ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި 4 ދާއިރާއެއްގައި ވާދަނުކުރަން އެމްޑީޕީން ނިންމައިފިއެވެ.
ހަތަރު ދާއިރާއަކީ؛
- ފެލިދޫ ދާއިރާ
- ތ. ގުރައިދޫ ދާއިރާ
- ނިލަންދޫ ދާއިރާ
- ފުވައްމުލައް އުތުރު ދާއިރާ
އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެދާއިރާތަކަށް އެމްޑީޕީން ވާދަ ނުކުރިނަމަވެސް، އެދާއިރާތަކަށް ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން ކޮންމެވެސް ކެނޑިޑޭޓަކަށް އެމްޑީޕީން ތާއީދު ކުރާނެ ކަމުގައެވެ.
ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި ވާދަކުރަން ހުޅުވައިލި މުއްދަތު ހަމަވިއިރު، އެއްވެސް މީހަކު ކުރިމަތިނުލާ 14 ދާއިރާއެއް ފުރަތަމަ އޮތެވެ. އެ ފަހުން ޕާޓީގެ ލީޑާޝިޕުން ޝައުގުވެރިވާ މީހުން ބެލުމަށް ފަހު، އެއިން 10 ދާއިރާއަކަށް ޕްރައިމަރީއަކާ ނުލައި ޓިކެޓު ވަނީ އަރުވައިފަ އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ ފޯމްތައް އިލެކްޝަން ކޮމިޝަން (އީސީ) އަށް މިއަދު ވަނީ ހުށަހަޅާފައެވެ.
ދަރުބާރުގޭގައި ގާއިމްކޮށްފައިވާ އިންތިހާބާ ބެހޭ މަރުކަޒަށް ކެންޑިޑޭޓުންގެ ފޯމްތައް މިއަދު ހުށަހަޅާފައިވާއިރު ޕާޓީގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ދަރުބާރުގޭގައި ހަދާފައިވާ އިންތިހާބުގެ މައި މަރުކަޒުން އެމްޑީޕީގެ ކެންޑިޑޭޓުންގެ ފޯމުތަކާ ހަވާލުވެވަޑައިގަތީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނެވެ.
މަޖިލިސް އިންތިހާބުގައި އެމްޑީޕީން ހުރިހާ ދާއިރާއަކަށްވެސް ކެންޑިޑޭޓުން ވަނީ ނެރެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ހުޅުވާލީ މިދިޔަ ޖެނުއަރީ 30 ވަނަ ދުވަހު އެވެ. މިމުއްދަތު ހަމަވާނީ އަންނަ އަންގާރަ ދުވަހު އެވެ.
މިއަހަރުގެ މަޖިލިސް އިންތިޚާބު އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް އީސީން ނިންމާފައިވީ ނަމަވެސް ކުރިއަށް އޮތް ރޯދަ މަސް ނިމޭ ދުވަހުން ފެށިގެން 10 ދުވަސް ފަހުން އިންތިހާބު ބާއްވަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ އިންތިޚާބުތަކާބެހޭ ޢާއްމު ގާނޫނު ފަސްކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ