ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެންމެ ގިނަ އިން ވާދަކުރަނީ 130 ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަނުގެ ނައިބު ރައީސް އަދި ތަރުޖަމާނު އިސްމާއިލް ހަބީބު "އެކްސް" އަށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްލަ 368 ކެންޑިޑޭޓުން ވާދަކުރާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 42 އަންހެނުންނާއި 326 ފިރިހެނުން ކަމަށެވެ.
މިފަހަރު އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ އަމިއްލަ ގޮތުންނެވެ. ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ ކެންޑިޑޭޓުން ނެރުނީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން 90 ކެނޑިޑޭޓުންނާ އެކު އެވެ. ދެވަނައިގައި އޮތް ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް 89 ކެނޑިޑޭޓުން ވާދަކުރެއެވެ.
ކެނޑިޑޭޓުންގެ ތަފްސީލް:
– އަމިއްލަ ގޮތުން 130 ކެންޑިޑޭޓުން
– އެމްޑީޕީގެ 90 ކެންޑިޑޭޓުން
– ޕީއެންސީގެ 89 ކެންޑިޑޭޓުން
– ޑިމޮކްރެޓުންގެ 39 ކެންޑިޑޭޓުން
– ޖުމްހޫރީ ޕާޓީގެ 10 ކެނޑިޑޭޓުން
– އަދާލަތު ޕާޓީގެ 4 ކެނޑިޑޭޓުން
– މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ 4 ކެނޑިޑޭޓުން
– މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ 2 ކެނޑިޑޭޓުން
މަޖިލިސް އިންތިހާބުގައި ޖުމްލަ 381 ކެންޑިޑޭޓުން ބައިވެރިވާނެއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ނުވަ ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބާތިލުކޮށްފައި،
ހަބީބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން 372 ކެނޑިޑޭޓަކަށް ޝަރުތު ހަމަވާ ކަމަށެވެ. ނަމަވެސް އޭގެ ފަހުން ހަތަރު ކެނޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ.
ހަބީބު ވިދާޅުވީ ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންގެ ތެރޭގައި މުލަކު ދާއިރާއަށް ވާދަކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެނޑިޑޭޓާއި ގައްދޫ ދާއިރާއަށް ވާދަކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެނޑިޑޭޓާއި ކިނބިދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރާ ކެނޑިޑޭޓަކާއި ޑިމޮކްރެޓިކުންގެ ޓިކެޓުގައި އާ ދައުރަކަށް ވާދަކުރައްވާ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ހިމެނޭ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ކެންޑިޑޭޓުންގެ ނަންތަކުގެ ތަރުތީބާއި އެކި ދާއިރާތަކަށް ވާދަކުރާ ފަރާތްތަކުގެ ތަފްސީލް އިއުލާނު ކުރަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރަމަޟާން މަހާ ދިމާކޮށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. ނަމަވެސް ރަމަޟާން މަސް ނިމުނުތާ 10 ދުވަސް ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުން މިދިޔަ ހަފުތާގައި ވަނީ ފާސްކޮށްފަ އެވެ. ރައިސް މުއިއްޒު އަދި އެ އިސްލާހު ތަސްދީގު ކުރައްވާފައެއް ނުވެ އެވެ.
ކޮމެންޓު ފޮނުވާ