ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓުތައް ގާއިމްކުރުމަށްޓަކައި، އެޗްޑީސީން ޝެންޔަންގް ޔުއާންޑ އިންޓެލެކްޗުއަލް ގުރޫޕް އާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އެޗްޑީސީން ބުނެފައިވަނީ މުޅި ޖުމްލަކޮށް 32 އާ ލިފްޓް މި އެއްބަސްވުމުގެ ދަށުން ހިޔާ ފްލެޓްތަކުގައި ބެހެއްޓިގެންދާނެއެވެ. އެއީ ކޮންމެ ފްލެޓަކަށް އިތުރު ޕެސެންޖަރ އަދި ސްޓްރެޗަރ ލިފްޓެކެވެ.
މި މަޝްރޫއުގެ މަސައްކަތް މިހާރު ފެށިފައި ވާއިރު، މި މަސައްކަތް އެއް އަހަރު ދުވަސް ތެރޭ ނިމިގެންދާނެކަމަށްވެސް އެޗްޑީސީން ބުންޏެވެ.
މި މަޝްރުއަކީ ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ފްލެޓްގެ ދަތިކަން ދިމާވާތީ އެކަމަށް ހައްލެއް ގެނައުމަށް ކުރިއަށް ދެވޭ މަޝްރޫއެކެވެ.
މި ލިފްޓުތައް ގާއިމްކުރުމުން ލިފްޓަށް އެރުމަށް އޮންނަ ކިއޫ ކުޑަވެ، ލިފްޓް ގެ އިންތިޒާރުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަވެގެންދާނެއެވެ.
ފާއިތުވި ކެމްޕޭންގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ހިޔާ ފްލެޓުގައި ދިރިއުޅޭ ރަައްޔިތުންނަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލަ ހައްލު ކުރުމުގެ ގޮތުން މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި ކޮންމެ ހިޔާ ޓަވަރެއްގައި ދެ ލިފްޓް ހަރު ކުރުމަށް ހިމަނާފައިވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓް ގާއިމްކުރާނެ ކަމަށާއި، އެއް ލިފްޓަކީ ސްޓްރެޗާ އުފުލޭ ވަރުގެ ބޮޑު ލިފްޓެއް ކަމަށެވެ. އަދި އަނެއް ލިފްޓަކީ ގާތްގަނޑަކަށް 14 މީހުންގެ ކެޕޭސިޓީގެ ލިފްޓެއް ކަމަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުގައި ލިފްޓް ހަރުކުރުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވެފައިވާއިރު ރައީސް ވައުދުފުޅާއި އެއްގޮތަށް ހިޔާ ފްލެޓްގެ ކުއްޔާއި ވިނަރެސް ފްލެޓުތަކުގެ ކުލި ވަނީ ކުޑަކޮށްފައެވެ.
އެޗްޑީސީން ބުނެފައިވަނީ، އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށް ވީހާވެސް ފަސޭހަ ވާނެހެން ކަންތައް ކޮށްދިނުމަށް ކަމުގައެވެ.
ކޮމެންޓު ފޮނުވާ