ގއ.ދާންދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 3 އަހަރުގެ ކުއްޖަކު ސީރިއަސްވެ އިތުރު ފަރުވާ ދިނުމަށް މާލެ ގެނައުމަށް ނިންމައިފިއެވެ.
މިއަދު އިރުއޮއްސުނު ވަގުތު ހިނގި މި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއްވެފައިވަނީ 3 އަހަރުގެ އަންހެން ކުއްޖަކަށެވެ. މިއެކްސިޑެންޓު ހިނގީ އެރަށު ބޭރު މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެންކަމަށް އެރަށު ކައުންސިލުން ބުނެއެވެ. މިއީ އެސަރަހައްދުގެ ގެއެއްގެ ދޮރުމަތީގައި ހުރި ކުއްޖެއްކަމަށްވެސް ދާންދޫ ކައުންސިލުން ބުނެއެވެ. މި އެކްސިޑެންޓްގައި ކުޑަކުއްޖާ ވަރަށް ބާރަށް ވިއްސައިގެން ދުރަށް ދިޔަކަމަށް މަންޒރުދުއް ބައެއް މީހުން ވަނީ ބުނެފައެވެ. އެކުއްޖާގެ ބޯފަޅައިގެންގޮސް ފަޔަށްވެސް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާކަމަށްވެސް ކައުންސިލުން ބުނެއެވެ. އެކުއްޖާއަށް ލިބުނު ސީރިއަސް އަނިޔާތަކަށް އެއަތޮޅު ވިލިގިއްޔަށް ފަރުވާ ދިނުމަށް ގެންދިއުމަށްފަހު އިތުރު ފަރުވާއަށް މިހާރު މާލެ ގެނައުމަށް ވަނީ ނިންމާފައެވެ. އެކްސިޑެންޓްވި ކުއްޖާއަކީ ފުވައްމުލަކަށް ނިސްބަތްވާ ކުއްޖެއްކަމަށް މަޢުލޫމާތު ލިބެއެވެ.
ދާންދޫގައި އެކްސިޑެންޓް ހިނގިއިރު ސައިކަލް ދުއްވަން އިނީ ޢުމުރުން 19 އަހަރުގެ ޒުވާނެކެވެ. އަދި އޭގެ އަތުގައި ސައިކަލް ދުއްވުމުގެ ލައިސަންސް ނެތްކަމަށްވެސް މަޢުލޫމާތު ލިބެއެވެ. މި އެކްސިޑެންޓު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އިރުއޮއްސި 18:10 ހާއިރުކަމަށް ފުލުހުން ބުނެއެވެ. މިމައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަޙްގީގުކުރަމުންނެވެ.
ކޮމެންޓު ފޮނުވާ