އަންނަ މާޗް 17 ވަނަ ދުވަހު އޮންނަ މަޖިލިސް އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން 41 ކެންޑިޑޭޓުން ވާދަކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމް ހުށަހަޅައިފިއެވެ.
މަޖިލިހުގެ އިންތިހާބުގައި ކުރިމަތިލުމުގެ މުއްދަތު މިހާރު ހަމަވެފައިވާ އިރު، އެ ޕާޓީން ބުނީ ޑިމޮކްރެޓްސްގެ ފަރާތުން މަޖިލިހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެންޑިޑެސީ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ. އެ ޕާޓީގެ ފަރާތުން 41 ދާއިރާއަކަށް ވާދަކުރާއިރު، އޭގެ ތެރޭގައި 20 ވަނަ މަޖިލިހުގައި ވެސް ހިމެނިވަޑައިގަންނަވާ ބައެއް މެމްބަރުން އެބަތިއްބެވިއެވެ.
އެއީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އާއި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދާއި ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރާއި މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާނެވެ. ފިރުޝާން މިފަހަރު ވާދަކުރައްވަނީ ހުޅުމާލެ ދެކުނު ދާއިރާއަށެވެ.
މިފަހަރުގެ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަށް މެމްބަރުން އިންތިހާބު ކުރާނެއެވެ.