މިމަހު ސައުދީ އަރަބިއާގައި ވެކްސިން ދޭން ފެށުމަށް ވަނީ ހަމަޖެހިފައި

ކޯވިޑް19 ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ސައުދީ އަރަބިޔާއަށް އެތެރެ ކޮށްފި

ކޯވިޑް19 ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ސައުދީ އަރަބިޔާއަށް އެތެރެ ކޮށްފި

ސައުދީ އަރަބިއާއަށް އެތެރެކުރާ ކޯވިޑް19 ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް މިއަދު އެގައުމަށް އެތެރެ ކޮށްފައިވާ ކަމަށާއި، ވެކްސިން ދިނުމަށްޓަކާ ކަޑައެޅިފައިވާ ސަރަހައްދުތަކަށް ކުރިތަށް އޮތް 3 ދުވަހުގެ ތެރޭގައި ވެކްސިންގެ ޑޯޒުތައް ފޯރުކޮށް ދެވޭނެ ކަމަށް، ސައުދީ ހެލްތު މިނިސްޓަރ ތައުފީގް އަލް ރާބިއާ އާއި ހަވާލާދީ، އަލް-އަރަބިއްޔާ ޓީވީން ރިޕޯޓު ކޮށްފިއެވެ.

"އަހަރެން ވަރަށް އުފަލާއެކު، ސައުދީގެ އެންމެހާ ރައްޔިތުންނަށާއި އަދި ގައުމުގެ ދިރިއުޅޭ އެންމެހާ ރައްޔިތުންނަށްވެސް ދަންނަވަން، މިއަދު ހެދުނުގެ ވަގުތެއަގައި ކޯވިޑް19 ވެކްސިންގެ ފުރަތަމަ ޝިޕްމަންޓްވަނީ ސައުދީ އަރަބިއާއަށް އެތެރެ ކުރެވިފައި. އިރާދަ ކުރެއްވިއްޔާ މިއީ، ކޯވިޑް19 ކާރިސާގެ ނިމުމުގެ ފެށުން. އަދި ސައުދީ އަރަބިއާގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށްވެސް ވީހާ އަވަސް މުއްދަތެއްގައި ވެކްސިން ފޯރު ކޮށްދެވިގެން ދާނެ،" ސައުދީ ބަޖެޓް ފޯރަމް 2021 ގައި ވާހަކަ ދައްކަވަމުން، އެގައުމުގެ ހެލްތު މިނިސްޓަރ އަލް-ރާބިއާ ވިދާޅުވިއެވެ.

މި ފޯރަމްގައި އިތުރަށް ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރ އަލް-ރާބިއާ ވިދާޅުވެފައިވަނީ، ޗައިނާއިން ދުނިޔޭގެ އެހެން ގައުމުތަކަށް ކޮރޯނާ ވައިރަސް ފެތުރެން ފެށި ހިސާބުން ފެށިގެންވެސް، ސައުދީ ސަރުކާރުން ވަނީ، ވަރަށް ރަގަޅަށް ކޯވިޑް19 ކޮންޓްރޯލް ކޮށްފައި ކަމުގައެވެ.

"ކޯވިޑް19 ދުނިޔޭގައި ފެތުރެން ފެށުމާއެކު އަހަރުމެންނަށް ފެނިގެން ދިޔައީ، މެޑިކަލް ސާމާނު ހޯދުމުގެ ވާދަވެރިކަމެއް މުޅި ދުނިޔޭގައި ފެތުރެން ފެށި ތަން. އެހެންނަމަވެސް، ސައުދީ އަރަބިއާއިން އިސްކަން ދިނީ ގައުމުގެ ރައްޔިތުންގެ ސިއްޙަތަށް. ނަތީޖާއެއްގެ ގޮތުން، ސައުދީގެ ހޮސްޕިޓަލްތަކުގައި ހުރި، އައިސީޔޫ އެދުތަކުގެ އަދަދު، 3 މަސް ދުވަހުގެ ތެރޭގައި %60 ވަނީ އިތުރު ކުރެވިފަ،" އޭނާ ވިދާޅުވިއެވެ.

ސައުދީ ސަރުކާރުން މިހަފްތާގެ ހޯމަ ދުވަހު ވަނީ، ވެކްސިން ޖަހަން ބޭނުންވާ އެގައުމުގެ ރައްޔިތުން އަމިއްލައަށް ރަޖިސްޓަރ ވުމަށްޓަކާ ޚާއްސަ އެޕްލިކޭޝަންއެއް ލޯންޒް ކޮށްފައެވެ. މިއެޕްލިކޭޝަން ލޯޗްކުރި ފުރަތަމަ ދުވަހު އެކަނިވެސް، 150،000 އަށްވުރެ ގިނަ މީހުންވަނީ ވެކްސިން ޖެހުމަށް ރަޖިސްޓްރީ ވެފައި ވެއެވެ.

ސައުދީ ސަރުކާރުން މީގެކުރިން ހާމަކޮށްފައިވާ ގޮތުގައި، ކޯވިޑް19 ވެކްސިން އެގައުމުގެ ރައްޔިތުންނަށް، ސަރުކާރުން މުޅިން ހިލޭ ފޯރުކޮށްދޭނެއެވެ.

ސައުދީވެކްސް ފާމަސޫޓިކަލް ކުންފުނީގެ މެނޭޭޖިން ޑިރެކްޓަރ ޑރ. މާޒިން ހަސަނައިން ސައުދީ ޓީވީގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ، ސަރުދީ ރައްޔިތުންނަށް ވެކްސިން ޖެހުން މަޖުބޫރު ކުރެވިގެން ނުދާނެކަމުގައެވެ.

ސަައުދީ ހެލްތު މިނިސްޓްރީން ބުނެފައިވަނީ، ވަކްސިން ޖެހުމުގެ ކެމްޕޭންގެ ފުރަތަމަ ފޭސް މިމަހުގަ ފެށިގެންދާ ގޮތަށް އަންނަ އަހަރުގެ މާޗްމަހާ ހަމައަށް އެގައުމުގައި ކުރިޔަށް ދާނެއެވެ. އަދި ވެކްސިން ޖެހުމުގައި އެންމެ އިސްކަން ދެވޭނީ، އުމުރުން 65 އަހަރުން މަތީގެ މީހުންނަށާ، ސިއްޙީ އެހީތެރިންނާއި، އަދި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށް ކަމަށްވެސް އެމިނިސްޓްރީން ހާމަ ކޮށްފައިވެއެވެ.

ވެކްސިން ޖެހުމުގެ ދެވަނަ ފޭސް ސައުދީގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، މާރޗް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ. މި ފޭސްގައި އިސްކަން ދިނުމަށް ހަމަޖެހިފައިވަނީ، އުމުރުން 50 އަހަރުން މަތީގެ މީހުންގެ އިތުރުން، ނޭވާ ހިއްލުމުގެ ބަލި ހުންނަ މީހުންނާ، ހަކުރު ބަލީގެ މީހުންނާ، ހިތުގެ ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އިތުރުން، ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނެވެ.

ސައުދީ ސަރުކާރުން ހަމަޖައްސާފައިވާ ގޮތުގައި، ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ވެކްސިން ދޭން ފެށިގެންދާނީ، އަންނަ އަހަރުގެ ޖުލައި މަހުން ފެށިގެންނެވެ. އަދި އަމިއްލަ ކުންފުނިތަކުގައާއި އަދި ސަރުކާރުގައި މަސައްކަތް ކުރާ އާންމު މުވައްޒަފުންނަށް ވެކްސިން ދޭން ފެށޭނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެންނެވެ.

މިހަފްތާގެ އަންގާރަ ދުވަހު އެކަނިވެސް، ސައުދީގައި 142 މީހުން ކޯވިޑް19 އަށް ޕޮޒިޓިވް ވެފައި ވެއެވެ. އަދި މިހާތަނަށް މުޅި ޖުމްލަ 360،335 މީހުން ކޯވިޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު، ޖުމްލަ 6080 މީހުން ވަނީ އެގައުމުގައި މިބަލީގައި މަރުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *