މާލެ ސިޓީގެ ތޮއްޖެހުން މަދުކުރުމަށް މާލެ ސިޓީގެ އެކި ތަންތަނުގައި ބަހައްޓާފައި ހުރި ބާ އުޅަނދުތައް ނައްތާލަން ބޭނުންވާ މީހުން އެކަމަށް އެދި ޓްރާންސްޕޯޓު މިނިސްޓްރީއަށް ހުށަހަޅަން މިއަދު ހުޅުވާލައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މާލެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ދިމާވެފައިވާ މައްސަލަތަކާއި މަގުމަތި ތޮއްޖެހުމުގެ ސަބަބުން އާއްމުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން، އެކަމަށް ހާއްސަ ކޮށްގެން އުފައްދާފައިވާ "އާބަން ޓްރެފިކް ޑީ ކޮންޖެޝަން މެނޭޖްމަންޓް ކޮމިޓީ"ގެ މަޝްވަރާއާ އެކު، އެއްގަމު އުޅަނދުތަކުގެ ވެރިފަރާތުން އަމިއްލަ އަށް އެ އުޅަނދެއް ނައްތާލަން ބޭނުންވާ ނަމަ އެ ފުރުސަތު ދޭން މިނިސްޓްރީން ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.
ފުލުހުންނާއި ވެމްކޯއާ ވެސް ގުޅިގެން ހިންގާ ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށް އެެދޭ ހާއްސަ ފޯމު ފުރުމަށް ފަހު އީމެއިލް ހުށަހަޅަން ޖެހެއެވެ. މި ފޯމު މިނިސްޓްރީގެ ރިސެޕްޝަނުން ވެސް ލިބޭނެއެވެ. ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ނަމަ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ މަހުގެ 3 ވަނަ ދުވަހާ ހަމައަށް، އެކަމަށް ހާއްސަ ފޯމު ފުރުމަށް ފަހު transport.gov.mv@1511 އަށް އީމެއިލްކުރެވޭނެއެވެ.
މިނިސްޓްރީން ބުނީ އެ މުއްދަތުގައި ލިބޭ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރާނީ ވައިބާ ވީޑިއޯ ކޯލެއް މެދުވެރިކޮށް ކަމަށާއި ވެރިފަރާތް ކަށަވަރު ކުރެވުމުން ފުލުހުންނާއި ވެމްކޯއާ ގުޅިގެން އުޅަނދު ނައްތާލާނެ ކަމަށެވެ. އަމިއްލައަށް އުޅަނދުތައް ނައްތާލާނަމަ ތިލަފުއްޓަށް ގެންދަން ވެސް އެ އުޅަނދުގެ ވެރިފަރާތުން ހަރަދުކުރަންޖެހެއެވެ. އެކަމަކު، މިނިސްޓްރީގެ މި ޕްރޮގްރާމްގައި ބައިވެރިވާނަމަ އެއްވެސް ހަރަދެއް ކުރާކަށް ނުޖެހޭނެއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން މީގެ ކުރިން ބޭއްވި ނިއުސް ކޮންފަރެންސެއްގައި، މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ މިދިޔަ ފަސް އަހަރުގެ ތެރޭގައި 69،780 އުޅަނދު އަލަށް ރަޖިސްޓަރީ ކޮށްދީފައިވާ ކަމަށެވެ. އޭގެ ތެރެއިން 42،000 އަށް ވުރެ ގިނަ އުޅަނދު ރަޖިސްޓަރީކުރީ މާލެ އަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު، މިހާރު އުޅަނދުތައް ރަޖިސްޓްރީކޮށްދޭ މިންވަރު ބޮޑު ތަނުން މަދުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.