް ހުއްޓުމަށް ފުލުހުން ހަރަކާތްތެރި ވެފައި ވެއެވެ.
މަސްވެރިން އިއްޔެ ކޫއްޑުގައި މުޒާހިރާކުރަން ފެށުމާއެކު، މަސްވެރިކަމާބެހޭ ވަޒީރު ވިދާޅުވީ، މިހާރު ނުދެވި ހުރި ޖުމްލަ 280 މިލިޔަން ރުފިޔާގެ ބެކްލޮގު އެއްކޮށް މާރޗު މަހުގެ 5 ވަނަދުވަހުގެ ނިޔަލަށް ސަރުކާރުން ދައްކާ ނިންމާނެ ކަމުގައެވެ.
މަސްވެރިން މުޒާހިރާ ކޮށްފައިވަނީ އެ މީހުން ކިރި މަހަަށް ލިބެންޖެހޭ ފައިސާ ނުލިބި ތިން މަހަށް ދިގުލައިގެން ދިޔުމުގެ ސަބަބުންކަމަށް މުޒާހިރާ ކުރި ފަރާތްތަކުން ބުނެފައި ވެއެވެ.
މަސްވެރިން މުޒާހިރާ ކޮށްފައިވަނިކޮށް މިނިސްޓަރ ޝިޔާމް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ކޫއްޑޫގައި މަސްވެރިން މިވަގުތު ކުރަމުންދާ އިހުތިޖާޖުގެ ބައިވެރިންގެ ނުތަނަވަސް ކަމަކީ މިވަގުތު ސަރުކާރަށް އެކަމެއްގެ ކަންބޮޑުވުން އެންމެބޮޑަށް އޮތް އަދި އެންމެބާރަށް ހައްލު ކުރަން މަސައްކަތް ކުރަމުން ގެންދާ ކަންބޮޑުވުން ކަމުގައެވެ.
އަދި ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި ޙައްޤުހޯދަން ކުރާ ސުލްހަވެރި އިހުތިޖާޖުތަކަށް މަރުޙަބާކިޔާނެ ކަމަށާއި، ކޫއްޑުގެ އޮޕަރޭޝަން ކުރިޔަށް ގެންދެވޭނެ މާހައުލެއް އޮތުމަކީ އިހުތިޖާޖުގައި ބައިވެރިނުވާ އެތައް ދޯންޏެއްގެ މަސްވެރިންގެ ވަރަށް ބޮޑު އެދުމެއް ކަމަށާއި، އަދި އެ މާހައުލު ޤާއިމުކޮށްދެއްވުމަށް މިވަގުތު އިހުތިޖާޖުގައި ތިއްބެވި މަސްވެރިންގެ އަރިހުން އެދެކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް އިއްޔެ ކޫއްޑުގައި މަސްވެރިންނާއި ކުރި މަޝްވަރާތަކަށްފަހު، އެއްބަސް ވެވުނު ގޮތްތަކާއިގުޅޭ އެއްވެސް މައުލޫމާތެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ