ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި ޖަރުމަނުގެ މިއުނިކަށް މިއަދު ވަޑައިގެންފި އެވެ.
މިނިސްޓަރު ޒަމީރުގެ މި ދަތުރުފުޅުގައި 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 16 އިން 18 އަށް މިއުނިކްގައި ބޭއްވުމަށް ހަމަޖެހިފައިވާ މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގެ 60 ވަނަ އެޑިޝަންގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ. 16 ފެބްރުއަރީ 2024 ގައި "ފްރޮމް ޕޮކެޓް ޓު ޕްލެނެޓް: ސްކޭލިން އަޕް ކްލައިމެޓް ފައިނޭންސް" ގެ ނަމުގައި ބާއްވާ ޕެނަލް ޑިސްކަޝަންގައި ދުނިޔޭގެ އެހެން ލީޑަރުންނާއި އިސްވެރިންނާ އެކު މިނިސްޓަރު ޒަމީރު ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މީގެ އިތުރުން މިނިސްޓަރު ޒަމީރު މި ކޮންފަރެންސްގެ މާޖިންގައި އެހެން ފޮރިން މިނިސްޓަރުންނާއި އިސްވެރިންނާ ބައްދަލުކުރައްވާނެ އެވެ.
މިއުނިކް ސެކިއުރިޓީ ކޮންފަރެންސަކީ ބައިނަލްއަގްވާމީ ސަލާމަތީ ސިޔާސަތާ ބެހޭ ގޮތުން ހަރުދަނާ ބަހުސެއް ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ސަތޭކަ ހައި ޕްރޮފައިލް އަދި ސީނިއާ ނިންމުންތައް ނިންމާ ފަރާތްތަކުގެ ތެރެއިން ގައުމުތަކުގެ ވެރިންނާއި ވަޒީރުންނާއި ބައިނަލްއަގުވާމީ އަދި އަމިއްލަ ޖަމިއްޔާތަކުގެ އިސް ބޭފުޅުންނާއި އިންޑަސްޓްރީ، މީޑިއާ އަދި އެކަޑެމިކްގެ މަތީ ފަންތީގެ މަންދޫބުން ބައިވެރިވާ ކޮންމެ އަހަރަކު ބާއްވާ ކޮންފަރެންސެކެވެ.
މިއީ 1963 ވަނަ އަހަރުގެ ފަހުކޮޅު ޖަރުމަނުގެ ޕަބްލިޝަރެއް ކަމަށްވާ އެވާލްޑް ވޮން ކްލައިސްޓް އުފެއްދެވި ޖަމިއްޔާއެކެވެ.